އިދިކޮޅު ކޯލިޝަނުން މިރޭ ހުޅުމާލޭ ހިޔާ ފްލެޓް ހިމެނޭ ސަރަހައްދުގައި ބޭއްވުމަށް މަސައްކަތް ކުރި ޖަލްސާއަށް ސަރުކާރުން ކުރިމަތި ހުރަސްތަކާއިއެކު ޖަލްސާއަށް މާލެއަށް ބަދަލު ކުރަން ޖެހުމަކީ އިދިކޮޅު ސަޕޯޓަރުންނަށް އިތުރު ފޯރިއާއި ޖޯޝް ނެގުވި ކަމެއްކަމަށާއި، މިރޭގެ ޖަލްސާގައި މާގިނަ މީހުންނާއިއެކު ފޯރިގަދަ ޖަލްސާއެއް ބޭއްވިގެންދާނެކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފިއެވެ.
އިދިކޮޅު ކޯލިޝަނުން މިރޭ ހުޅުމާލޭގެ ހިޔާ ފްލެޓް ސަރަހައްދުގައި "ކޮތަރުކޮށި" ނަމުގައި ބޭއްވުމަށް މަސައްކަތްކުރި ޖަލްސާއަށް ސަރުކާރުން ހުރަސްއަޅައި، ޖަލްސާ ބޭއްވިޔަ ނުދިނުމުން، ވަނީ މާލޭ އުސްފަސްގަނޑުގައި ބޭއްވުމަށް މަސައްކަތް ކޮށްފައެވެ. ނަމަވެސް އެތަނުގައި ބޭއްވުމަށްވެސް ހުއްދަ ނުލިބުމުން އެންމެ ފަހުން މާލެ ސިޓީ ކައުންސިލްގެ ބާރުގެ ދަށުގައި އޮންނަ ކާނިވާ ސަރަހައްދުގައި ބޭއްވުމަށް ވަނީ ނިންމާފައެވެ.
ޖަލްސާ ބޭއްވުމަށް ކުރިމަތިވާ ހުރަސްތަކާއި ގުޅިގެން ޕީއެންސީގެ ރައީސް އަބްދުއްރަހީމ ވިދާޅުވީ ހުރަސްތައް ކުރިމަތި ކުރުވިނަމަވެސް، ޖަލްސާ ބޭއްވުމަށް އިދިކޮޅުން ކުރާ މަަސައްކަތަށް އެއްވެސް ފަޑުކަމެއް ނާންނަ ކަމަށެވެ. މިރޭގެ ޖަލްސާއަކީ މިދިޔަ ހަފްތާގެ ހުކުރު ދުވަހުގެރޭ ބޭއްވި ޖަލްސާއަށްވުރެވެސް ބޮޑު ޖަލްސާއަކަށް ވެގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ.
ސަރުކާރުން އިދިކޮޅު ފަރާތްތަކުގެ އަޑު ކަނޑުވާލައި، ރައްުޔިތުންނަށް ބަސްބުނުމަށްވެސް ޖާގަ ނުދިނުމަށް ކުރާ މަސައްކަތަކީ ބަލައި ގަނަވޭނެ ކަމެއް ނޫންކަމަށާއި، އިދިކޮޅުގެ އަޑު ކަނޑުވާލުމަކީ މިސަރުކާރަށް ވަރަށް އުދަގޫ ކަމެއްކަމަށް އަދުރޭ ވިދާޅުވިއެވެ.
މިރޭގެ ޖަލްސާގައިވެސް ޕީޕީއެމްގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީންއާއި، އިދިކޮޅު ކޯލިޝަންގެ އިސްބޭފުޅުން ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ. މިއަދަކީ މަސްވެރިންގެ ދުވަހަށް ވުމާއިއެކު މިރޭގެ ޖަލްސާގައި މަސްވެރިންނަށް ސަރުކާރުން ވެފައިވާ ވައުދުތަކާއި މިހާތަނަށް މަސްވެރިންނާއިމެދު ކަންކަން ކޮށްފައިވާ ގޮތްވެސް ރައްޔިތުންނާއި ހިއްސާ ކުރެވޭނެކަމަށް އިދިކޮޅު ކޯލިޝަނުން ވަނީ ބުނެފައެވެ.
މިރޭގެ ޖަލްސާވެސް ފެށުމަށް ހަމަޖެހިފައިވަނީ 20:30ގައި ކާނިވާ ސަރަހައްދުގައެވެ. އެންމެ ފަހުން މިދިޔަ ހުކުރު ދުވަހުގެރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި ވަރަށް ގިނަ އަދަދެއްގެ ބަޔަކު ވަނީ ބައިވެރިވެފައެވެ.