ޗެމްޕިއަންސް ލީގުގައި ރޭ ރަށުން ބޭރުގައި އިޓަލީގެ އެޓަލަންޓާ އަތުން 5-0 ލަނޑުން މޮޅުވެ ލިވަޕޫލުން ގުރޫޕް އެއްވަނައިގަ ފަސްޕޮއިންޓުގެ ލީޑެއް ދަމަހައްޓައިފިއެވެ.
ރޭގެ މެޗުގައި އެ ޓީމުގެ ތަރިއަކީ ޑިއޯގޯ ޔޮޓާ އެވެ. މިދިޔަ ސީޒަނުގައި ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި ކުޅުނު އެޓަލަންޓާ ކޮޅަށް، މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަަންނަ ޔޮޓާ ވަނީ ފުރަތަމަ ތިންލަނޑު ޖަހާފައެވެ.
ޔޮޓާ ވަނީ މިހާތަނަށް ލިވަޕޫލް އަށް ކުޅުނު ހަތްމެޗުގައި 10 ލަނޑުޖަހާފައެވެ. ޔޮޓާއަކީ މިމުބާރާތުގައި ލިވަޕޫލްއިން ހެޓްރިކް ހެދި 10ވަނަ ކުޅުންތެރިޔާއެވެ. އެންމެފަހުން މި މުބާރާތުގައި ލިވަޕޫލްއަށް ހެޓްރިކް ހެދި ކުޅުންތެރިޔަކީ 2018 ވަނައަހަރު ސަޑިއޯ މާނޭއެވެ. މެޗުގެ ދެ ވަނަ ހާފުގައި އެ ޓީމުގެ އަނެއް ދެ ގޯލު ޖެހީ މުހައްމަދު ސަލާހާއި ސަޑިއޯ މާނޭ އެވެ. މިއީ ޔޫރަޕުގެ މުބާރާތެއްގައި އިނގިރޭސި ކުލަބަކުން ރަށުން ބޭރުގައި އިޓަލީގެ ކުލަބެއްގެ މައްޗަށް ހޯދި އެންމެ ބޮޑު ކާމިޔާބީއެވެ.
މި ގުރޫޕްގައި ރޭ ޑެންމާކުގެ މިޓްޔައެލަންޑް އަތުން 2-1 ލަނޑުން އަޔެކްސް ވަނީ މޮޅުވެފައެވެ.
ލިވަޕޫލުން ކުޅުނު ތިން މެޗުން ވެސް މޮޅުވެ ނުވަ ޕޮއިންޓާ އެކު ގްރޫޕްގެ އެއް ވަނައިގައި އޮތްއިރު ދެ ވަނައިގައި އަޔަކްސް އޮތީ ތިން މެޗުން ހަަތަރު ޕޮއިންޓާ އެކު އެވެ. ތިން ވަނައިގައި އޮތް އެޓަލަންޓާ އަށް ވެސް ވަނީ ހަތަރު ޕޮއިންޓް ލިބިފަ އެވެ. ފުލުގަ އޮތް މިޓްޔަލެންޑްއަށް ޕޮއިންޓެއް ނުލިބެއެވެ.