2018ގެ އިންތިޚާބު ފޭރިގަނެފައިވާކަން އިލެކްޝަން ކޮމިޝަންސްގެ އޭރުގެ ރައީސް އަހުމަދު ޝަރީފްގެ މިއަދު ކުރެއްވި ޓުވީޓުތަކުން ރައްޔިތުންނަށް އެއްވެސް ޝައްކެތް ނެތް މިންވަރަށް ޔަގީން ކުރެވިފައިވާކަމަށް ޕީޕީއެމްގެ ނައިބް ރައީސް އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
އިދިކޮޅު ކޯލިޝަނުން ރޭ ކާނިވަލުގައި ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވިދާޅުވީ އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ރައީސް އަހުމަދު ޝަރީފަކީ ޚާއިނުންގެ ތެރެއިންވެސް އަރާ ހުރި ޚާއިނެއް ކަމަށެވެ. ޔާމީން ވިދާޅުވީ ރައްޔިތުންނަށް ނިކަމެތިކަން ގެނުވީ އަމާނާތެއް ހަވާލުކޮށް، ގާނޫނީ ހުވާތަކެއް ކޮށްގެން ތިބި ބަޔަކު، އެމީހުންގެ ޒިންމާއިން އެއްކިބާވެ ތިބެގެން އަމިއްލަ ފައިދާއަށް ކުރި މަސައްކަތްތަކެއްގެ ސަބަބުން ކަމަށެވެ. ރާއްޖެ އަޅުވެތިކަމަށް ދިއުމުގެ ސަބަބަކީ އެއީކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ޔާމީން ވިދާޅުވީ ވެރިކަން ބަދަލުވެ ދިޔަ ގޮތާއި އިންތިޚާބުގައި އޮޅުވާލި ކަން ދައުލަތުގެ މުއައްސަސާތަކުގެ ވެރިންގެ ގޮތުގައި ތިއްބެވި ބޭފުޅުންނަށް ވަރަށް ސާފުކޮށް އެނގިވަޑައިގަންނަވާނެ ކަމަށެވެ. ހާއްސަކޮށް އަސްކަރިއްޔާގައި އިސްކޮށް ތިއްބެވި ބޭފުޅުންގެ ދައުރު އެކަމުގައި ބޮޑު ކަަމަށް ޔާމީން ވިދާޅުވިއެވެ. ޔާމީން ވިދާޅުވި ގޮތުގައި ޕީޕީއެމް ވެރިކަމަށް އަންނަ ދުވަހަކުން އެކަމުގެ ހަގީގަތް އެނގޭނެ ކަމަށެވެ.
ޔާމީންގެ ވާހަކަތަކާއި ގުޅިގެން ޝަރީފް ވަނީ ވަރަށް ބޮޑަށް ކޯފާވެ، ރައީސް ޔާމީންގެ ވާހަކަތަކަށް ރައްދު ދެއްވާފައެވެ. ޝަރީފް ވިދާޅުވީ ދިވެހި ހުރިހާ ރައްޔިތުންގެ ކުރިމަތީގައި ވޯޓުލައި، ގުނި ވޯޓަކުން ބަލި ވުމުން ބަލި ޤަބޫލުނުކުރަން އަދިވެސް އުޅުމަކީ ވަރަށް ހުތުރު ކަމެއްކަމަށެވެ. އަދި މިއީ ތަންދޮރު ނުދަންނަ ޖާހިލުން ކަންކަން ކުރައްވާ ގޮތަށް ރައީސް ޔާމީން ދެއްކެވި ވާހަކަތަކެެއްކަމަށް ޝަރީފް ވަނީ ވިދާޅުވެފައެވެ.
ޝަރީފްގެ މިވާހަތަކާއި ގުޅިގެން ޝިޔާމް ވިދާޅުވީ ރައީސް ޔާމީންގެ ވާހަކަފުޅާއި ގުޅިގެން ޝަރީފް މިހާ ބޮޑަށް ކޯފާވެ، އިބާރާތް ހުންނެވި ގޮތުން އިންތިޚާބު ފޭރިގަނެފައިވާކަން ދިވެހި ރައްޔިތުންނަށް ކަށަވަރު ވެފައިވާކަމަށެވެ. މިކަމަކީ މިހާރުވެސް ތަހުގީގުކޮށް ބަލަންޖެހޭ މައްސަލައެއް ކަމަށް ޝިޔާމް ވިދާޅުވިއެވެ.
2018ގެ ރިޔާސީ އިންތިޚާބު ބޭއްވުނުއިރު އިލެކްޝަސް ކޮމިޝަންގެ ރައީސަކަށް ހުންނެވި ބޭފުޅަކު މި ޓޫވީޓު މިއިބާރާތުން ކުރެެއްވީމާ ރާވައިގެން އިންތިޚާބު ފޭރިގަނެފައި އޮތްކަން ޝައްކެތް ނެތްމިންވަރަށް ޔަގީންކޮށްދޭ. މިކަން ތަހުގީގް ކުރަންޖެހޭ.
– ދައުލަތުގެ ކަމާއި ގުޅުންހުރި އިދާރާތައް ޓެގްކޮށް ޝިޔާމް ކުރެއްވި ޓުވީޓުގައި ވިދާޅުވިއެވެ.
2018 Riyaasee Inthikhab beyvvunu iru @ElectionsMv ge Raeesakah hunnevi beyfulhaku mi tweet mi ibaaraathun kurevveema raavaigen inthikhab feyriganefai oiykan shakkeh neiy minvarah yageenkohdhey. Mikan thahuqeeg kuranjehey @PoliceMv @PGO_MV @SCMaldives https://t.co/QUrN5mFNm9
— Ahmed Shiyam (@Shiyamaldives) December 11, 2021
ރިޔާސީ އިންތިހާބުގެ ވޯޓު އޮޅުވާލައި މަކަރު ހަދާފައިވާ ކަމަށް ބުނެ ޕީޕީއެމުން އެ މައްސަލަ ސުޕްރީމް ކޯޓަށް ވެސް ހުށަހެޅިއެވެ. އެ މައްސަލައިގައި އިދިކޮޅުން ވަނީ ސިލްސިލާ މުޒާހަރާތަކެއް ވެސް ބާއްވައިފައެވެ. އިދިކޮޅުގެ އެންމެ ބޮޑު ފާޑު ކިޔުމެއް އަމާޒުވީ ވެސް ޝަރީފަށެވެ. އެކަމަކު، ސުޕްރީމް ކޯޓުން ނިންމާފައި ވަނީ ރިޔާސީ އިންތިޚާބު ބާތިލްކޮށް އަލުން އިންތިޚާބު ބާއްވަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ.
ކޮމެންޓު ފޮނުވާ