ރޯޔަލް ރީފާއި، ލޭޑީސް އެމްވީން ފެށުން ރަނގަޅުކޮށްފި

ރޯޔަލް ރީފާއި، ލޭޑީސް އެމްވީން ފެށުން ރަނގަޅުކޮށްފި

Author
މުޙައްމަދު ޝަޒައިމް
10 ޑިސެމްބަރ 2021 01:52
0

ކޮރަލް މަތިވެރި ފުޓްސަލް ލީގުގައި ރޭ ކުޅުނު މެޗުތަކުން މޮޅުވެ، ރޯޔަލް ރީފްއާއި، ލޭޑީސް އެމްވީ މުބާރާތުގެ ފެށުން ރަނގަޅު ކޮށްފިއެވެ.

ލީގުގެ މެޗުތައް ރޭ ފަށާފައިވާއިރު، ރޭވަނީ 3 މެޗެއް ކުޅެފައެވެ. މުބާރާތުގެ އެންމެ ފަހުގެ ޗެންޕިއަން ބަލިކޮށް، ސިލްވާ ސްޕޮޓްވަނީ މުބާރާތުގެ ފެށުން ރަނގަޅު ކޮށްފައެވެ. މުބާރާތް ހުޅުވި މެޗަށްފަހު ކުޅުނު އަނެއް ދެ މެޗަކީވެސް ފޯރިގަދަ ދެމެޗެެވެ. ރަށުން ބޭރު ޓީމެއްގެ ގޮތުގައި ލީގުގައި ވާދަކުރި ފޮޅުދޫ ލޭޑީސް ވަނީ އެޓީމުގެ ފެންވަރުވެސް ދައްކާލާފައެވެ.

ލީގުގެ ދެވަނަ މެޗުގައި ރޭ ކެޕިޓަލް އެކްސް އޭގެ މައްޗަށް ރޯޔަލް ރީފް ކުރި ހޯދީ، 2-1 ގެ ނަތީޖާއަކުންނެވެ. ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި، ދެޓީމުގެ ފަރާތުން ފެނިގެން ގޮސްފައިވަނީ ވަރަށް ހަމަހަމަ ކުޅުމެކެވެ. މެޗުގެ ތަފާތު ދައްކައި، ރޯޔަލް ރީފް މޮޅުކޮށްދިނީ މިދިޔަ މުބާރާތުގައިވެސް މޮޅު ކުޅުމެއްދެއްކި ހައިޝަމްއެވެ. ރޭގެ މެޗުގައި ކެޕިޓަލް އެކްސްއޭގެ ހަމައެކަނި ލަޑު ޖެހީ އަހުމަދު ނިޔާޒެވެ. ރޯޔަލް ރީފްގެ ފުރަތަމަ ގޯލު ހުސެއިން ނަޝީދު ކާމިޔާބް ކުރިއިރު، މެޗުން މޮޅުވި ގޯލްޖަހައި މޮޅުކުޅުންތެތިޔާގެ މަޤާމު ހޯދީ ހައިޝަމް އަލީއެވެ.

ރޭކުޅުނު ފަހު މެޗު ރަށުން ބޭރު ފޮޅުދޫ ޓީމު ކާމިޔާބު ކުރީ، ނިކަ އައިލެންޑު ބޮޑު ތަފާތަކުން ބަލިކޮށްގެންނެވެ. މިމެޗުގައި ފޮޅުދޫ ޓީމުގެ ހަލުވި ކުޅުންތެރި ހުއްޓުވުމަށް ނިކަ ޓީމަށް ފަސޭހައެއް ނުވިއެވެ. މިމެޗުގައި ފޮޅުދޫ ލޭޑީސް އެމްވީ ވަނީ ނިކަ ކޮޅަށް 5 ގޯލު ޖަހާފައެވެ. ގިނަ ޓީމުން މިމެޗުގައި ޖެހި ހަމައެކަނި ގޯލު ޖެހީ މުހައްމަދު އަފްރާހުއެވެ. ފޮޅުދޫ އެމްވީއަށް ޖެހި 5 ގޯލުގެ ތެރެއިން 4 ގޯލު ޖެހީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމު ހޯދި ޝިރުހާނެވެ. އަނެއް ގޯލު ޖެހީ އަލީ ޝާހުއެވެ.

ޝިރުހާނަކީ މަތިވެރީގައި ބާއްވާ އެކި މުބާރާތްތަކުގައާއި، ފޮޅުދޫގެ މުބާރަތްތަކުގައިވެސް މޮޅު ކުޅުމެއް ކުޅެމުންދާ ޒުވާން ހުނަރުވެރި ކުޅުންތެރިއެވެ. ނިމިދިޔަ މުބާރާތާއި ޚިލާފަށް މިމުބާރުގައި ވަދަކުރާ ޓީމުތަކުގައި ޒުވާން ހުނަރުވެރި ގިނަ ކުޅުންތެރިން ހިމެނޭއިރު، މުބާރާތް ބާއްވާ ފަރާތުގެ އެންމެ ބޮޑު އަމާޒަކީވެސް މިމުބާރާތުން ޒުވާން ކުޅުންތެރިން އުފައްދައި، ފުޓްސެލްގެ ފޯރި އިތުރަށް ގަދަ ކުރުމެވެ.

މިމުބާރާތުގައި މިއަދު ހަވީރާއި މިރޭވެސް މެޗުތައް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. މުބާރާތުގެ ގަވާއިދު ހަމަޖެހިފައިވާ ގޮތުން ކޮންމެ ޓީމަކުންވެސް މެޗުކުޅޭއިރު، ދަނޑުމަތީގައި 35 އަހަރުން މަތީގެ ކުޅުންތެރިޔަކު ހުންނަންޖެހެއެވެ. މިއީވެސް މުބާރާތުގައި ހުރިހާ އުމުރެއްގެ މީހުންނަށް ބައިވެރިވުމުގެ ފުރުސަތު ތަނަވަސްކޮށް ފޯރިގަދަ ކުރުމަށް ނިންމާފައިވާ ނިންމުމެކެވެ.

މިމުބާރާތުގެ މެއިން ސްޕޮންސާއަކީ ކޮރަލް ޓްރާންސްފާއެވެ. ކޯ ސްޕްންސާއަކީ ކެޕްޓަން މޯލްޑިވްސް އަދި ހިއްވަރު 4 އެވެ. ބެވަރޭޖް ޕާޓްނާއަކީ ސެކަންޑްހޯމް ރެސްޓޯރެންޓެވެ. މުބާރާތުގެ މީޑީޔާ ޕާޓްނާއަކީ ޚަބަރު އޮންލައިނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.