ސްޕެނިޝް ލީގުގައި ވާދަވެރި އެތުލެޓިކޯ މެޑްރިޑް އަތުން މޮޅުވެ ރެއާލް މެޑްރިޑުން އެއްވަނައިގައި ބޮޑު ލީޑެއް ނަގައިފިއެވެ.
ރެއާލްގެ އަމިއްލަ ދަނޑުގައި ރޭ ކުޅުނު މެޗު އެޓީމުން ކާމިޔާބުކުރީ 0-2 ގެ ނަތީޖާއަކުންނެވެ.
މި މެޗު ފަށައިގެން ރެއާލުން ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ މެޗުގެ 16 ވަނަ މިނެޓުގައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ، ކަރީމް ބެންޒެމާއެވެ. މި ލަނޑާ އެކު ބެންޒެމާ މި ސީޒަނުގައި ރެއާލަށް ޖަހައިދިން ލަނޑުގެ އަދަދު ވަނީ 13 އަށް އަރާފައެވެ. މެޗުގައި އެތުލެޓިކޯ މެޑްރިޑުން ރެއާލްގެ ގޯލާ އަމާޒުކޮށް ގިނަ ހަމަލާތަކެއް މެޗުގައި ފޮނުވާލި ނަމަވެސް ލަނޑެއް ކާމިޔާބުކުރެވޭގޮތް ވަނީ ނުވެފައެވެ.
މެޗުގެ ދެވަނަ ހާފު ފަށައިގެން ރެއާލުން ލީޑު ފުޅާކުރީ 57 ވަނަ މިނެޓުގައެވެ. މި ލަނޑު ރެއާލަށް ކާމިޔާބުކޮށްދިނީ، މާކޯ އެސެންސިއޯ އެވެ. މިއީ އޭނާ މިފަހަރުގެ ސީޒަނުގައި ރެއާލްއަށް ކާމިޔާބުކޮށްދިން ފަސް ވަނަ ލަނޑެވެ.
މި ނަތީޖާއާއެކު ލީގުގައި މިހާތަނަށް ކުޅުނު 17 މެޗުން ހޯދި 42 ޕޮއިންޓާއެކު އެއްވަނައިގައި އޮތީ ރެއާލް މެޑްރިޑެއެވެ. ދެވަނައިގައި 16 މެޗުން ހޯދި 34 ޕޮއިންޓާއެކު އޮތީ، ސެވިއްޔާއެވެ. އަދި ތިންވަނައިގައި ރެއާލް ބެޓިސް 33 ޕޮއިންޓާއެކު އޮތްއިރު، ހަތަރު ވަނައިގައި އޮތީ އެތުލެޓިކޯ މެޑްރިޑެއެވެ.