މެއި 6ގެ ހަމަލާ: އަދުހަމަށް ހުކުމްކުރުން އަންގާރަ ދުވަހު

މެއި 6ގެ ހަމަލާ: އަދުހަމަށް ހުކުމްކުރުން އަންގާރަ ދުވަހު

Author
މުޙައްމަދު ޖިމީ
12 ޑިސެމްބަރ 2021 04:38
0

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ދިންހަމާލާގާއި ބޮން ގޮއްވާލި އަޙްމަދު އަދުހަމަށް ޙުކުމް އިއްވުމަށް ބާއްވާ އަޑުއެހުން އަންނަ އަންގާރަ ދުވަހަށް ތަޢާވަލުކޮށްފިއެވެ.

އަދުހަމަކީ މެއި 6 ވަނަ ދުވަހު ރައިސް ނަޝީދު އަވަހާރަކޮށްލުމަށް ދިން ބޮމުގެ ހަމަލާގައި، ރިމޯޓް ބޭނުންކޮށްގެން ބޮން ގޮއްވާލި މީހާއެވެ. އޭނާގެ މައްޗަށް ދައުލަތުން ވަނީ 4 ދަޢުވާއެއް އުފުލާފައެވެ. އަދުހަމަށް ދައުލަތުން ކުރާ ދައުވާތަކަކީ ޓެރަރިޒަމްގެ އަމަލެއް ކުރުން، ޓެރަރިޒަމްގެ އަމަލެއް ކުރަން ރޭވުން، ތޫނު އެއްޗެއް ނުވަތަ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މަރާލަން އުޅުން އަދި ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރުމުގެ ދައުވާއެވެ. އަދުހަމް ވަނީ އޭނާގެ މައްޗަށް އުފުލާފައިވާ ދަޢުވާތަކަށް އިއުތިރާފްވެފައެވެ. ދައުލަތުން އަދުހަމްގެ މައްޗަށް ދައުވާ އުފުލީ އޭނާ ކުށަށް އިއުތިރާފްވުމުގެ އެއްބަސްވުމެއް އެކުލަވާލުމަށްފަހުއެވެ.

ޤައުމީ ސަލާމަތަށް ނުރައްކާވެދާނެކަމަށް ކަނޑައަޅައި މިމައްސަލައިގެ އަޑުއެހުންތައް ކުރިއަށްގެންދަނީ ސިއްރުކޮށްގެންނެވެ. ޕްރޮސެކިއުޓަރަ ޖެނެރަލްގެ އޮފީހުން ބުނީ އަދުހަމާއެކު ދައުލަތުން ހެދި އިއުތިރާފްގެ އެއްބަސްވުން މިއަދު ޝަރީއަތަށް ބަލައިގަނެފައިވާކަމަށެވެ، މިމައްސަލައިގައި އަދުހަމްއާއެކު އެއްބަސްވުން ހެދުމުން އޭނާގެ މައްޗަށް އަންނަ 37 އަހަރުގެ ހުކުމް 23 އަހަރަށް ކުޑަވެގެން ދާނެކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

ޕީޖީ ބުނެފައިވަނީ އިއުތިރާފް އެއްބަސްވުން ހެދެނީ ޖިނާއީ އިޖުރައާތުގެ ޤާނޫގެ ދަށުން ކަމަށެވެ. ޤާނޫނުގެ ތެރެއިން އެއްބަސްވުން ހަދާއިރު، ކުށްވެރިއާއެކު ވެވޭނެ އެއްބަސްވުންތައް ބަޔާންކޮށްފައިވާ ކަމަށެވެ. އަދި އަދުހަމްއާއެކު އެއްބަސްވެފައިވަނީ ޤާނޫނުގެ ތެރެއިން ކަމަށް ޕީޖީ ބުންޏެވެ.

އަދުހަމް ހައްޔަރުކޮށްފައިވަނީ ހަމަލާދިންތާ ދެ ދުވަސް ފަހުން ހުޅުމާލޭގައި އޭނާ ދިރިއުޅޭ އެޕާޓްމަންޓުންނެވެ. އޭނާ ހައްޔަރުކުރިއިރު ވަނީ ސިފަ ބަދަލު ކުރުމަށްވެސް މަސައްކަތް ކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.