އއ.މަތިވެރި މަތިވެރީ އެސޯސިއޭޝަން ފޮރ ރެކްރިއޭޝަން އެން ސްޕޯޓްސް (މާރންސް) އަދި އަންބަރު ގްރޫޕުން ގުޅިގެން ބާއްވާ ކޮރަލް މަތިވެރި ފުޓްސަލް މުބާރާތް މިމަހުގެ 9 ވަނަ ދުވަހު ފެށުމަށް ހަމަޖެހިއްޖެއެވެ.
މިއީ މުބާރާތް ބާއްވާ ދެވަނަ ފަހަރެވެ. ފުޓްސަލް އަށް ބޮޑު ތަރުހީބެއް އޮންނަ މިމުބާރާތަކީ ކުރީ މުބާރާތަށްވުރެ ހުރިހާ ގޮތަކުންވެސް ކާމިޔާބު އަދި ފުރިހަމަ މުބާރާތަކަށް ހެދުމަކީ މުބާރާތް އިންތިޒާމު ކުރާ ފަރާތުގެ އެންމެ ބޮޑު އަމާޒެވެ. އެންމެ ފަހުގެ މުބާރާތުގެ ޗެންޕިއަން ވޭލިއަންޓާއިއެކު 6 ޓީމު މިމުބާރާތުގައި ވާދަކުރެއެވެ. މިފަހަރުގެ މުބާރާތުގައި އަވަށްޓެރި ފޮޅުދޫއިންވެސް ޓީމެއް ބައިވެރިފައިވެއެވެ. ބްރާސްފަތި ދުވަހުގެރޭ މުބާރާތް ހުޅުވާ މެޗުގައި ވާދަކުރަނީ އެންމެ ފަހުގެ ޗެމްޕިއަން ވޭލިއަންޓް އިންވެސްޓްމަންޓާއި، ސިލްވާ ސްޕޮޓެވެ.
ލީގު އުސޫލުން ކުރިއަށްދާ މުބާރާތުގެ ޗެމްޕިއަންކަން ލިބޭނީ އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމަކަށެވެ. މިމުބާރާތުގައި ކޮންމެ ޓީމަކަށްވެސް ރަށުން ބޭރު އެއްކުޅުންތެރިއަކަށް ކުޅުމުގެ ފުރުސަތު ވަނީ ދީފައެވެ.
މުބާރާތުގައި ވާދަކުރާ ޓީމުތައް:
1. ކެޕްޓަލް XA
2. ލޭޑީސް އެމްވީ (ފޮޅުދޫ)
3. ނިކަ އައިލެންޑް ރިސޯޓް
4. ރޯޔަލް ރީފް
5. ސިލްވާ ސްޕޮޓް
6. ވޭލިއަންޓް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް
މުބާރާތުގެ ގަވާއިދު ހަމަޖެހިފައިވާ ގޮތުން ކޮންމެ ޓީމަކުންވެސް މެޗުކުޅޭއިރު، ދަނޑުމަތީގައި 35 އަހަރުން މަތީގެ ކުޅުންތެރިޔަކު ހުންނަންޖެހެއެވެ. މިއީވެސް މުބާރާތުގައި ހުރިހާ އުމުރެއްގެ މީހުންނަށް ބައިވެރިވުމުގެ ފުރުސަތު ތަނަވަސްކޮށް ފޯރިގަދަ ކުރުމަށް ނިންމާފައިވާ ނިންމުމެކެވެ.
ކޮރަލް މަތިވެރި ފުޓްސަލް ލީގުގެ ފުރަތަމަ މުބާރާތުގެ ޗެންޕިއަންކަން ވޭލިއަންޓު ހޯދަފައިވަނީ ވާދަވެރި މެޗުތަކަށްފަހު 19 ޕޮއިންޓާއިއެކުއެވެ. މިދިޔަ މުބާރާތަކީ މަތިވެރީގެ ޒުވާން ކުޅުންތެރިންނަށް ކުޅެލަން ފުރުސަތުލިބި އެކުޅުންތެރިންގެ ނަޒަރު ހުއްޓުނު މުބާރާތަކެވެ. މިފަހަރުގެ މުބާރާތުގައި ޓީމުތަށް އެކުލަވާލިއިރުވެސް އެންމެ ބޮޑު ވާދަވެރިކަމެއް އޮތީ މިދިޔަ މުބާރާތުގައި މޮޅުކުޅުންދެއްކި ކުޅުންތެރިން ހޯދުމުގައެވެ.

މިމުބާރާތަކީ އއ.މަތިވެރި މަތިވެރީ އެސޯސިއޭޝަން ފޮރ ރެކްރިއޭޝަން އެން ސްޕޯޓްސް (މާރންސް) އަދި އަންބަރު ގްރޫޕުން ގުޅިގެން ލީގު އުސޫލުން ކުރިއަށް ގެންދާ 2 ލެގުގެ މުބާރާތެކެވެ. މަރިވެރި އަންބަރު ގްރޫޕް އަދި މަތިވެރި އެސޯސިއޭޝަން ފޮރ ރެކްރިއޭޝަން އެން ސްޕޯޓްސް (މާރންސް) އެރަށުގެ އިޖުތިމާއީ، އަދި ތަރައްޤީގެ ގިނަ ކަންކަމުގައިވެސް އަމަލީގޮތުން ބައިވެރިވާ އެރަށުގެ ޒުވާނުން ހިމެނޭ ދެ ގްރޫޕެކެވެ. ރަށުގެ ތަރައްޤީގެ ކަންކަމުގެ އިތުރުން ޒުވާނުންގެ ތަރައްޤީއަށްޓަކައިވެސް ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މަތިވެރީގައި ހިންގޭ ގިނަ ތަރައްޤީގެ ކަންކަމުގައިވެސް މި ދެ ގްރޫޕުގެ ޝާމިލުވުންބޮޑެވެ. އަމިއްލަ އިސްނެގުމަށްވެސް ރަށުގެ ކުރިއެރުމަށް މި ދެ ގްރޫޕުންވަނީ މުހިންމު މަސައްކަތް ތަކެއްކޮށްފައެވެ.
މަތިވެރީގެ ޒުވާނުންނާއި ރަށުގެ އިޖުތިމާއީ ކަންކަން ދިރުވައި އާލާކުރުމަށް ކުރިއަށް އޮތް ތަނުގައިވެސް ގިނަ މަސައްކަތްތަކެއް ކުރުމަށް މި ދެގްރޫޕޫން ވަނީ ގިނަ ކަންތައްތަކެއް ރާވާފައެވެ. ކޯވިޑް-19 އާއި ގުޅިގެން ކުރަންރޭވި ގިނަ ކަންތައްތަކެއް މަޑު ޖެހުނު ނަމަވެސް އަނެއްކާވެސް އެމަސައްކަތް ކުރުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.
މަރިވެރި އަންބަރު ގްރޫޕް އަދި މަތިވެރި އެސޯސިއޭޝަން ފޮރ ރެކްރިއޭޝަން އެން ސްޕޯޓްސް (މާރންސް) އަކީ މަތިވެރީގައި ކުޅިވަރު މުބާރާތްތަކުގެ އިތުރުން ޤުރުއާން މުބަރާތްތަކާއި، މަދަހަ މުބާރާތްތަކާއި، އެކި އުމުރުފުރާތަކަށް ހޭލުންތެރިކަމުގެ ގިނަ ޕްރޮގުރާމުތައް ހިންގަމުންދާ ދެ ގްރޫޕެކެވެ.
މިމުބާރާތުގެ މެއިން ސްޕޮންސާއަކީ ކޮރަލް ޓްރާންސްފާއެވެ. ކޯ ސްޕްންސާއަކީ ކެޕްޓަން މޯލްޑިވްސް އަދި ހިއްވަރު 4 އެވެ. ބެވަރޭޖް ޕާޓްނާއަކީ ސެކަންޑްހޯމް ރެސްޓޯރެންޓެވެ. މުބާރާތުގެ މީޑީޔާ ޕާޓްނާއަކީ ޚަބަރު އޮންލައިނެވެ.
ކޮމެންޓު ފޮނުވާ