ހއ. ހޯރަފުށީގެ ފަޅުން ހިއްކި ސަރަހައްދުގައި ތަރައްޤީކުރަމުން އަންނަ އެއާޕޯޓަށް ވަކިން ލަފައި ފުރޭނެ ގޮތް ހަމަޖެހިފައިވާ ކަމުގައި މިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
ހޯރަފުށީ އެއާރޕޯޓަށް އަރައިފޭބޭނެ ގޮތެއް އަތޮޅުގެ އެހެން ރަށްޔިތުންނަށް ފަހިކޮށްދިނުމަށް ވަކިން ފާލަމެއް އެޅުމާއިމެދު ސަރުކަރުގެ ވިސްނުން ހުރިގޮތެއް އޮޅުން ފިލުމަށް މިއަދުގެ މަޖިލީހުގެ ޖަލްސާގައި އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރ އަސްލަމް ވިދާޅުވީ ވަކިން އެއަރޕޯޓަށް އަރައިފޭބޭނެ ގޮތްތަކެއް އަތޮޅުގެ އެހެން ރައްތަކަށް ފަހިކޮށް ދިނުމަށް ވަކި ފާލަމެއް އެޅުމަށް ހަމަޖެހިފައިވާކަމަށެވެ.
ހއ.އަތޮޅުގައި މީހުން ދިރިއުޅޭ 14 ރަށް އޮންނައިރު 12 ރަށަކުން ވަނީ އެކަމާ ގުޅޭ ކަންބޮޑުވުންތައް ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފައެވެ. އެމްޓީސީސީއާ ހަވާލުކޮށްގެން ހަދަމުން އަންނަ ހޯރަފުށީ އެއާޕޯޓުގެ ބޮޑުބައެއް ނިމިފައިވާއިރު މިހާރު ކުރަމުން އަންނަނީ ޓާމިނަލްއާ ގުޅޭ އެކި މަސައްކަތްތަކެވެ. އެ އެއާޕޯޓު ތަރައްގީ ކުރުމަށްޓަކައި 842،200 އަކަ މީޓަރުގެ ބިން އެ ކުންފުނިން ވަނީ ހިއްކައިފައެވެ.
ހޯރަފުށީ އެއާޕޯޓު ތަރައްޤީކުރަނީ 1.2 ކިލޯމީޓަރުގެ ރަންވޭއަކާއި 86،35 ސްކޮޔާ މީޓަރުގެ އޭޕްރަން އަކާއި ޓެކްސީ ވޭއެއްގެ އިތުރުން ސާވިސް މަގުތަކާއި، ޕާކިން އޭރިއާއަކާއި ފަޔާ އެކްސެސް މަގެއްވެސް ހިމެނޭގޮތަށެވެ. އަދި އެއާޕޯޓު ވަކިކުރުމަށް 720 މީޓަރު ސަރަހައްދެއްގައި ފެންސް ޖެހުމަށްވެސް ވަނީ ނިންމާފައެވެ.
ކުރީ ސަރުކާރުގައި ފެށި މި މަޝްރޫއުގެ މަސައްކަތުގެ ތެރެއިން އެއާޕޯޓަށް ބޭނުންވާ ބިން ހިއްކާފައިވަނީ 64 މިލިއަން ރުފިޔާއަށް އެމްޓިސީސީއާ ހަވާލުކޮށްގެންނެވެ. މި މަސައްކަތް ކުރުމަށްޓަކައި 16 ހެކްޓަރުގެ ބިން އެކުންފުނިން ވަނީ ހިއްކާފައެވެ.
ކޮމެންޓު ފޮނުވާ