ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީނަށް ދައުލަތުން ސެކިއުރިޓީ ހަމަޖައްސައި ދީފިއެވެ.
މި އަހަރާށް ފާސްކުރި ބަޖެޓާއި، އަންނަ އަހަރަށް ލަފާކޮށް ފާސްކުރި ބަޖެޓުގައި ކުރީގެ ރައީސުންގެ އިނާޔަތްތައް ދޭން ހިމެނީ ކުރީގެ ރައީސުންގެ ތެރެއިން މައުމޫން އަބްދުލް ގައްޔޫމާއި މުހައްމަދު ނަޝީދާއި މުހައްމަދު ވަހީދަށެވެ. ޔާމީންގެ ހަރަދުތަކަށް ފައިސާ ބަޖެޓު ނުކުރީ، ދެ އަހަރު ވެސް ބަޖެޓު ފާސްކުރިއިރު ޖިނާއީ ކުށެއް ސާބިތުވެ އެ މަނިކުފާނު ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާތީއެވެ.
ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކަށް ދޭން ޖެހޭ ރައްކާތެރިކަމާއި އިނާޔަތްތަކާ ބެހޭ ގާނޫނުގައިވާ ގޮތުން ކުރީގެ ރައީސުންގެ ސެކިއުރިޓީ ބަލަހައްޓަނީ އެމްއެންޑީއެފުންނެވެ. ރައީސް ޔާމީންގެ ސެކިއުރިޓީ މައްސަލާގައި އެމްއެންޑީއެފްގެ ބަހެއް ހޯދުމަށް އިއްޔެ އާއި މިއަދު ވެސް ތަކުރާރުކޮށް ގުޅި ނަަމަވެސް އެ އިދާރާގެ ބަހެއް ލިބިފައެއް ނުވެއެވެ.
ރައީސް ޔާމީނަށް އެލަވަންސް ދިނުމުގެ މައްސަލާގައި ފިނޭންސް މިނިސްޓްރީން ބުނީ ގާނޫނުގައިވާ ގޮތުގެ މަތިން ރައީސް ޔާމީނަށް އިނާޔަތް ދޭނެ ކަމަށެވެ. އެކަމަށް ހަރަދުކުރަނީ ކޮންޓިންޖެންސީ ބަޖެޓުގެ ތެރެއިން ކަމަށްވެސް ބުނެފައިވެއެވެ. ރައީސް ޔާމީންއަށް ލިބެންޖެހޭ އިނާޔަތްތައް ހަމަޖައްސަން އަންނަ އަހަރުގެ ބަޖެޓުން ހަރަދުވާނީ ހަތަރު މިލިއަން ރުފިޔާއެވެ.
ރައީސް ޔާމީންއަަށް ލިބޭ އިނާޔަތްތައް:
މާލީ އިނާޔަތް – 75،000ރ. (މަހަކު)
ދިރިއުޅުއްވާ ތަނުގެ ހަރަދަށް – 50،000ރ. (މަހަކު)
އޮފީސް ހިންގުމުގެ ހަރަދު – 175،000ރ. (މަހަކު)
ބޭސްފަރުވާގެ ހަރަދު – 58،333.33ރ. (މަހަކު)
ކުރީގެ ރައީސުންގެ ގާނޫނުގެ 10 ވަނަ މާއްދާގައި ބުނެފައިވަނީ ރައީސުލްޖުމްހޫރިއްޔާ، އޭނާގެ މަގާމުގައ ހުރިއިރު، ޖިނާއީ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވާ ވަގުތުން ފެށިގެން، އޭނާއާއި އޭނާގެ އަނބިމީހާ ނުވަތަ ފިރިމީހާ އަށް މިގާނޫނުގެ ދަށުން ލިބިދޭ އެއްވެސް ރައްކާތެރިކަަމަކާއި އިނާޔަތެއް ނުލިބޭނެ އެވެ.
ކޮމެންޓު ފޮނުވާ