އްވާފަ

"ތަންދޮރު ނުދަންނަ ޖާހިލެއްހެން ހިތައްއައިހައި އެއްޗެއް ކިޔުމަކީ މާރީތި ކަމެއްނޫން"

"ތަންދޮރު ނުދަންނަ ޖާހިލެއްހެން ހިތައްއައިހައި އެއްޗެއް ކިޔުމަކީ މާރީތި ކަމެއްނޫން"

ނިމިދިޔަ ރިޔާސީ އިންތިޚާބުގައި އިލެކްޝަންސް ކޮމިޝަނުން ވޯޓު އޮޅުވާލައި، ޝަރީފާއި ގުޅޭގޮތުން ކުރީގެ ރައީސް އަބްދުﷲ ޔާމީން ރޭ ދެއްކެވި ވާހަތަކާއި ގުޅިގެން އޭނާގެ ބަހުގެ ހޫނު ހަމަލާތަކެއް ރައީސް ޔާމީނަށް އަމާޒުކޮށްފިއެވެ.

ރައީސް ޔާމީނާއިއެކު ގިނަ ދުވަސްތަކެއް ވަންދެން ސިޔާސީ މަސައްކަތްތަކެއް ކުރައްވާފައިވާ ޝަރީފް އިލެކްޝަން ކޮމިޝަނަށް އައްޔަން ކުރެއްވީވެސް ރައީސް ޔާމީންގެ ވެރިކަމުގައެވެ. ނިމިދިޔަ ރިޔާސީ އިންތިޚާބުގައި އިންތިޚާބުގެ ނަތީޖާ އޮޅުވާލައި، އޭރުގެ އިދިކޮޅު ފަރާތްތަކާއި ބައިއަތު ހިފައި ވޯޓުއޮޅުވާލާފައިވަނީ ޝަރީފް އަޑީގައި ހުންވައިގެންކަމަށް ރައީސް ޔާމީނާއި އެމަނިކުފާނަށް ތާއީދު ކުރައްވާ ފަރާތްތަކުން ވަނީ ދަނީ ވިދާޅުވަމުންނެވެ.

ރޭ ކާނިވާ ސަރަހައްދުގައި ބޭއްވި "ކޮތަރުކޮށި" ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ރައީސް އަހުމަދު ޝަރީފަކީ ޚާއިނުންގެ ތެރެއިންވެސް އަރާ ހުރި ޚާއިނެއް ކަމަށެވެ. ޔާމީން ވިދާޅުވީ ރައްޔިތުންނަށް ނިކަމެތިކަން ގެނުވީ އަމާނާތެއް ހަވާލުކޮށް، ގާނޫނީ ހުވާތަކެއް ކޮށްގެން ތިބި ބަޔަކު، އެމީހުންގެ ޒިންމާއިން އެއްކިބާވެ ތިބެގެން އަމިއްލަ ފައިދާއަށް ކުރި މަސައްކަތްތަކެއްގެ ސަބަބުން ކަމަށެވެ. ރާއްޖެ އަޅުވެތިކަމަށް ދިއުމުގެ ސަބަބަކީ އެއީކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ޔާމީން ވިދާޅުވީ ވެރިކަން ބަދަލުވެ ދިޔަ ގޮތާއި އިންތިޚާބުގައި އޮޅުވާލި ކަން ދައުލަތުގެ މުއައްސަސާތަކުގެ ވެރިންގެ ގޮތުގައި ތިއްބެވި ބޭފުޅުންނަށް ވަރަށް ސާފުކޮށް އެނގިވަޑައިގަންނަވާނެ ކަމަށެވެ. ހާއްސަކޮށް އަސްކަރިއްޔާގައި އިސްކޮށް ތިއްބެވި ބޭފުޅުންގެ ދައުރު އެކަމުގައި ބޮޑު ކަަމަށް ޔާމީން ވިދާޅުވިއެވެ. ޔާމީން ވިދާޅުވި ގޮތުގައި ޕީޕީއެމް ވެރިކަމަށް އަންނަ ދުވަހަކުން އެކަމުގެ ހަގީގަތް އެނގޭނެ ކަމަށެވެ.

ޔާމީންގެ ވާހަކަތަކާއި ގުޅިގެން ޝަރީފް ވަނީ ވަރަށް ބޮޑަށް ކޯފާވެ، ރައީސް ޔާމީންގެ ވާހަކަތަކަށް ރައްދު ދެއްވާފައެވެ. ޝަރީފް ވިދާޅުވީ ދިވެހި ހުރިހާ ރައްޔިތުންގެ ކުރިމަތީގައި ވޯޓުލައި، ގުނި ވޯޓަކުން ބަލި ވުމުން ބަލި ޤަބޫލުނުކުރަން އަދިވެސް އުޅުމަކީ ވަރަށް ހުތުރު ކަމެއްކަމަށެވެ. އަދި މިއީ ތަންދޮރު ނުދަންނަ ޖާހިލުން ކަންކަން ކުރައްވާ ގޮތަށް ރައީސް ޔާމީން ދެއްކެވި ވާހަކަތަކެެއްކަމަށް ޝަރީފް ވަނީ ވިދާޅުވެފައެވެ.

ރައްޔިތު އެންމެން ކުރިމަތީ ވޯޓުލައި، ވޯޓު ގުނާ ސާފު ވޯޓަކުން ބަލިވީމާ ބަލި ޤަބޫލުނުކޮށް ޕޯޑިއަމަށް އަރާހުރެ މާ ކޫލް ކަމެއްކަމަށް ހީކޮށް ތަންދޮރު ނުދަންނަ ޖާހިލެއްހެން ހިތައްއައިހައި އެއްޗެއް ކިޔުމަކީ ރައީސްކަން ކުރައްވާފައިވާ ބޭފުޅަކު ކުރަން މާރީތި ކަމެއްނޫން.

– ޝަރީފް ވިދާޅުވިއެވެ.

ރިޔާސީ އިންތިޚާބު ބޮޑު ތަފާތަކުން ކާމިޔާބުކޮށްފައިވަނީ އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް އަދި އޭރުގެ ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހީމް މުޙައްމަދު ޞާލިޙެވެ. ރަސްމީ ނަތީޖާ ދައްކާގޮތުން ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް ލިބިވަޑައިގެންފައިވަނީ 96،052 ވޯޓެވެ. އަދި އެމްޑީޕީގެ ކެނޑިޑޭޓް އިބްރާހީމް މުޙައްމަދު ޞާލިޙަށް ލިބިވަޑައިގެންފައިވަނީ 134،705 ވޯޓެވެ.

ރިޔާސީ އިންތިހާބުގެ ވޯޓު އޮޅުވާލައި މަކަރު ހަދާފައިވާ ކަމަށް ބުނެ ޕީޕީއެމުން އެ މައްސަލަ ސުޕްރީމް ކޯޓަށް ވެސް ހުށަހެޅިއެވެ. އެ މައްސަލައިގައި އިދިކޮޅުން ވަނީ ސިލްސިލާ މުޒާހަރާތަކެއް ވެސް ބާއްވައިފައެވެ. އިދިކޮޅުގެ އެންމެ ބޮޑު ފާޑު ކިޔުމެއް އަމާޒުވީ ވެސް ޝަރީފަށެވެ. އެކަމަކު، ސުޕްރީމް ކޯޓުން ނިންމާފައި ވަނީ ރިޔާސީ އިންތިޚާބު ބާތިލްކޮށް އަލުން އިންތިޚާބު ބާއްވަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *