ބޮލީވުޑްގެ ދެ ތަރިން ކަމުގައިވާ ވިކީ ކޯޝަލް އާއި ކެޓްރީނާ ކައިފް ކައިވެނި ކޮށްފިއެވެ.
މި ކައިވެނީގެ ވާހަކަ މީޑިއާގައި ދެކެވޭތާ ދުވަސްތަކެއް ވެފައި ވީނަމެސް މި ކަމާގުޅޭގޮތުން މި ދެތަރިންގެ ފަރާތުން އެއްވެސް މަޢުލޫމާތެއް ދީފައި ނުވާތީ މިއީ ދޮގު ޚަބަރު ތަކެއް ކަމަށްވެސް ގިނަ ބަޔަކު އައީ ބުނަމުންނެވެ. ނަމަވެސް ބައެއް މީޑިޔާތަކުން ދިޔައީ ކެޓްރީނާގެ ކައިވެނީގެ ވާހަކަތައް ގެެނެސް ދެމުންނެވެ.
އެގޮތުން އެމީހުން ކައިވެނި ކުރާ ތަނާއި، ކައިވެެނީ ހަފްލާ ބާއްވާ ތަނުގެ އިތުރުން އެމީހުން ލާނެ ހެދުމުގެ މައުލޫމާތަށް ދަންދެން ބައެއް މީޑިޔާތަކުން ވަނީ ރިޕޯޓު ކޮށްފައެވެ.
ނަމަވެސް ފަހު ވަގުތާއި ހަމައަށްވެސް މި ދެތަރިންގެ ފަރަތުން ކައިވެންޏާއި ބެހޭގޮތުން އެއްވެސް ވާހަކައެއް ދައްކާފައި އެއް ނުވެއެވެ.
ނަމަވެސް މީޑިޔާ ތަކުން މައުލޫމާތު ގެނެސްދެމުން ދިޔަ ފަދައިން މި ކައިވެނީގެ ކަންކަން ކުރިއަށް ގެންގޮސްފައިވަނީ ރާޖިސްތާނުގައެވެ. އަދި އެމީހުން ކައިވެނި ކޮށްފައިވަނީ އިންޑިއާގެ ސަގާފަތާއި އެއްގޮތަށް ކަން ކެޓްރީނާ އާންމު ކުރި ކައިވެނީގެ ފޮޓޯ ތަކުން ވަނީ ފެނިގެން ގޮސްފައެވެ.
ކެޓްރީނާ ވަނީ އޭނާ އާއި ވިކީ ކައިވެނި ކުރިކަން އިންސްޓަގްރާމް މެދުވެރިކޮށް އިއްޔެ އިއުލާން ކޮށްފައެވެ. ކައިވެނީގެ ފޮޓޯތަކުން ފެންނަ ގޮތުގައި އެދެމީހުން ތިބީ ވަރަށް އުފަލުންނެވެ.
ގިނަ ބަޔަކު އިންތިޒާރު ކުރަމުން ދިޔަ މި ކައިވެނި ކޮށްފައިވަނީ އިއްޔެ ރާޖިސްތާނުގެ ސިކްސް ސެންސެސް ބަރްވާރާ ފޯޓް ރިސޯޓްގައި ސަލާމަތީ ގޮތުން ވަރުގަދަ ފިޔަވަޅުތަކާއެކުއެވެ.
ވިކީއާއި ކެޓްރީނާގެ ކައިވެނި ހަފްލާގެ ދައުވަތު ލިބިފައިވާ ކަމަށް ބުނެ ބައެއް ސެލެބްރިޓީން ވަނީ މީޑިއާގައި ވާހަކަ ދައްކާފައެވެ. އަދި ހަމަ އެހެންމެ އެ ހަފްލާގައި ހުރި ޝަރުތުތައް ގިނަ ކަމުން ޕާޓީއަށް ދިއުމަށް ފޫހިވެފައި ވާކަމަަށް ވެސް ބައެއް މީހުން ބުނެފައި ވާކަމަށް މީޑިއާގައި ރިޕޯޓް ކޮށްފައި ވެއެވެ.
2019 ވަނަ އަހަރުންފެށިގެން ލޯބީގެގޮތުން ގުޅިގެން އުޅުނު މި ދެތަރިންގެ އުމުރުގައި 5 އަހަރުގެ ތަފާތެއް އެބަހުއްޓެވެ. އެގޮތުން ކެޓްރީނާ އަކީ ވިކީއަށްވުރެ 5 އަހަރު ދޮށީ މީހެކެވެ.
އަލަތު ކައިވެންޏަށް ފަހު ދެން މިދެތަރިން ހަނީމޫނުގައި ދުވަސްކޮޅެއް ހޭދަކުރާނެ ކަމަށް ބެލެވޭ އިރު އެމީހުން ހަނީމޫނަށް އަންނާނެ ކަމަށް ބެލެވެނީ ރާއްޖެއަށް ކަމަށް ބައެއް މީޑިއާ ތަކުން ބުނެއެވެ.