ސްޕެނިޝް ލީގުގައި ރޭ އެތުލެޓިކް ބިލްބާއޯ ބަލިކޮށް ރެއާލް މެޑްރިޑުން އެއްވަނައިގައި 7 ޕޮއިންޓްގެ ލީޑެއް ނަގައިފިއެވެ.
ރެއާލްގެ އަމިއްލަ ދަނޑުގައި އެތުލެޓިކް ބިލްބާއޯ އަތުން ރެއާލް މޮޅުވީ 0-1 ގެ ނަތީޖާއަކުންނެވެ.
މި މެޗުގައި ރެއާލްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، އެތުލެޓިކް ބިލްބާއޯ އަށް ލިބުނު މަދު ފުރުޞަތުތަކުގައި އެޓީމުން ވަނީ ރެއާލްގެ ގޯލަށް ނުރައްކާ ކޮށްފައެވެ. މި މެޗުގައި ރެއާލުން ޖެހި ހަމައެކަނި ލަނޑު އެޓީމުން ޖެހީ ފުރަތަަމަ ހާފް ނިމެން ކައިރިވެފައި ވަނިކޮށެވެ. މެޗުގެ 40 ވަނަ މިނެޓުގައި މި ލަނޑު ރެއާލްއަށް ކާމިޔާބުކޮށްދިނީ، ކަރީމް ބެންޒެމާއެވެ. މިއީ މި ސީޒަނުގެ ލީގުގައި ބެންޒެމާ ކާމިޔާބުކުރި 12 ވަނަ ލަނޑެވެ.
މި ނަތީޖާއާއެކު ސްޕެނިޝް ލީގުގެ އެއްވަނައިގައި ރެއާލް އޮތީ ކުޅުނު 15 މެޗުން 36 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނައިގައި ޗެމްޕިއަން އެތުލެޓިކޯ މެޑްރިޑް އޮތީ 14 މެޗުން ލިބުނު 29 ޕޮއިންޓާއެކުއެވެ. ތިންވަނައިގައި އޮތް ރެއާލް ސޮސައިޑާޑަށްވެސް 19 ޕޮއިންޓް ލިބޭއިރު، އެތުލެޓިކޯ މެޑްރިޑަށް ކުރި ލިބެނީ ފައިދާ ގޯލުގެ ތަފާތުންނެވެ. ލީގުގެ ހަތަރު ވަނައިގައި ސެވިއްޔާ އޮތީ 28 ޕޮއިންޓާއެކުއެވެ.