އިންޑިއާގެ ޑިފެންސް ޗީފް ދަތުރު ކުރައްވަމުން ދިޔަ ހެލިކޮޕްޓަރ ވެއްޓިއްވެ

އިންޑިއާގެ ޑިފެންސް ޗީފް ދަތުރު ކުރައްވަމުން ދިޔަ ހެލިކޮޕްޓަރ ވެއްޓިއްވެ

Author
ހުސެއިން
08 ޑިސެމްބަރ 2021 04:26
0

އިންޑިއާގެ ޑިފެންސް ޗީފް ޖެނެރަލް ބިޕިން ރަވަޓް ދަތުރު ކުރައްވަމުން ގެންދެވި ހެލިކޮޕްޓަރ ދެކުނުގެ ސްޓޭޓެއް ކަމަށްވާ ޓެމިލްނާޑޫއަށް ވެއްޓިއްޖެ ކަމަށް އިންޑިއާގެ އެއަރ ފޯސްއިން ބުނެފިއެވެ.

އުމުރުން 63 އަހަރުގެ، ޗީފް އޮފް ޑިފެންސް ސްޓާފް ދަތުރު ކުރައްވަމުން ގެންދެވީ، ރަޝިއާއިން އުފައްދާފައިވާ 17V5 މަރުކާގެ ހެލިކޮޕްޓަރ އަށް ވަނީ، "ޓެމިލްނާޑޫގެ ކުނޫރު ކައިރީގައި އެކްސިޑެންޓެއް ކުރިމަތިވެފަ،" އިންޑިއާން އެއަރފޯރސްއިން ޓުވީޓު ކޮށްފައި ވެއެވެ.

މިހާދިސާގައި ޗީފް އޮފް ޑިފެންސް ސްޓާފް މަރުވެފައިވާ ކަމެއް އަދި އެއްވެސް ފަރާތަކުން ޔަގީން ކޮށްދީފައެއް ނުވެއެވެ.

ޑިފެންސް ޗީފް ޖެނެރަލް ބިޕިން ރަވަޓް

ރަވަޓް މިވަގުތު ހުންނެވި އިންޑިއާގެ ފަރސްޓް ޗީފް އޮފް ޑިފެންސް ސްޓާފްގެ މަގާމަކީ 2019ވަނަ އަހަރު އުފައްދާފައިވާ މަގާމެކެވެ. އޭނާ ފާހަގަ ކުރެވިގެން ގޮސްފައިވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯޑީއާއި ގާތް ގުޅުމެއް އޮންނަ ބޭފުޅެއްގެ ގޮތުގައެވެ.

އިންޑިއާގެ އަސްކަރިއްޔާގެ ސީނިއަރ އޮފިސަރަކު އޭއެފްޕީއަށް މައުލޫމާތު ދީފައިވާ ގޮތުގައި، ބިޕިން ރަވަޓް އާއި އޭނާގެ އަނބިކަބަލުންގެ އިތުރުން އިތުރު އޮފިސަރުން ހެލިކޮޕްޓަރުގައި ދަތުރު ކުރައްވަމުން ގެންދެވީ ޑިފެންސް ސާވިސަސް ސްޓާފް ކޮލެޖްއަށެވެ.

އިންޑިއާގެ މީޑީއާތަކުން ބްރޯޑްކާސްޓް ކޮށްފައިވާ މަންޒަރުތަކުންވަނީ، މި ހެލިކޮޓަރ ނިލްގިރިސް ޑިސްޓްރިކްޓްގައި ހުންނަ މި ކޮލެޖްގެ ކައިރީގައި އޮންނަ ބޯ ޖަންގަލި ކައިރިއަށް ވެއްޓި، ހެލިކޮޕްޓަރުގެ ބައިތައް އަދަމުންދިޔަ މަންޒަރު ފެނިފައެވެ.

މީޑިއާ ރިޕޯޓުތައް ބުނެފައިވާގޮތުން ބުދަ ދުވަހުގެ މެންދުރު ފަހުގެ ވަގުތެއްގައި މިހެލިކޮޕްޓަރު ނައްޓާލާފައިވަނީ،  ސުލުރު އެއަރ ފޯސް ސްޓޭޝަނުންނެވެ. އަދި ހެލިކޮޕްޓަރުގައި ދަތުރު ކުރަމުންދިޔަ ބައެއް ފެސެންޖަރުންނަށް މިހާރު ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެވެމުންނެވެ.

ޑިފެންސް ޗީފް ޖެނެރަލް ބިޕިން ރަވަޓްއަކީ އިންޑިއާގެ އަސްކަރިއްޔާގައި އެތައް ޒަމާނެއް ވަންދެން ޚިދުމަތް ކޮށްފައިވާ އާއިލާއަކަށް ނިސްބަތްވާ ބޭފުޅެކެވެ.

40 އަހަރަށްވުރެ ދިގު މުއްދަތަކަށް އިންޑިއާގެ އަސްކަރިއްޔާއަށް ޚިދުމަތް ކޮށްފައިވާ ޖެނެރަލް ބިޕިން ރަވަޓްއަކީ އިންޑިއާގެ ބާރުގެ ދަށުގައި އޮންނަ ކަޝްމީރު ސަރަހައްދުގައި ތިބޭ އިންޑިއާ ސިފައިންގެ އިސް ކޮމާންޑަރުގެ ގޮތުގައިވެސް ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ.

އިންޑިއާގެ އެއަރފޯސްއިން ބުނެފައިވަނީ، މި ހާދިސާ މިހާރު ތަހުގީގު ކުރަމުންދާ ކަމުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.