އިންޑިއާ މިލިޓަރީ އައުޓް ކެމްޕެއިނަކީ ދިވެހި ރައްޔިތުންގެ ކެމްޕއިނެއްކަމަށާއި، އެކަން އެނގިވަޑައިނުގަތުމަކީ ޑިފެންސް މިނިސްޓަރުގެ ނުކުޅެދުންތެރިކަންކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން ހިންގެވުމާއި ހަވާލުވެހުންނެވި ޢަބްދުއްރަހީމް ޢަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.
އަދުރޭ މިހެން ވިދާޅުވީ، ރާއްޖޭގައި ހިންގަމުންދާ "އިންޑިއާ އައުޓް" ކެމްޕެއިނަކީ މަސްތުވާތަކެތީގެ ނެޓްވޯކްތަކާއި ގުޅިފައިވާ މީހުން އަޑިގައި ތިބެގެން ސޯޝަލް މީޑިއާގެ ބޮޓުން ބޭނުންކޮށްގެން ހިންގާ ކެމްޕެއިނެއް ކަމުގައި ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ ވިދާޅުވުމާއި ގުޅިގެން ދެއްވި ރައްދުގައެވެ.
އަދުރޭ ވިދާޅުވީ، އިންޑިއާ މިލިޓަރީ އައުޓް ކެމްޕެއިނަކީ ދިވެހި ރައްޔިތުންގެ ކެމްޕއިނެއްކަމަށާއި، އެކަން މިނިސްޓަރ މާރިޔާއަށް ނޭނގުމަކީ އެކަމަނާގެ ނުކުޅެދުންތެރިކަންކަމަށެވެ. އަދި އިންޑިޔާއިން ލިޔެފަ ދިން އެއްޗެއް އޮތްގޮތަށް ކިޔާލުމަކުން އަދި ނުފުދޭނެކަމަށާއި، ގައުމަށް ޣައްދާރުވިޔަސް އެއީ ބޮޑުވަރުކަމަށްވެސް އަދުރޭ ވިދާޅުވިއެވެ.
އިންޑިއާ މިލިޓަރީ އައުޓް ކެމްޕެއިނަކީ ދިވެހި ރައްޔިތުންގެ ކެމްޕއިނެއް.އެކަން މާރިޔާއަށް ނޭނގުމަކީ މާރިޔާގެ ނުކުޅެދުންތެރިކަން.އިންޑިޔާއިން ލިޔެފަ ދިން އެއްޗެއް އޮތްގޮތަށް ކިޔާލުމަކުން އަދި ނުފުދޭ.ގައުމަށް ޣައްދާރުވިޔަސް ތިޔައީ ބޮޑުވަރު #އިންޑިއާމިލިޓަރީއައުޓް #މާރިޔާއިސްތިޢުފާ
— Abdul Raheem Abdulla (@Banafsaa) November 29, 2021
އިންޑިއާއަށް މިނިސްޓަރ މާރިޔާ ކުރެއްވި ދަތުރުފުޅުގައި ވޯލްޑް އިން ވަން ނިއުސް (ވިއޯންއަށް) ދެއްވި އިންޓަރވިއުއެއްގަައި މިނިސްޓަރ މާރިޔާ ވިދާޅުވީ އިންޑިއާ އައުޓް ކެމްޕެއިންގެ ހުރިހާވެސް އަމާޒަކީ ރާއްޖެއާއި އިންޑިއާއި ދެމެދު އޮތް ގާތް އެކުވެރި ގުޅުން ހީނަރުކުރުންކަމަށެވެ. އަދި އެއްވެސް އަސްލެއްނެތް ހަގީގަތާއި ޚިލާފް ވާހަކަ ދައްކައިގެން ދޭތެރެ ޖެއްސުމަކީ އެމީހުންގެ މަގްސަދުކަމަށެވެ. މިކަން ކުރަމުންދަނީ ރާއްޖޭގެ ސޯޝަލް މީޑިއާގައި ހަރަކާތްތެރިވާ މަދު ބޮޓުންތަކެއް ކަމުގައި މާރިޔާ ވަނީ ސިފަ ކުރައްވާފައެވެ.
މިމަސައްކަތުގައި އިސްކޮށް ހަރަކާތްތެރިވާ މީހުންނަކީ ސަރުކާރުން ޑްރަގާިއ ދެކޮޅަށް ކުރަމުންދާ މަސައްކަތާއި ނުހަނު ބޮޑަށް ކަންބޮޑުވާ، އެކަން ހުއްޓުވުމަށް ކުރާ މަސައްކަތާއި ދެކޮޅު ހަދާ މީހުންކަމަށްވެސް މާރިޔާ ވިދާޅުވިއެވެ. އަދި މިމީހުންނަކީ ޤާނޫނުތަކާއި ގަވާދުތަކަސް ބޯނުލަބާ، ކޮރަޕްޝަނާއި ފަސާދައިގެ އަމަލުތަކަށް ހިތްވަރު ދޭބައެއްކަމަށްވެސް މާރިޔާ ވިދާޅުވިއެވެ.
ރާއްޖެއާއި އިންޑިއާއާއި އޮތް ގުޅުމުގެ ތެރެއިން އަދި ވެފައިވާ އެއްބަސްވުންތަކުގެ ތެރެއިން ގިނަ އަދަދެއްގެ މަސްތުވާތެކެތި މިހާރު ގެންދަނީ އަތުލައި ގަންނަމުން ކަމަށާއި، މިކަމަކީ "އިންޑިއާ އައުޓް" ހަރަކާތް ހިންގާ މީހުންނަށް ބަލަން އެހާ ފަސޭހަ މަންޒަރެއް ނޫންކަމަށް މިނިސްޓަރ މާރިޔާ ވިދާޅުވިއެވެ.
މާރިޔާ ވަނީ އިންޑިއާއާއި ރާއްޖެއާއި ދެމެދު އޮތް އެކުވެރި ގުޅުމަށް ތައުރީފް ކުރައްވާފައެވެ. އަދި މިހެން މަދު ބަޔަކު ކުރާ ކަމަކުން ދެޤައުމުގައި އޮތް ގުޅުމަށް އެއްވެސް ހީނަރުކަމެއް ނާންނާނެކަމަށާއި، ދެޤައުމުގެ ގުޅުން ކުރިއަށް އޮތް ތަނުގައިވެސް ދާނީ އިތުރަށް ބަދަހި ވަމުންކަމަށް މާރިޔާ ވިދާޅުވިއެވެ.
މާރިޔާ މިފަދައިން ވިދާޅުވިއިރު، ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށާއި، އިންޑިއާއާއިއެކު ހަދާފައިވާ އެއްބަސްވުނަތައް ހާމަކުރުމަށް ގޮވާލައި އެތައް ސަތޭކަ ބަޔަކު ދަނީ މާލެއާއި އަތޮޅު ތެރޭގައިވެސް ބޮޑެތި އެއްވުންތައް ބާއްވަމުންނެވެ. މިއެއްވުނަތަކުގެ މައުލޫމާތު ބައިނަލް އަގުވާމީ މީޑިއާތަކުގެ ސަމާލުކަމަށް އައިސްފައިވާއިރު، ސަރުކާރުން ބުނަމުންދަނީ އިންޑިއާއާއި ރާއްޖެއާއި ދެމެދު ގޮތްނޭގޭ އަދި މިނިވަންކަމަށް ބުރޫއަރާފަދަ އެއްބަސްވުމެއް ހެދިފައި ނުވާނެކަމަށެވެ.
ކޮމެންޓު ފޮނުވާ