الحمدللهوالصلاةوالسلامعلىرسولاللهوعلىآلهوصحبه، أمابعـد:
އަންހެނުންގެ ބޮލުގައިވާ ބުރުގާގައި ވުޟޫ ކުރާ އިރު ފެންފޮހުމާއި މެދުގައި ޢިލްމުވެރިންގެ މެދުގައި ޚިލާފުތަކެއް އުފެދިފައިވެއެވެ. އެއީ:
ޖުމްހޫރުން ދެކިލައްވާ ގޮތުގައި: އަންހެނުން ބުރުގާ ގައި ފެންފޮހުމުން ވުޟޫ ޞައްޙަ އެއް ނުވާނެއެވެ. އަދި އެގޮތަށް ފެންފޮހެގެން ވުޟޫ ކޮށްފިނަމަ އެވުޟޫވާނީ ބާޠިލް ވުޟޫ އަކަށެވެ. އެހެންނަމަވެސް ބުރުގާގެ ތުނިކަމުން އެތެރެއަށް ފެން ވަންނަ ވަރުގެ ބުރުގާ އެއް ނަމަ މައްސަލަ އެއް ނެތެވެ.
އިބްނު ޙަޒްމު އަދި ޙަންބަލީންގެ އެއް ރިވާޔަތެއްގައި ވާ ގޮތުން އަންހެނުން ބޮލުގައި އޮންނަ ބުރުގާ ގައި ފެން ފޮހުމުން ވުޟޫ ޞައްޙަ ވާނެއެވެ. މިބޭފުޅުން ދެކިލައްވާ ގޮތުން ބޯ ނިވާ ކުރުމަށް އަޅާފައި ހުންނަ ކޮންމެ އެއްޗެއްގެ މަތީގައި ފެންފޮހެވިދާނެއެވެ. އެއީ ތާކިހަލެއްނަމަވެސް، ފަގުޑި އެއް ނަމަވެސް، ފޮތިގަނޑެއްނަމަވެސް، އެނޫންއެއްޗެއް ނަމަވެސް އެވެ.
އިބްނު ތައިމިއްޔާ އަދި ޝައިޚް ޢުޘައިމީން ރަޙިމަހުﷲ- ވިދާޅުވަނީ ބޮލުގައި އަޅާފައި ހުންނަ ތަކެތިން ނެގުން އުދަގޫ އެއްޗިއްސާއި ފަސޭހަ އެއްޗެތި ތަފާތު ކުރަން ޖެހޭ ކަމަށެވެ. އެގޮތުން ނެގުން އުނދަގޫ ތަކެތީގެ މަތީގައި ފެންފޮހުން ހުއްދަ އެވެ. އަދި ނެގުން ފަސޭހަ ތަކޭތީގެ މަތީގައި ފެންފޮހުން ހުއްދަ އެއް ނޫނެވެ.
މި މައްސަލާގައި ރާޖިޙް ގޮތަކީ: ފިރިހެނުންގެ ބޮލުގައި އޮންނަ ފަގުޑީގައި ފެން ފޮހުން ހުއްދަވާ ފަދައިން އަންހެނުންގެ ބޮލުގައި އޮންނަ ބުރުގާގައިވެސް ފެން ފޮހުން ހުއްދަވުމެވެ. ސަބަބަކީ ގިނަ ފަހަރަށް ބުރުގާ ބާލައިގެން ވުޟޫ ކުރުމަކީ އެކަނބަލުންނަށް ދަތި އުނދަގޫ ކަމަކަށްވާނެތީވެއެވެ. އަދި އެކަނބަލުންގެ ބޮލުގައި ބުރުގައި ބޭއްވުމަކީ ޚުއްފު ބޭލުމަށްވުރެވެސް ބޭނުންތެރި ކަމަކަށް ވާތީވެއެވެ.
والله أعلم