ކުރީގެ ރައީސް އަބްދުﷲ ޔާމީން ފުރުން މަނާކޮށް ކުރިމިނަލް ކޯޓުން އަމުރު ނެރެފި އެވެ.
ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި، ރައީސް ޔާމިންގެ މައްޗަށް ތުހުމަތުތަކާއި، އަދި ތުހުގީގު ކުރެވެމުންދާ މައްސަލަތަކާއި، މައްސަލަތަކަކާއި ގުޅިގެން ރައީސް ޔާމީން ފުރުން މަނާކުރުމުގެ އަމުރެއް ނެރެދިނުމަށް އެދުމުން ކޯޓުން އެ އަމުރު ނެރެފައިވާ ކަމަށެވެ.
މީގެ ކުޑަ އިރުކޮޅެއް ކުރިން ފުލުހުންވަނީ ރައީސް ޔާމިން ފުރައިގެން ދިއުން މަނާކުރުމުގެ އަމުރު ނެރެދިނުމަށް ކުރިމިނަލް ކޯޓުގައި އެދިފައެވެ. މައުލުމާތު ލިބިފައިވާ ގޮތުގައި އަމުރު ނެރެ ދީފައިވަނީ ހަތް ދުވަހުގެ މުއްދަތަކަށެވެ.
ކްރިމިނަލް ކޯޓުގައި ފުލުހުން އެދިފައިވަނީ ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައެއް އޮތުމުން ޔާމީން ރާއްޖޭން ބޭރަށް ފުރާވަޑައިގެންފިނަމަ ތަހުގީގަށް ހުރަސް އެޅިދާނެތީއެވެ. ނަމަވެސް އެއީ ސީދާ ކޮންމައްސަލައެއް ކަމެއް ސާފުވެފައެއް ނުވެއެވެ. ޔާމީންގެ މައްޗަށް އިއްވާފައިވާ ފަސް އަހަރުގެ ޖަލު ހުކުމް މިއަދު ސުޕްރީމް ކޯޓުން ބާތިލު ކުރުމާއެކު ޔާމީން ވަނީ މިނިވަންވެ މިއަދު ސިޔާސީ ހަރަކާތްތަކާވެސް އަލުން ގުޅިފައެވެ. ނަމަވެސް ޔާމީންއާބެހޭ ބަޔެއް ތަހުގީގުތައް ފުލުހުން އަދިވެސް ދަނީ ކުރަމުންނެވެ.
ރައީސް ޔާމިންގެ މައްޗަށް ދަށު ކޯޓުން އިއްވަފައިވާ ހުކުމް ބާތިލްކޮށް މިއަދު ސުޕްރީމް ކޯޓުން ކޮށްފައިވާ ހުކުމުގައި ބުނެފައިވަނީ، ހުކުމް ބާތިލްކުރި ކަމުގައިވި ނަމަވެސް، ޔާމީންގެ އެކައުންޓަށް ޖަމާވެފައިވާ ފައިސާގެ ހަގީގަތް ހޯދުމަށް އެމައްސަލަ އަލުން ތަހުގީގް ކުރުމުގެ ހައްގު ދައުލަތަށް ލިބިގެންވަ ކަމުގައެވެ.