ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވެރިކަން ކުރައްވަމުން ގެންދަވަނީ ރާއްޖޭގެ ހުރިހާ ސިޔާސީ ފިކުރެއްގެ މީހުންގެ ބައިވެރިވުމާއި އެކުގައިކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރަގެ މެމްބަރު އަހުމަދު އަބްދުﷲ ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވެރިކަމާއި ހަވާލުވެ ވަޑައިގެންނެވީ ބޮޑު ކޯލިޝަނަކާއިއެކުގައެވެ. ވެރިކަމަށް ވަޑައިގެންނެވުމުގެ ކުރިންވެސް އެމަނިކުފާނުގެ ވައުދުތަކުގެ ތެރޭގައި، ވެރިކަމަށް އެކުލަވާލި ކޯލިޝަން ދަމަހައްޓަވާނެކަމަށް ވަނީ ވިދާޅުވެފައެވެ.
ރައީސް ޞާލިހުގެ ވެރިކަމާއި ގުޅޭގޮތުން އަހުމަދު ވިދާޅުވީ މިވެރިކަމަކީ ރާއްޖޭގެ ހުރިހާ ސިޔާސީ ފިކުރަކަށް ޖާގަދީގެން ވަރަށް ކެތްތެރިކަމާއިއެކު ކުރަމުންދާ ވެރިކަމެއްކަމަށެވެ. ރައީސް ޞާލިހަކީ ހުރިހާ ފިކުރަކަށް ޖާގަދީގެން ވެރިކަން ދެމެހެއްޓި ހަމައެކަނި ރައީސް ކަމަށް ރައީސް ޞާލިހު ވިދާޅުވިއެވެ.
ޤައުމުގެ ހުރިހާ ސިޔާސީ ފިކުރުތަކަށް އިހުތިރާމް ދީގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ޤައުމުގެ ކަންކަން ހިންގަވަމުން ގެންދަވާކަން އެއީ ހަގީގަތް.
– އަހުމަދު އަބްދުﷲ ވިދާޅުވިއެވެ.
ގިނަ ޕާޓީ އެކުލެވޭ ރިޔާސީ ނިޒާމެއް ރާއްޖޭގައި ޤާއިމުވީފަހުން މިހާތަނަށް އުފެދުނު ކޮންމެ ސަރުކާރެއްވެސް ވެރިކަމަށް އައީ ކޯލިޝަންގެ ތެރެއިންނެވެ. އެހެންނަމަވެސް ކޯލިޝަނުގެ ވެރިކަން ދެމެހެއްޓުން މީހެކުރީގެ ސަރުކާރުތަކަށްވީ ވަރަށް ދަތިކަމަކަށެވެ. ވެރިކަމުގެ ދައުރު ހަމަވުމުގެ މާކުރިން ކޯލިޝަން ރޫޅެއެވެ.
2008 ވަނަ އަހަރު ރައީސް މައުމޫންގެ ވެރިކަން ބަދަލުކުރުމަށް ރައީސް ނަޝިދާއިއެކު އޭރުގެ އިދިކޮޅު ކޯލިޝަނުން އުފެއްދި ވެރިކަން އެންމެ 21 ދުވަހުގެތެރޭގައި ވަނީ ރޫޅިފައެވެ. ރައީސް ނަޝީދުގެ ވެރިކަމަށްފަހު އިންތިޚާބަކުން ވެރިކަމަށް ވަޑައިގެންނެވި ރައީސް ޔާމީންގެ ކޯލިޝަންވެސް ވަނީ މަދު ދުވަސްކޮޅެއްގެ ތެރޭގައި ރޫޅިފައެވެ.
ކޯލިޝަންގެ ތަޖުރިިބާ މާޒީގައި ހިތިކޮށް ފެނުނު ކަމުގައި ވީނަމަވެސް ރައީސް އިބްރާހީމް މުޙައްމަދު ޞާލިހު ގެންދަވަނީ ކޯލިޝަންގެ ވެރިކަން ކާމިޔާބުކަމާއެކު ހިންގެވިދާނެކަން ސާބިތު ކޮށްދެއްވަމުންނެވެ. އެމަނިކުފާނުގެ ވެރިކަމަށް ތިން އަހަރު ވެފައިވާއިރު ކޯލިޝަން އޮތީ އޮތްގޮތަށް ބަދަހިކަމާއެކުއެވެ.