ޗެމްޕިއަންސް ލީގުގައި އެންމެ ފަހުގެ ޗެމްޕިއަން ބަޔާން މިއުނިކުން ވަނީ ރޭ ފަހަތުން އަރައި އޮސްޓްރިއާގެ އާރްބީ ސަލްޒްބާގް ދަނޑުގައި 6-2 އިން މޮޅުވެފަ އެވެ.
މެޗުގައި ބަޔާންގެ ލަނޑުތައް ޖެހީ ރޮބަޓް ލެވަންޑޯސްކީ އާއި ޖެރޯމް ބޯޓެން އަދި ލެރޯއީ ސާނޭ އެވެ. ލެވަންޑޯސްކީ ދެ ލަނޑު ޖެހި އެވެ. އަނެއް ގޯލަކީ ސަލްޒްބާގުގެ ރަސްމުސް ކްރިސްޓަންސަން އަތުން ބައިކޮޅަށް ވަން ގޯލެކެވެ. މެޗުގައި ސަލްޒްބާގުގެ ލަނޑުތައް ޖެހީ މާގިން ބެރީޝާ އާއި މަސާޔާ އޮކުގާވާ އެވެ.
މިމެޗުގައި ލެވޮންޑެސްކީ ދެލަނޑާއެކު އޭނާ ޗެމްޕިއަންސް ލީގުގައި ޖެހި ލަނޑުގެ އަދަދު ވަނީ 70 އަށް އަރާފައެވެ. މިއީ މުބާރާތުގެ ތާރީހުގައި ތިންވަނައަށް އެންމެގިނަ ލަނޑުޖެހި ރައުލް ގޮންޒާލޭޒް ޖަހަފައިވާ ލަނޑަށްވުރެ އެއްލަނޑު މަދު އަދަދެކެވެ. އޭނާވަނީ މި ސީޒަނުގައި މިހާތަނަށް ބަޔާން އަށް ކުޅުނު 10 މެޗުގައި 12 ލަނޑުޖަހާފައެވެ.
ބަޔާންވަނީ އެންމެފަހުން ގުރޫޕްގައި ކުޅުނު ތިންމެޗުން 12 ލަނޑު ޖަހާފެއެވެ. ގުރޫޕްގައި ދެންކުޅޭ މެޗުން ހޯދާ މޮޅާއެކު އެޓީމު މުބާރާތުގެ ގަދަ 16 އިން ޖާގަ ލިބިގެންދާނެއެވެ. ރޭ މިގުރޫޕްގައި އެތުލެޓިކޯ މެޑްރިޑް ވަނީ ރޭ ރަށުން ބޭރުގައި ރަޝިއާގެ ލޮކޮމޯޓިވް މޮސްކޯއާ 1-1 އިން އެއްވަރުވެފަ އެވެ.
ގްރޫޕް އޭގެ އެއް ވަަނައިގައި ބަޔާން އޮތީ ތިން މެޗުން މޮޅުވެ ސައްތަ އިން ސައްތަ ރެކޯޑަކާ އެކީ އެވެ. ދެ ވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑް އަށް ތިން މެޗުން ލިބިފައިވަނީ ހަތަރު ޕޮއިންޓެވެ. ތިންވަނައިގަ އޮތް ލޮކޮމޯޓިވް މޮސްކޯ އަށް ދެ ޕޮއިންޓު ލިބުނުއިރު ފުލުގައި އޮތް ސަލްޒްބާގް ލިބެނީ އެންމެ ޕޮއިންޓެކެވެ.