ލާމަރުކަޒީ ނިޒާމަށް ރާއްޖޭގެ ހިންގުން ބަދަލުކުރެވި، ކައުންސިލްތައް އުފެދިގެން އައުމަށްފަހު، ރާއްޖޭގެ އެކި ސިޓީތަކުގެ ތެރެއިން، އަބަދުވެސް އެންމެ ބާރުގަދަ ކައުންސިލެއްގެ ގޮތުގައި އޮންނަނީ މާލޭ ސިޓީ ކައުންސިލެވެ. ނަތީޖާއެއްގެ ގޮތުން، އަންނަ ކޮންމެ ލާމަރުކަޒީ އިންތިޚާބެއްގައިވެސް މާލޭ ސިޓީ ކައުންސިލްގެ މެޖޯރިޓީ ކަށަވަރު ކުރުމަށް ކޮންމެ ޕާޓީއަކުންވެސް ވަނީ ގަދައަޅާ މަސައްކަތް ކޮށްފައެވެ. އަދި ހަމަ އެއާއެކު މާލޭ ސިޓީގެ މޭޔަރުކަން ކާމިޔާބު ކުރުމަށްވެސް، ބޮޑެތި ހުރިހާ ޕާޓީއަކުންވެސް ވަނީ ކޮންމެ އިންތިޚާބެއްގައިވެސް ކެމްޕޭންކޮށް، ގިނަގުނަ މަސައްކަތްތަކެއް ކޮށްފައެވެ.
މިގޮތުން ބަލާއިރު، ލާމަރުކަޒީ ނިޒާމު ވުޖޫދުވެގެން އައުމަށްފަހު ފާއިތުވެގެން ދިޔަ 11 ވަރަކަށް އަހަރު ދުވަހުގެ ތެރޭގައިވެސް، މާލޭ ސިޓީގެ މެޖޯރިޓީ ދަމަހައްޓާފައިވަނީ އެމްޑިޕީންނެވެ. އަދި ވަކީން ޚާއްސަކޮށް މާލޭ ސިޓީގެ މޭޔަރުކަން އެޕާޓީއަށް ނޫން އެހެން ޕާޓީއަކަށް ކާމިޔާބު ކުރެވިފައެއް ނުވެއެވެ.
އެހެންނަމަވެސް މިހަގީގަތް މި ގޮތުގައި ދެމި އޮވެފައިވަނީ، ފާއިތުވެދިޔަ އެޕްރިލް މަހު ބޭއްވިގެންދިޔަ ލޯކަލް ކައުންސިލް އިންތިޚާބާ ހަމައަށެވެ. އެ އިންތިޚާބުގައި، އިދިކޮޅު ޕީޕީއެމްއެމްއިން ވަނީ، އެތައް އަހަރެއް ވަންދެން އެމްޑީޕީން ދަމަހައްޓަމުން އައި މާލޭ ސިޓީ ކައުންސިލްގެ މެޖޯރިޓީ އެޕާޓީއަށް ގެއްލުވާލާ، އަދި ފާއިތުވެދިޔަ ތަނުގައި ހުރިހާ އިންތިޚާބެއްގައިވެސް އެމްޑިޕީން ކާމިޔާބު ކުރަމުން އައި މޭޔަރުކަމުގެ މަގާމުވެސް ފުރަތަމަ ފަހަރަށް ޕީޕީއެމް އިން ކާމިޔާބު ކޮށްފައެވެ.
އެންމެ ފަހުން ބޭއްވިގެން ދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި މާލޭ ސިޓީގެ މެޖޯރިޓީ އިދިކޮޅު ޕީޕީއެމްއިން ކާމިޔާބު ކޮށްފައިވާއިރު، މޭޔަރުކަން ކާމިޔާބު ކޮށްފައިވަނީ ޕީޕީއެމްގެ ފަރާތުން އެ މަގާމަށް ވާދަކުރެއްވި ޑރ. މުއިއްޒުއެވެ.
ނަތީޖާއަކަށް ވެގެންދިޔައީ، ރާއްޖޭގައި އޮތް ހަލަބޮލި އަދި ދެކޮޅުވެރިކަން ބޮޑު ސިޔާސީ މަސްރަހުގެ ތެރެއިން، ސަރުކާރާ ސިޓީ ކައުންސިލާ ދެމެދު ބޮޑެތި މައްސަލަތަށް ކުރިމަތިވެ، ހިންގުމުގެ ގިނަ ކަންކަމުގައި ޚިޔާލު ތަފާތު ވެގެން ދާނެކަމަށް ގިނަ ބަޔަކު އައިސްފައިވަނީ ހިސަބު ޖަހަމުންނެވެ.
އަދި އާ ސިޓީ ކައުންސިލަށް އަހަރެއްހާ ދުވަސް ފާއިތުވެގެން ނުދަނީސް، ގި ބައެއްގެ މި ހީކުރުންރައް ހަގީގަތަކަށްވެ، މާލޭ ސިޓީ ކައުންސިލާ ސަރުކާރާ ދެމެދު މިއަދު މިވަނީ ތަފާތު އެތައް ކަމެއްގައި ކޯޅުންތައް އުފެދި، އުދާސްތައް ބަންޑުން ވާން ފަށާފައެވެ.
ހުޅު މާލޭގެ ގިނަ ކަންކަމުގެ އިހުތިސާސް!
މާލޭ ސިޓީ ކައުންސިލަކީ މާލޭގެ ސިޓީގެ ސަރަހައްދުގެ މުނިސިޕަލް ޚިދުމަތްތައް ހިންގާ ބެލެހެއްޓުމުގެ ޒިންމާ ލާމަރުކަޒީ ނިޒާމުގެ ދަށުންހަވާލު ވެފައި އޮތް މުވައްސަސާއެވެ.
މީގެ ތެރޭގައި ޒަމާނުއްސުރެ މާލޭގައި އޮތް 4 އަވަށުގެ އިތުރުން، މާލޭގެ އަވަށްތަކުގެ ތެރޭގައި އޭގެ ފަހުން ހިމަނާފަ އޮތް ވިލި މާލެއާއި ހުޅުމާލެ ވެސް ހިމެނެއެވެ. އަދި ލާމަރުކަޒީ ގޮތުން މާލެ ބަހާލުމަށްފަހު އެ ސަރަހައްދުތަކަށް ކައުންސިލަރުން އިންތިޚާބު ކޮށްފައި ތިބޭ ފަދައިން، ހުޅުމާލެއަށް ވަކި ކައުންސިލަރަކު އަދި ވިލިމާލެއަށްވެސް ކައުންސިލަރަކު އިންތިޚާބު ކޮށްފައި ހުރެއެވެ.
މިގޮތުން، ލާމަރުކަޒީ ގޮތުން އިދާރީ ދާއިރާތައް ހިންގުމެ ނިޒާމް އެކަށައެޅި، އަދި އެނިޒާމުގެ ދަށުން ކައުންސިލްތަކަށް ފަހަކަށް އައިސް ބޮޑެތި ބާރުތަކާއި އިޚްތިޔާރުތަކެއް ލިބިދީފައި ވާއިރު، މި ބާރުތަކާއި އިޚްތިޔާރުތައް ލިޔެވި ބަޔާން ކުރެވިފައިވަނީ ލާމަރުކަޒީ ގާނޫނުގައެވެ.
ލާމަރުކަޒީ ގާނޫނުގައި، ކައުންސިލްތަކުގެ އިހުތިސާސްތައް އެގާނޫނުގެ 56 ވަނަ މާއްދާގައި ބަޔާން ކޮށްފައި ވެއެވެ.
އެމާއްދާގައި ބަޔާން ކޮށްފައިވާ ގޮތް ތިރީގައި މިވަނީއެވެ.
56-2 އިހުތިޞާޞް ހިގާ ސަރަހައްދުގެ މިލްކުވެރިކަން:
(ހ) ސިޓީ ކައުންސިލާއި ރަށު ކައުންސިލްގެ އިޙުތިޞާޞްގެ ތެރޭގައި ހިމެނޭ އެންމެހައި ވަސީލަތްތަކާއި، ބިނާތަކާއި، ނުއުފުލޭ، ހަރު މުދަލުގެ މިލްކުވެރިކަން ލިބިގެން ވަނީ ކައުންސިލަށެވެ. އަދި އެނޫން އެފަދަ ތަންތަނަކީ، ދަޢުލަތުގެ އިހުތިޞާޞްގެ ތެރޭގައި ހިމެނޭ ދައުލަތުގެ މިލްކެވެ.
(ށ) މިމާއްދާގެ (ހ)ގައި އެހެން އޮތްނަމަވެސް، މި ގާނޫނަށް އަމަލު ކުރަން ފެށުމުގެ ކުރިން އާންމު ރައްޔިތުންނަށާއި، ސަރުކާރުގެ އިދާރާތަކަށް ދޫކޮށްފައިވާ އެންމެހާ ވަސީލަތްތަކާއި، ބިނާތަކާއި، ނުއުފުލޭ ހަރުމުދަލާއި، ގައުމީ ސަލާމަތަށް ކަނޑައަޅާފައިވާ ތަންތަނުގެ މިލްކުވެރިކަން ލިބިގެންވަނީ، މިގާނޫނަށް އަމަލު ކުރަން ފެށުމުގެ ކުރިން އެތަނެއްގެ މިލްކުވެރިކަން އޮތް ފަރާތަކަށެވެ.
ލާމަރުކަޒީ ގާނޫނުގެ އިސްވެދިޔަ މާއްދާއަށް ބަލާއިރު، އެ ގާނޫނުން ކައުންސިލްތަކަށް ލިބިދީފައި އޮތް އިހުތިސާސްގެ އިންތަކާއި މިންތަކުގެ ދާއިރާގައި، އެގާނޫނު ވުޖޫދުވުމުގެ ކުރިން ދައުލަތުގެ މުވައްސަސާތަކުން ބަލަހައްޓަމުން އައިން ތަކެއްޗާއިން ތަންތަނުގެ ބެލެނެވެރިކަން އެނޫން ގޮތަކަށް ސަރުކާރުން ބަދަލު ނުގެންނަހާހިދަކު، ކައުންސިލްތަކުގެ ދަށަށް ބަދަލު ވެގެން ނުދާނޭކަން އެގެން އެބައޮތެވެ.
އެއްވެސް ސަރުކާރަކުން އެޗްޑީސީގެ ބެލެނެވެރިކަމަށް ބަދަލު ގެނެސްފައެއް ނުވޭ!
މާލޭ ސިޓީ ކައުންސިލް ވުޖޫދުވެގެން އައިތާ ގިނަ އަހަރުތަކެއް ފާއިތުވެގެން ގޮސްފައިވި ނަމަވެސް، ހުޅުމާލޭގެ ގިނަ ކަންކަމާއި ތަންތަން މިހަތަނާ ހަމައަށްވެސް ބަލަހައްޓަމުން އައީ ހުޅުމާލެ ޑިވެލޮޕަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިންނެވެ. ސަބަބަކީ ފެސުނީއްސުރެ، އެޗްޑީސީގެ ބެލުމުގެ ދަށުގައި ހުރި، ހުޅުމާލޭގައި ހުރި ތަކެއްޗާއި ތަންތަނުގެ މިލްކުވެރިކަމަށް ފާއިތުވެދިޔަ ސަރުކާރުތަކުން ބަދަލު ގެނެސްފައެއް ނުވުމެވެ.
މާނައަކީ މިއަދު ޕީޕީއެމްގެ މެޖޯރިޓީ އޮތް މާލޭ ސިޓީ ކައުންސިލުން ހުޅުމާލޭގައި އެކައުންސިލްގެ ވިސްނުމާއި އެއްގޮތަށް ގިނަ ކަންކަން ކުރަން ބޭނުންވި ނަމަވެސް، ރައީސް ޔާމިންގެ ދައުރުގައި މާލޭ ސިޓީ ކައުންސިލްގެ މެޖޯރިޓީ އެމްޑީޕީއަށް އޮވެ، ހުޅުމާލޭގެ ގިނަ ކަންކަން އެޗްޑީސީން ބަލަހައްޓަމުން އައި އައުމަށް އެ ސަރުކާރުންވެސް ބަދަލު ގެނެސްފައެއެއް ނުވެއެވެ.
ސަބަބަކީ، އޭރުގެ ސިޓީ ކައުންސިލްގެ މެޖޯރިޓީ އެމްޑީޕީއަށް އޮވެ، ހުޅުމާލޭގެ ކަންކަން އެމްޑީޕީގެ ވިސްނުމާއި އެއްބީދައަކުން ގެންދިއުމަށް ހުރަސްތަކެއް ކުރިމަތިވެދާން އެސަރުކާރުން ބޭނުން ނުވީ ކަމަސްވެސް ވެދާނެއެވެ.
ހަމަ އެ އުސޫލުގެ ދަށުން، ކޯލިޝަން ސަރުކާރެއް މިއަދު އޮތެއްކަމަކު، އެމްޑީޕީގެ މިސަރުކާރުން މިއަދު، ޕީޕީއެމްގެ މެޖޯރިޓީ އޮތް ސިޓީ ކައުންސިލަށް ހުޅުމާލޭގެ ގިނަ އިހުތިސާސްތައް ދޫކޮށްލުމަށް ބޭނުންވެދާނެކަމީ، ސިޔާސީ ކަންކަން އެތުރު އެމުނި އެކުލެވިފައިވާ ގޮތަށް ބަލާއިރި މުސްތަހީލް ކަމެކެވެ.
އެހެންކަމުން، ކޮތަރު ކޮށި ޖަލްސާ ބޭއްވުމުގެ ހުއްދަ ސިޓީ ކައުންސިލުން ދީފައިވަނިކޮށް، އެޗްޑީސީގެ ހުއްދަ ނެތި ހުޅުމާލޭގައި ޖަލްސާ ނުބޭއްވޭނެކަމަށް އެޗްޑީސީން ނިންނި ނިންމުމާ ގުޅޭގޮތުން އުފެދިފައިވާ ކޯޅުމުގައި، ހުޅުމާލޭގެ ކަންކަމުގެ މިލްވެރިކަމާއި ގުޅޭގޮތުން އުފެދިފައިވާ ދެބަސްވުންތައް މިހާރު މިސްރާބު ޖަހާފައި ހުރީ ކޯޓު މަރުހަލާއާއި ދިމާލަށް ކަމުގައި ބެލެވެއެވެ.
ސަބަބަކީ، ހުޅުމާލެ ބިމުގެ ރަޖިސްޓަރީ ބާޠިލުކުރުމަށް މާލެ ސިޓީ ކައުންސިލުން ނިންމެވި ނިންމުމަކީ ޤާނޫނާއި ޚިލާފް ނިންމުމެއް ކަމަށާއި، މިކަމުގައި ލިބޭ ގެއްލުމުގެ ބަދަލު ހޯދަން ކޯޓަށް ދާނެ ކަމަށް އެޗްޑީސީން ބުނެފައި ވާތީއެވެ.
އެހެންނަމަވެސް، ފެންނާން އޮތް ހަގީގަތަކީ، މި ޚިޔާލުތަފާތު ވުމުގެ އަސްލަކަށް ސިޔާސީ ޖަލްސާއެއް ވެގެން ގޮސްފައި އޮތްތަނެވެ. ސިޔާސީ ވިސްނުމުގައި، ސިޔާސީ ފަރާތަތްކުން ހިފާ ގަދަ ހިފުމަކަށް ރާއްޔިތުންގެ ތަރައްގީއާއި، އާންމު ދިރިއުޅުމާއި، މުނިސިޕަލް ޚިދުމަތްތައް ވެގެން ދިއުމަކީ ހިތާމަ ހުރި ކަމެކެވެ.