ފެނާއި ނަރުދަމާގެ ޤާނޫނުގެ ދަށުން ތައްޔާރުކުރަންޖެހޭ ފެނާއި ނަރުދަމާގެ ޤައުމީ ސްޓްރެޓީޖިކް ޕްލޭން މިއަދު އިފްތިތާޙްކޮށްފިއެވެ.
އެންވާރުމަންޓް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި މި ޕްލެއިން އިފްތިތާހުކޮށްދެއްވީ އެންވާރުމަންޓް މިނިސްޓަރު ޑރ.ހުސައިން ރަޝީދު ޙަސަންއެވެ. މި ޕްލޭން ތައްޔާރުކުރުމުގެ މަޤްސަދަކީ ފެނާއި ނަރުދަމާގެ ސިޔާސަތުތަކާ އެއްގޮތްވާގޮތުގެ މަތިން، މިދާއިރާ ތަރައްޤީކޮށް ކުރިއަރުވައި އަދި ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމުވެ. މިއީ 5 އަހަރުގެ މުއްދަތަށް ތައްޔާރުކޮށްފައިވާ ޕްލޭނެކެވެ.
ޤާނޫނު ނަންބަރު 8/2020 (ފެނާއި ނަރުދަމާގެ ޤާނޫނު) ގެ ދަށުން ތައްޔާރުކުރަންޖެހޭ ފެނާއި ނަރުދަމާގެ ޤައުމީ ސްޓްރެޓީޖިކް ޕްލޭން މިއަދު އިފްތިތާޙްކޮށްފި. pic.twitter.com/GUDjhvHSuY
— Ministry of Environment (@MoEnvmv) November 4, 2020
ފެނާއި ނަރުދަމާގެ ޤާނޫނަކީ ދިވެހިރާއްޖޭގައި ދިރިއުޅޭ އެންމެނަށް ރައްކާތެރި ސާފު ފެން ފޯރުކޮށްދިނުމަށާއި، މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި، އެ ރަށާއި އެކަށީގެންވާ މިންވަރެއްގެ ނަރުދަމާ ނިޒާމެއް ޤާއިމުކުރުމަށް މަގުފަހިކުރުމަށްޓަކައި، ފެނާއި ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދިނުމުގެ އުސޫލުތަކާއި މިންގަނޑުތައް ކަނޑައެޅުމާއި، ދިވެހިރާއްޖޭގެ ފެނުގެ ވަސީލަތްތައް ރައްކާތެރިކޮށް ދެމެހެއްޓުމުގެ އުސޫލުތަކާއި، އެނޫންވެސް ކަމާގުޅޭ އުސޫލުތައް ކަނޑައެޅުމުގެ ޤާނޫނެވެ.
މި ޤާނޫނަށް ޢަމަލުކުރަން ފެށުމުން ފެނާއި ނަރުދަމާގެ ޚިދުމަތުގެ އަގު މީހުން ދިރިއުޅޭ ރަށްރަށުގައި ކަނޑައަޅާނީ އެ ރަށެއްގެ ކައުންސިލުގެ މަޝްވަރާގެ މަތިންނެވެ.
ތަފާތު ޓެކްނޮލޮޖީތައް ބޭނުންކޮށްގެން ފެނާއި ނަރުދަމާގެ ޚިދުމަތް ދިނުމުގައި ތިމާވެއްޓަށް އެންމެ ގެއްލުން ކުޑަ ޓެކްނޮލޮޖީތަކަށް އިސްކަންދޭންވާނެކަމަށާއި، ޚިދުމަތުގެ ބޭނުންކުރާ ފަރާތްތަކުން އެ ޚިދުމަތް ބޭނުންކުރުމުގައި ތިމާވެއްޓަށް އެންމެ ގެއްލުން ކުޑަ ގޮތްތަކަށް އިސްކަންދޭންވާނެކަމަށް މި ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ. އަދި ފެން އުފެއްދުމަށް ބޭނުންކުރާ ހަކަތައަކީ، އިޢާދަކުރަނިވި ވަސީލަތްތައް ބޭނުންކޮށްގެން އުފައްދާ ހަކަތަކަމުގައި ހަދަންވާނެކަމަށްވެސް މި ޤާނޫނުގައިވެއެވެ. އަދި މި ޤާނޫނުގެ ދަށުން ހަދާ ޤަވާޢިދުގައި ބަޔާންކޮށްފައިވާ އަގުގެ ބޭރުން، ފެނާއި ނަރުދަމާގެ ޚިދުމަތަކަށް އެއްވެސް އަގެއް ނެގުމަކީ މަނާކަމެކެވެ.
ކޮމެންޓު ފޮނުވާ