ރައީސް ޔާމިންގެ މައްޗަށް އިއްވާފައިވާ ފަސް އަހަރުގެ ޖަލު ޙުކުމް ސުޕްރީމް ކޯޓުން ބާޠިލްކޮށްފި

ރައީސް ޔާމިންގެ މައްޗަށް އިއްވާފައިވާ ފަސް އަހަރުގެ ޖަލު ޙުކުމް ސުޕްރީމް ކޯޓުން ބާޠިލްކޮށްފި

Author
މުޙައްމަދު ޖިމީ
30 ނޮވެމްބަރ 2021 12:22
0

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ފަސް އަހަރަށް ޖަލަށް ލުމަށް ކޮށްފައިވާ ހުކުމު ސުޕްރީމް ކޯޓުން ބާޠިލްކޮށްފިއެވެ.

ރައީސް ޔާމީން 5 އަހަރަށް ޖަލަށްލާ 5 މިލިއަން ޑޮލަރުން ޖޫރިމަނާކުރީ ރިސޯޓެއްގެ ގޮތުގައި ތަރައްޤީކުރަން ދޫކުރި ގއ.ވޮޑަމުލާ ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން 1 މިލިއަން ޑޮލަރު ހޯއްދަވާ އަމިއްލަފުޅު އެކައުންޓަށް ޖަމާކޮށް އެ ފައިސާގެ އަސްލު އޮޅުވާލި ކުށް ސާބިތުވުމުންނެވެ. ކްރިމިނަލް ކޯޓުން ކުރި އެ ހުކުމަށް ހައިކޯޓުންވެސް ތާޢީދުކުރިއެވެ. ނަމަވެސް އެ މައްސަލަ ރައީސް ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓުގައި އިސްތިއުނާފްކުރުމުން، އެ މައްސަލާގައި ހުކުމް އިއްވުމަށް ބޭއްވި ޝަރީޢަތުގައި ޔާމީންގެ މައްޗަށް ކުށް ސާބިތުވާކަމަށް ކްރިމިނަލް ކޯޓުންނާއި ހައިކޯޓުން ނިންމި ނިންމުން ބާތިލުކުރަންޖެހޭކަމަށް ފެންނަކަމަށް މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ރިޔާސަތުގައި އިންނެވި ފަނޑިޔާރު މަހާޒް ވިދާޅުވިއެވެ.

ފަނޑިޔާރު މަހާޒްގެ ރައުޔުއަށް އެ މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގައި ދެން ތިއްބެވި ފަނޑިޔާރުންކަމަށްވާ އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު އިބްރާހިމް މުހައްމަދު ތާއީދުކުރެއްވިއެވެ.

ރައީސް ޔާމީންގެ މައްޗަށް ފަސް އަހަރު ދުވަހުގެ ޖަލު ހުކުމް ސާބިތުކުރުމުގައި އަސްލަކަށްބެލި ވޮޑަމުލާގެ ފައިސާ އެސްއޯއެފް ކުންފުނީގެ އެކައުންޓަށް ޖަމާވިކަމާމެދު ޝައްކު އުފެދޭކަމަށް މަހާޒް ވިދާޅުވިއެވެ. އެމްއެމްޕީއާރުސީ ހިޔާނާތުގެ މޭސްތެރިކަމަށް ތުހުމަތުކުރެވޭ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ހެކިބަހަށް ބާރުދޭ އިތުރު ގަރީނާއެއް ނެތްއިރު، އެ ހެކިބަހަށް ބުރަދަން ދިނުން ރައްކާތެރިކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް ފަނޑިޔާރު މަހާޒް ވިދާޅުވިއެވެ. މަހާޒް ވިދާޅުވީ، ޔާމީންގެ އެކައުންޓަށް ޖަމާވި ފައިސާއަކީ ކުށްކޮށްގެން ހޯދާފައިވާ ފައިސާއެއްކަން އެންޓި ކޮރަޕްޝަން ކޮމިޝަނުން ފޮނުވި ސިޓީގައި ސާފުކޮށް ބުނެފައި ނެތް ކަމަށެވެ.

ފަނޑިޔާރު މަހާޒް ވިދާޅުވީ އެސްއޯއެފް އަކީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލޯންޑާ ކުރުމަށް ބޭނުންކުރި އެންމެ ވަރުގަދަ އާލާތްކަމަށް ބުނާއިރު އެކުންފުނީގެ މައްޗަށް ދައުވާއެއް ކޮށްފައި ނެތުމަކީ ހައިރާންވިކަމެއް ކަމަށެވެ.

ޔާމީން ފަސް އަހަރުގެ ޖަލު ހުކުމުން މިއަދު ސަލާމަތް ވެފައި ވަނީ މި މައްސަލައިގައި ހިމެނޭ އެއް މިލިއަން ޑޮލަރަކީ ދައުލަތަށް ލިބެން ޖެހޭ ފައިސާކަމާމެދު ޝައްކު އުފެދި އަދި މުހިންމު ހެކިންތަކެއްގެ ހެކިބަސް ގޯސްކޮށް ނަގައިފައިވުމުންނެވެ. އެ ފައިސާ އަކީ ހަގީގަތް ނޭންގޭ ފައިސާއެއް ކަމަށް ހުކުމްގައި ވަނީ ކަނޑައަޅައިފަ އެވެ.

ރައީސް ޔާމީންނަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ބާތިލު ކުރި ނަމަވެސް ދައުލަތުން ވަނީ އިތުރު ދެ ދައުވާއެއް ކޮށްފައެވެ. އެއީ ވ. އާރަށާއި ރ. ފުއްގިރީގައި ޓޫރިޒަމް ތަރައްގީކުރަން ދޫކޮށްގެން ލިބުނު ފައިސާ ލޯންޑާ ކޮށްފައިވާ މައްސަލައިގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.