ޤާނޫނުގައި ބުނާގޮތުން ހުޅުމާލެއާއި، ވިލިމާލެއަކީވެސް މާލެ ސިޓީ ކައުންސިލްގެ އިޚްތިޞާސްގައި ހިމެނޭ ދެތަން ކަމުގައި ކުރީގެ ޓުވަރިޒަމް މިނިސްޓަރ މަރިޔަމް ޒުލްފާ ވިދާޅުވެއްޖެއެވެ.
މާލެ ސިޓީ ކައުންސިލާއި، އެޗްޑީސީއާއިމެދު ބޮޑެތި ޚިޔާލު ތަފާތުވުންތަކެއް އުފެދިފައިވާ މިދަނޑިވަޅުގައި، ގިނަ ބަޔަކު ދަނީ މިކަމުގައި އެބޭފުޅެއްގެ ޚިޔާލް އޮތް ގޮތެއް ހާމަކުރަމުންނެވެ. ޒުލްފާ ވިދާޅުވީ 7/2010 ގައި ބުނާގޮތުން ވިލިމާލެއާއި، ހުޅުމާލެއަކީވެސް މާލެ ސިޓީ ކައުންސިލްގެ އިހުތިސާސްގައިވާ ދެތަން ކަމަށެވެ. ޤާނޫނަށް ބަދަލު ނުގެންނަހާ ހިނދަކު އެދެތަނުގެ އިޚްތިޞާސް އޮންނާނީ މާލެ ސިޓީ ކައުންސިލްގައިކަމަށް ޒުލްފާ ވިދާޅުވިއެވެ.
އެއްވެސް ސުވާލެއް ނެތް ގޮތުގައި ލާމަރުކަޒީ ޤާނޫނު 7/2010 ގެ 4 ވަނަ މާއްދާގެ (ށ) އެހެން ގޮތަކަށް ބަދަލު ނުކުރާހާ ހިނދަކު ހުޅުމާލެއާއި ވިލިގިނލި ހިމެނޭނީ މާލެ، ދާއިރާގެ ދަށުގައި. އަދި ހަމަ އެހެންމެ މާލެ ސިޓީ ކައުންސިލްގެ އިޚްތިޞާސްގައި.
– ޒުލްފާ ވިދާޅުވިއެވެ.
އިދިކޮޅު ޖަލްސާ ހިޔާ ފްލެޓް ސަރަޙައްދުގައި ބޭއްވުމަށް އެޗްޑީސީން ހުއްދަ ނުދިނުމުން މާލެ ސިޓީ ކައުންސިލުންވަނީ އިއްޔެ ބޭއްވި އެކައުންސިލްގެ ބައްދަލުވުމުގައި ހުޅުމާލޭގެ ރަޖިސްޓްރީ ބާޠިލްކޮށްފައެވެ.
މާލެ ސިޓީ ކައުންސިލުން ހުޅުމާލޭ ފޭސް 1 އަދި ފޭސް 2 ހިމެނޭ ގޮތަށް އެޗްޑީސީއަށް ހަދައިދީފައިވާ ރަޖިސްޓްރީ ބާޠިލްކުރުމަށް ހުށަހެޅުއްވީ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝްއެވެ. ޕީޕީއެމްގެ އަޣުލަބިއްޔަތު އޮންނަ މާލޭ ސިޓީ ކައުންސިލުން އެ ނިންމުން ނިންމިއިރު ހުޅުމާލޭގެ ހުރިހާ ކަމެއް ބަލަހައްޓަމުން އައީ އެޗްޑީސީންނެވެ.
ހުޅުމާލެ ރަޖިސްޓްރީ ބާތިލުކުރަން ނިންމީ ލާމަރުކަޒީ ގާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން ސިޓީ ކައުންސިލްގެ އިޚުތިސާސްގައި ހުޅުމާލެ ކަނޑައަޅާފައި އޮތް ނަމަވެސް ހުޅުމާލޭގެ ޢާންމު ޚިދުމަތްތަކާއި މުނިސިޕަލް ޚިދުމަތްތައް އެޗްޑީސީގެ ސަބަބުން ހުޅުމާލޭގައި ސިޓީ ކައުންސިލުން ކުރިއަށް ގެންދިއުމަށް އެއްވެސް ކުރިއެރުމެއް ނުލިބުމުންކަމަށް މާލެ ސިޓީ ކައުންސިލުން ވިދާޅުވެފައިވެއެވެ. މިމައްސަލައަށް ރައީސް އޮފިހާއި އެލްޖީއޭއިންވެސް އަދި މަޖިލީހުންވެސް ހައްލު ހޯދަން ކުރި މަސައްކަތަށް އިޖާބަ ލިބިފައިނުވާކަމަށް ސިޓީ ކައުންސިލުން ވަނީ ވިދާޅުވެފައެވެ.
ކޮމެންޓު ފޮނުވާ