ފީއަލީގެ ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢު އެމްޓީސީސީއަށް

ފީއަލީގެ ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢު އެމްޓީސީސީއަށް

Author
މުޙައްމަދު ޝަޒައިމް
12 ޑިސެމްބަރ 2021 03:56
0

ފ. ފީއަލީގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢު ސަރުކާރުން މިއަދު އެމްޓީސީސީއާއި ހަވާލުކޮށްފިއެވެ.

މި މަޝްރޫޢު ޙަވާލުކުރުމަށް މިއަދު މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ގައި ބޭއްވި ރަސްމިއްޔާތުގައި، އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރ އާދަމް އާޒިމްއެވެ. އަދި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް ފާތުމަތު ޝާނާ ފާރޫޤެވެ. މި ރަސްމިއްޔާތުގައި ބިލެތްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމް އާއި އެމްޓީސީސީގެ ޗީފް އޮޕަރޭޓިންގ އޮފިސަރ ޝާހިދު ހުސެއިން މޫސާގެ އިތުރުން ބޯޑު މެންބަރު އަލްއުސްތާޛް މުހައްމަދު ފަރީދުވެސް ވަނީ ބައިވެރިވެ ވަޑައިގެންނެވިއެވެ.

މި މަޝްރޫޢުގެ ދަށުން، 8.13 ހެކްޓަރުގެ ބިން ހިއްކުމާއި، 606,1 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 150 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިން ޖެހުން ހިމެނެއެވެ. މި މަޝްރޫޢު އަކީ 85.66 މިލިޔަން ރުފިޔާގެ މަޝްރޫޢެކެވެ. ހަމައެހެންމެ މި މަޝްރޫޢު 450 ދުވަސް ތެރޭގައި ފުރިހަމަކޮށް ނިންމުމަށް ވަނީ ހަމަޖެހިފައެވެ.

މިވަގުތު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެމްޓީސީސީގެ 63 މަޝްރޫޢެއްގެ މަސައްކަތް ދަނީ ކުރެވެމުންނެވެ. މީގެތެރެއިން 8 މަޝްރޫޢަކީ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢެވެ. އަދި 7 މަޝްރޫޢަކީ ބިންހިއްކުމުގެ މަޝްރޫޢެވެ. މިވޭތުވެދިޔަ 3 އަހަރު ދުވަހުގެތެރޭގައި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ 6 މަޝްރޫޢެއްގެ މަސައްކަތުގެ އިތުރުން، ބިން ހިއްކުމުގެ 5 މަޝްރޫޢެއްގެ މަސައްކަތް ވަނީ ނިންމާފައެވެ. އެމްޓީސީސީ އުފެދުނީއްސުރެ ރާއްޖޭގެ ޢުމްރާނީ ތަރައްޤީ އާއި އިޖުތިމާޢީ ވަޞީލަތްތައް ބިނާކުރުމުގައި މުހިއްމު ދައުރެއް ދަނީ އަދާކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.