ޔާމީން ފިލައިގެން ގޮސްދާނެކަށްބުނެ، ޝަރީއަތް ނިމެންދެން ޕާސްޕޯޓް ހިފަހައްޓަން އެދިއްޖެ

ޔާމީން ފިލައިގެން ގޮސްދާނެކަށްބުނެ، ޝަރީއަތް ނިމެންދެން ޕާސްޕޯޓް ހިފަހައްޓަން އެދިއްޖެ

Author
މުޙައްމަދު ޝަޒައިމް
06 ޑިސެމްބަރ 2021 10:26
0

ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑަރިންއާއި ރިޝްވަތު ޤަބޫލުކުރުމުގެ ކުށުގެ ދަޢުވާގެ ޝަރީއަތް ނިމެންދެން އެމަނިކުފާނުގެ ޕާސްޕޯޓު ހިފެހެއްޓުމުގެ އަމުރަކަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން އެދިއްޖެއެވެ.

ކްރިމިނަލް ކޯޓުގައި މިއަދު އޮތް އަޑު އެހުމަކީ ރައީސް ޔާމީންގެ ޕާސްޕޯޓް ހިފެހެއްޓުމަށް ކްރިމިނަލް ކޯޓުން ދީފައިވާ މުއްދަތު ކުޑަވުމުން، ޝަރީއަތް ނިމެންދެން އެމުއްދަތު އިތުރު ކުރުމަށް ބޭއްވި އަޑު އެހުމެވެކެ. މިމައްސަލާގައި ދެފަރާތުން ވަނީ ގިނަ ވާހަތަކެއް ދައްކާފައެވެ.

ދައުލަތުން ވަނީ މިމައްސަލާގައި ރައީސް ޔާމީން ފިލައިގެން ދިއުމުގެ ފުރުސަތު އޮތްކަމަށްވެސް ބުނެފައެވެ. އަދި ރާއްޖެ ދޫކޮށް ފިލައިގެން ދިއުމުގެ ހެކި ވެސް ހުރި ކަމަށާއި ކުރީގެ ރައީސްކަން ވެސް ކުރައްވާފައި ވާތީ ފިލައިގެން ހިނގައްޖެނަމަ އަނބުރާ ގެންނަން އުނދަގޫވާނެ ކަމަށެވެ. އަދި ކުރީގެ ރައީސްކަން ކުރައްވާފައި ވުމުން ބޭރުގެ ފަރާތްތަކާއި ގުޅުންތައް އޮންނާނެ ކަމަށް ވެސް ދައުލަތުގެ ފަރާތުން ވަނީ ފާހަގަކޮށްފައެވެ.

ރައީސް ޔާމީންގެ ގާނޫނީ އިސް ވަކީލު އަދި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވީ ދައުލަތުން ހުށަހެޅުއްވި އެ ފޯމު ދިފާއަށް ލިބިވަޑައިގަތީ މިއަދު ކަމުން، އޭގައި ހިމެނޭ ގަޒިއްޔާތަކާއި ގާނޫނުތައް ދިރާސާ ކުރަން އެކަށީގެންވާ ވަގުތާއި ވަސީލަތްތައް ދިފާއަށް ވެސް ބޭނުންވާނެ ކަމަށެވެ.

ރައީސް ޔާމީންގެ ފަރާތުން އެމަނިކުފާނުގެ ގާނޫނީ ވަކީލުން އެދިވަޑައިގަތީ މަދުވެގެން ދެ ހަފުތާއެއްހާ ދުވަހުގެ މުހުލަތެއް ދެއްވުމަށެވެ. ދެ ފަރާތުން ދެއްކި ވާހަކަތަކަށް ރިއާޔަތް ކުރެއްވުމަށް ފަހު މައްސަލަ ބައްލަވާ ގާޒީ އަހްމަދު ޝަކީލް ވިދާޅުވީ މިއަދު ހަވީރު 4:00 ޖަހާއިރު މި މައްސަލައާ ގުޅޭ ގޮތުން އަޑުއެހުމެއް ބާއްވާނެ ކަމަށެވެ. އެއީ ގޮތެއް ނިންމަވާފައި އިއުލާން ކުރައްވަން ބާއްވާ އަޑުއެހުމެކެވެ.

ރައީސް ޔާމީންގެ ޕާސްޕޯޓް ހިފަހައްޓަން އެދިފައި މި ވަނީ، މީގެ ކުރިން ޚިޔާނާތުގެ މައްސަލައާ ގުޅިގެން އެމަނިކުފާނުގެ މައްޗަށް އުފުލި ދައުވާގައި ދަށު ކޯޓުން އިއްވި ޖަލު ހުކުމް ސުޕްރީމް ކޯޓުން ބާތިލްކޮށް އެމަނިކުފާނު މިނިވަންވެފައިވަނިކޮށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.