އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މެމްބަރު ކަމުގެ މަޤާމުން ކޮމިޝަންގެ މެމްބަރު އަލީ އަޝްރަފް އިސްތިއުފާ ދެއްވައިފިއެވެ.
އަޝްރަފް މަޤާމުން އިސްތިއުފާ ދެއްވައި ސިޓީ ވަނީ ރައީސުލްޖުމްހޫރިއްޔާއަށް ފޮނުއްވާފައެވެ. ޢޭނާ މަޤާމުން އިސްތިއުފާ ދެއްވާފައިވާކަން އޭސީސީންވެސް ވަނީ ކަށަވަރުކޮށްދެއްވާފައެވެ.
އަޝްރަފް މަޤާމުން އިސްތިއުފާ ދެއްވާފައިވާއިރު އެންޓި ކޮރަޕްޝަން ކޮމިޝަން، އޭސީސީގެ މެމްބަރުންނަށް އެކަށީގެންވާ މިންވަރާއި ގާތަށްވެސް މަސައްކަތް ނުކުރެވޭތީ މަސައްކަތް ނުކުރެވޭ މެމްބަރު ބަލައި، އޮޑިޓެއް ހެދުމަށްފަހު މަޤާމުން މެމްބަރުން ވަކި ކުރުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހގެ މިނިވަން މުވައްސަސާތަކާއި ބެހޭ ކޮމިޓީން ވަނީ ފަށާފައެވެ.
އޭސީސީގެ މެމްބަރުން ވަކި ކުރުމަށް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން އަހުމަދެވެ. އޭނާގެ ހުށަހެޅުމަށް ތާއީދު ކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމްއެވެ. ހަސަން ހުށަހެޅުއްވި ހުށަހެޅުމަކީ އޭސީސީއަށް އެކަށީގެންވާ މިންވަރާއި ގާތަށްވެސް މަސައްކަތް ނުކުރެވޭތީ މެމްބަރުން ވަކިވަކިން ކޮމިޓީއަށް ހާޒިރުކޮށް، ސުވާލުކުރުމަށްފަހު މަސައްކަތް ކުރެވުނު މިންވަރު ބެލުމަށްފަހު މަޤާމުން ވަކި ކުރުމުގެ މަސައްކަތް ކުރުމަށެވެ.
އޭސީސީގައި މިހާރު ހިމެނޭ ފަސް މެމްބަރުންނަކީ ކޮމިޝަންގެ ރައީސް މަރިޔަމް ޝިއުނާ ނާއިބް ރައީސް ފާތުމަތު އަނޫލާ އަދި މެމްބަރު އަލީ އަޝްރަފް، އިބްރާހިމް ޝަކީލް އަދި އައިޝަތު އަބްދުﷲ އެވެ. ކޮމިޓީއަށް ހާޒިރުކޮށް މެމްބަރުންގެ ފާޑުކިއުން އަމާޒުކުރައްވާ ކޮންމެ ފަހަރަކު އޭސީސީން ވަނީ މަސައްކަތްތައް ލަސްވާ ސަބަބުތައް ކިޔައިދެއްވައިފަ އެވެ. ކޮމިޝަނުން ފުރަތަމަ ބެލީ އެ މުއައްސަސާ އިސްލާހުކޮށް، ހެޔޮ ބަދަލު ގެނައުމަށް ކަމަށާއި އޭގެ ފަހުން މައްސަލަތަކުގެ ސްޕީޑު އަވަސްކޮށްފައިވާ ކަމަށް ކޮމިޝަނުން ބުނެފައިވެއެވެ.
ނަމަވެސް އަޝްރަފް އިސްތިއުފާ ދެއްވީ ކޮމިޓީން ބަލަމުންދާ މައްސަލަތަކާއި ގުޅިގެން ނޫންކަމަށާއި، އަމިއްލަ ސަބަބުތަކަށްޓަކައި ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ މެންބަރުކަމަށް އަޝްރަފް އައްޔަން ކޮށްފައިވަނީ 2019 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. އޭނާއަކީ ވިލާ ކޮލެޖުގެ ޑިރެކްޓަރ އޮފް މާރކެޓިންގެ މަޤާމާއި ހިންގުމުގެ ދާއިރާގެ އެކިއެކި މަޤާމުތައް ފުރުއްވާފައިވާ ބޭފުޅެކެވެ. ޢަލީ އަޝްރަފު އަންނަނީ ޔުނިވަރސިޓީ އޮފް ވެސްޓަރން އިންގްލެންޑުގެ މާސްޓަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ފުރިހަމަ ކުރައްވަމުންނެވެ.
އޭސީސީންގެ މެމްބަރުންނަށް މަޖިލީހުގެ ބައެއް މެމްބަރުންގެ ފާޑުކިޔުން އަމާޒުވެފައިވާއިރު، ކޮމިޓީން ދަނީ ވަކިވަކިން މެމްބަރުންގެ މަސައްކަތް ބަލައި އިންޓަރވިއު ކުރަމުންނެވެ. މަޖިލިސް މިދައުރަށް ޗުއްޓީގައި އޮތުމުން މިވަގުތަށް މަސައްކަތް މަޑު ޖެހިފައި ވީނަމަވެސް އަންނަ އަހަރު ދައުރު ފެށުމާއިއެކު މިމަސައްކަތް ކުރެވިގެންދާނެކަމަށް ބެލެވެއެވެ.
ކޮމެންޓު ފޮނުވާ