ތަޖުރިބާކާރުންގެ ވާހަކަ، އާ ވޭރިއެންޓްތައް ދާނީ އުފަންވަމުން! ކޯވިޑާއެކު އުޅެން ދަސްކުރޭ!

ތަޖުރިބާކާރުންގެ ވާހަކަ، އާ ވޭރިއެންޓްތައް ދާނީ އުފަންވަމުން! ކޯވިޑާއެކު އުޅެން ދަސްކުރޭ!

މި ގަރުނުގައި ދުނިޔެއަށް ކުރިމަތިވި އެންމެ ބޮޑު ސިއްޙީ އާލަމީ ވަބާއަކަށް ވެގެން މިދިޔައީ ކޯވިޑް19ގެ ނުރައްކަތެރި ކާރިސާއެވެ. އަދި މިއީ ސިއްޙީ ކާރިސައަކަށް ވެގެންދިޔަ ނަމަވެސް، ކޯވިޑް ކަރިސާ ވެގެން ދިޔައީ ދުނިޔެއަށް އިގްތިސާދީ ގޮތުންނާއި އިޖުތިމާޢީ ގޮތުންވެސް ބޮޑެތި ގޮންޖެހުންތައް އަދިވެސް ކުރިމަތި ކުރުވަމުންދާ، ނިމުމެއް ނުވާ ކާރިސާއެއްގެ ގޮތުގައެވެ.

މިގޮތުން 2019ވަނަ އަހަރު ނިމެމުންދަނިކޮށް ދުނިޔެ ކުރިމަތި ލާންޖެހުނު ކޯވިޑްގެ ކާރިސާއަށް ދެއަހަރު ފުރެމުންދާއިރު، މި ބައްޔާއި ދެކޮޅަށް ދުނިޔެ ބޮޑެތި ކުރިއެރުންތައް ހޯދާ، ކޯވިޑާއި ދެކޮޅު ވެކްސިންތައް އީޖާދު ކޮށްފައިވި ނަމަވެސް، އަދިވެސް ކޯވިޑް19 ބަލި ޖައްސާ ކޮރޯނާ ވައިރަސް މިގެންދަނީ އެއްގޮތުން ނުވިއްޔާ އަނެއްގޮތަކުންވެސް ބޮޑެތި ގޮންޖެހުންތައް އަދިވެސް ދުނިޔެއަށް ކުރިމަތި ކުރުވަމުންނެވެ.

މީގެތޭގައި ހިމެނިގެންދަނީ، ކޯވިޑް19 ވައިރަސް މިއުޓޭޓްވެ (ވައިރަސްގެ ޕްރޮޓީން އެތުރުމަށް ބަދަލު އައިސް، އެއް ވައިރަހެއްގެ އެހެން ބާވަތަކަށް ބަދަލުވުން)، އާ ސްޓެރެއިންތައް އުފެދި، އިންސާނުންގެ ސިއްޙީ ނިޒާމަށް އިތުރު ނުރައްކާތައް ކުރިމަތި ކުރުވާ ކޯވިޑްގެ އާ ވޭރިއެންޓްތަކެވެ.

އެމެރިކާގެ ނޭޝަނަލް އިންސްޓިޓީއުޓް އޮފް ހެލްތުއިން 2020ވަނަ އަހަރުގެ ފެބްރުއަރީ މަހު އާންމު ކޮށްފައިވާ ކޯވިޑް19ގެ އިލެކްޓްރޯން މައިކްރޯސްކޯޕިކް އިމޭޖެއް

ދުނިޔެއަށް އުފަންވާ، އިންސާނުންނަށް ބަލި ޖައްސާ ހުރިހާ ވައިރަހަކީވެސް މިއުސޫލުން އޭގެ އުފެދުމަށް ބަދަލު އައިސް މިއުޓޭޓްވާ، ދިރުން ހުރި ޒަރީއާތަކެކެވެ. އެހެންނަމަވެސް ގިނަފަހަރަށް މިގޮތުން އުފެދޭ ވޭރިއެންޓްތަކުގެ ޕްރޮޓީންގެ އެތުރުމަށް އަންނަ ބަދަލު ތަކާއެކުވެސް، އަސްލު ވައިރަހާ ދެކޮޅަށް އުފައްދާ ވެކްސިންތައް އާ ސްޓެރްއިންގެ ބާރު ދަށްކޮށް، އާ ސްޓެރެއިންތަކާ ދެކޮޅަށް ގިނަ ހާލަތްތަކުގައި ހުންނަނީ މަސައްކަތް ކޮށްފައެވެ. އެހެންނަމަވެސް މި އުސޫލުން ވެކްސިންތައް މަސައްކަތްކުރުން ބިނާވެފައި އޮންނަނީ އަސްލު ވައިރަސް މިއުޓޭޓް ވެގެން ގޮސްފައި އޮންނަ މިންވަރެއްގެ މައްޗަށެވެ.

 

"ކޯވިޑް19ގެ އާ ވޭރިއެންޓްތައް ދާނީ އުފަން"

"ހަގީގީ ކަންބޮޑީވުމަކީ ކޮބައިކަން އަހަރެމެންނަށް އެބައިގޭ. އެހެންނަމަވެސް އޮތް ހިތްހަމަ ޖެހުމަކީ، މިގޮތުން އުފެދޭ ވެރިއެންޓްތައް އަވަހަށް ދެނެގަނެވޭނޭ ސިސްޓަމްތައް ހުރީ މިހާރު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ގާއިމް ކުރެވިފައި. އެންމެ ފަހުން މި ފެނުނު ވޭރިއެންޓްވެސް ވަނީ މީހެ މަދު ހަފްތާތަކެއް ކުރިން ފެނިފަ. އަދި ސައިންސްވެރިން ދިޔައީ  އެމީހުންގެ ދިރާސާތައް އަހަރެމެންނާ ހިއްސާ ކުރަމުން، މައުލޫމާތު ޙިއްސާ ކުރަމުން. އޭގެ ނަތީޖާއެއްގެ ގޮތުން އަޅަންޖެހޭ މުހިންމު ފިޔަވަޅުތައް އެޅުމުގެ ފުރުސަތު ލިބިގެންދޭ،" ދުނިޔޭގެ ސިއްޙަތު ޖަމިއްޔާގެ ކޯވިޑް19 ޓޭކްނިކަލް ޓީމުގެ އިސް ފަރާތެއް ކަމުގައިވާ މާރިއާ ވާން ކާކްހޯވް ވިދާޅު ވެފައި ވެއެވެ.

"ކޮންމެ މީހެއްގެވެސް ފަރުދީ ޒިންމާއަކަށް ވާންވީ،  ވައިރަހަށް ތިމާގެ ނަފުސު ހުށަހެޅިގެން ދިޔަ ނުދިނުން" ވާން ކާކްހޯވް ވިދާޅުވިއެވެ. "މިގޮތުން ކޮންމެހެންވެސް ހިފަހައްޓަންޖެހޭ އާންމު ސިއްޙަތުގެ މިންގަޑުތަކަކީ: ގައި ދުރުކުރުން، މާސްކު އަޅައިގެން އުޅުން، އަދި އަޅައިގެން ހުންނަ މާސްކުން ތިމާގެ ނޭފަތާއި އަގު ރަގަޅަށް ފޮރުވިފައި ހުރިކަން ޔަގީން ކުރުން، އަބަދު އަތް ދޮވެ ސާފު ކޮށްފައި ބެހެއްޓުން، ގިނަ މީހުން ޖަމާވެފައި ހުންނަ ތަންތަނަށް ގޮސް ނުއުޅުން، ގޭތެރޭގައި ތިބޭނަމަ ވައިސާފު، ރަގަޅަށް ދައުރުވާ ތަންތަނުގައި ތިބުން، އަދި ވެކްސިން ޖަހައިގެން ތިބުން."

މުޅި ދުނިޔެގައި ބިރުވެރިކަން ފަތުރާފައިވާ އޮމިކްރޯން ވޭރިއެންޓް ދުނިޔެއަށް ތައާރަފްވެ، މި ވޭރިއެންޓާ ގުޅުންހުރި ކަންކަން ހޯދާ އަދިވެސް ކަމުގެ މާހިރުން ބަލަމުންދާއިރު، ގަބޫލު ކުރެވޭ ގޮތުގައި، ވައިރަހުން ރައްކާތެރިވުމަށް ގެންގުޅޭ އުސޫލުތައް، މިސާލަކަށް މާސްކު އެޅުންފަދަ ބައެއް އުސޫލުތަކަށް ބަދަލުތަކެއް އައުން އެކަށީގެން ވެއެވެ.

އަދި ދުނިޔެއަށް ކުރިމަތިވެފައިވާ "ޕެންޑަމިކް"ގެ ހާލަތު (މުޅި ދުނިޔޭގެ އާބާދީއަށް ސިއްޙީ ނުރައްކަލެއްގެ ހާލަތު) ނިމުމަކަށް އައިސް، މި ސިއްޙީ ކާރިސާ "އެންޑެމިކް"އެއްގެ (އެކީ ފިލައިގެން ނުދާ، އަދި ކަންބޮޑުވާން ޖެހޭފަދަ ހާލަތެއްގައި އެއްފަހަރާ ގިނަ ބަޔަކަށް ބަލި ނުޖެހޭ ހާލަތް) ހާލަތަށް ބަދަލުވަމުން ދާއިރު، ބެލެވޭ ގޮތުގައި ކުރިޔަށް އޮތް ތަނުގައިވެސް ކޯވިޑ19ގެ އާ ވޭރިއެންޓްތައް ދާނީ އުފަންވަމުންނެވެ.

ކޯވިޑް ވައިރަސް އިންސާނާގެ ހަށިގަޑަށް އަސަރު ކުރުވާ ގޮތުގައި ތަސްވީރެއް

"ކުރިޔަށް އޮތް ތަނުގައިވެސް މުޅިން އާ ވޭރިއެންޓްތައް ދާނީ އުފަންވަމުން. މީގެ ތެރޭގައި ހިމެނޭ ގިނަ ވޭރިއެންޓްތައް ވެގެންދާނީ، އެހާ ނުރައްކާތެރި ނޫން ވޭރިއެންޓަތަކަށް. އެހެންނަމަވެސް، މިގޮތުން އުފަންވާ އާ ވޭރިއެންޓްތައް ދެނެގަތުމާއި، އޭގެ ގޮތްގަޑު ދެނެގަތުމާއި، އަދި ނުރައްކާތެރިކަން ދެނެގަތުން ވެގެންދާނީ ކުރަންޖެހެނޭ މުހިންމު މަސައްކަތަކަށް،" އެމެރިކާގެ ޖޯން ހަޕްކިންސް ޔުނިވަރސިޓީ ސެންޓަރ ފޯރ ހެލްތު ސެކިއުރިޓީ ގެ ސީނިއަރ ސްކޯލަރ ޑރ. އަމެޝް އަދަލްޖާ ސީއެންއެންއަށް ފޮނުވާފައިވާ އީމެއިލްއެއްގައި ވިދާޅުވެފައި ވެއެވެ.

"މި ވައިރަސް އެންޑަމިކްއަކަށް ބަދަލުވެ (އެކީ ފިލައިގެން ނުދާ، އަދި ކަންބޮޑުވާން ޖެހޭފަދަ ހާލަތެއްގައި އެއްފަހަރާ ގިނަ ބަޔަކަށް ބަލި ނުޖެހޭ ހާލަތް) ފެތުރެމުން ދާއިރު، މިވައިރަހުގެ ނުރައްކާ އެކީ ފިލައިގެން ގޮސްފައިވާ ހާލަތެއް ނާންނާނެ،" އަދަލްޖާ ލިޔުއްވާފައި ވެއެވެ. "ގިނަ ބަޔަކު ވައިރަހުން ރައްކާތެރިވެ (އިމިއޫންވެ) އަދި ދެވޭ ފަރުވާއިން ގިނަބަޔަކަށް ވައިރަހުން ރައްކާތެރިކަން ލިބި، މިވަރަހަކީ، ގިނަބަޔަކަށް ބަލިޖައްސާ، ހޮސްޕިޓަލްތަކުގެ ކެޕޭސިޓީއަށް ނުރައްކާ ކުރެވޭނޭ ގާބިލްކަން ނެތް ވައިރަހަކަށް ވެގެން ދިއުމުން، އާންމު ސިއްހަތު ރައްކާތެރި ކުރުމަށް އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކަށް ލުއި ގެނެވިދާނެ. އަދި އެހާތަލުގައި މި މިންގަޑުތަކަކީ، ރިސްކު ބޮޑެތި ހާލަތްތަކުގައި އެކަނި، އެމީހެއްގެ އަމިއްލަ އިޚްތިޔާރުގައި ބޭނުން ކުރެވިދާނެ މިންގަޑަކަށް ހެދިދާނެ."

 

ވެކްސިން ސައިންސްވެރިން އަދިވެސް ދަނީ އޮމިކްރޯން ޓެސްޓް ކުރަމުން

ކޯވިޑާއެކު މުސްތަގުބަލުގައި ދިރިއުޅޭނޭ ގޮންތަކެއް ދުނިޔޭގެ ގިނަ ބަޔަކު ހޯދާ ބަލަމުން ދާއިރު، ކޯވިޑް19 ވެކްސިން އީޖާދު ކޮށްފައިވާ ފަރާތްތަކުން ބުނަމުންދަނީ، މިހާރު އުފަން ވެފައިވާ ވޭރިއެންޓްތަކަށް ފަރުވާ ދެވޭނެ މިންގަޑަށް މިހާރު ހުރި ވެކްސިންތައްވެސް އިތުރަށް ތަރައްގީކުރުމަށް ސައިންސްވެރިން މިހަރުވެސް ދަނީ މަސައްކަތް ކުރަމުން ކަމުގައެވެ.

ފައިޒާ ކުންފުންޏާއެކު ކޯވިޑް ވެކްސިން އުފައްދާފައިވާ ބޮއޯއެންޓްކްއިން ބުނެފައިވަނީ، އެކުންފުނިން އީޖާދު ކޮށްފައިވާ ވެކްސިނަށް އޮމިކްރޯން ވޭރިއެންޓުން އަސަރުކުރާނެ ގޮތް ދެނެގަތުމަށް މިހާރުވެސް އެކުންފުނީގެ ސައިންސްވެރިން ދަނީ ތަހުލީލުތައް ކުރަމުން ކަމުގައެވެ. އަދި މި ތަހުލީލުތަކުގެ ނަތީޖާތައް ލިބުމަށް ހަތްތާތަކެއް ނަގާނެއެވެ.

"ތަޖުރިބާކާރުންގެ ހުރިން ކަންބޮޑުވުންތައް އަހަރެމެންނަށް އިގޭ، އަދި މިހާރުން މިހާރަށް ވަނީ ވޭރިއެންޓް B.1.1.529އާއި ގުޅުންހުރި ތަހުލީލުތައް ފެށިފަ،" ބައޯއެންޓެކްއިން ހުކުރު ދުވަހު ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވެއެވެ.

ކޯވިޑް19 ވެކްސިން ކާމިޔާބު ކަމާއެކު އުފައްދާފައިވާ އަނެއް ކުންފުނި ކަމުގައިވާ މޮޑާނާއިން ހުކުރުދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އަލަށް އުފަންވި އޮމިކްރޯން ވޭރިއެންޓްގެ ގާބިލްކަން ދެނެގަނެވި، އެކުންފުނިން އުފައްދާފައިވާ ކޯވިޑް19 ވެކްސިން މިވޭރިއެންޓާއި ދެކޮޅަށް މަސައްކަތް ކުރާނެ މިންވަރު ދެނެގަތުމަށް "އަވަސް ތަހުލީލުތައް" ވަނީ ފެށިފައެވެ. އަދި މި ތަހުލީލުތަކުގެ ނަތީޖާ ކުރިޔަށް އޮތް ހަފްތާގައި އާންމު ކުރެވިގެންދާނެކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.

މިހާތަނަށް ދުނިޔެއިން ފެނިގެން ގޮސްފައިވާ ކޯވިޑް19ގެ 4 ވޭރިއެންޓެއް

މޮޑާނާއިން ބުނެފައިވަނީ، މިހާރު ދެވެމުންދާ ބޫސްޓަރ ވެކްސިންތަކުން މި ވޭރިއެންޓުން ފުރިހަމަޔަށް ރައްކާތެރިކަން ފޯރުކޮށް ނުދޭނަމަ، އިތުރު ބޫސަޓަރ ޑޯޒްތައް ދީގެން ރައްކާތެރިކަން ލިބޭތޯ ބެލުމަކީ އެކުންފުނިން ބަލަމުންދާ އެއް ހައްލު ކަމުގައެވެ.

އަދި މީގެއިތުރުން، ބޫސްޓަރ ދެޑޯޒަށްވުރެ ގިނައިންވެސް ބޫސްޓަރ ޑޯޒް ދީފައިވާ ދެމީހަކު، އާދަޔާ ޚިލާފް މިންވަރަކަށް ކޯވިޑުން ރައްކާތެރިކަން ފޯރުކޮށްދޭތޯ ބެލުމަށް ތަހުލީލު ކުރަމުންދާ ކަމަށްވެސް މޮޑާނާ ކުންފުނިންވަނީ ބުނެފައެވެ. އަދި މި ދެމީހުންނަކީވެސް، މިހާރު އަލަށް ފެނިފައިވާ އޮމިކްރޯން ވޭރިއެންޓްގެ މިއުޓޭޝަންތައް އެކުލެވޭ ވޭރިއެންޓްތަކަށް ހުށަހެޅިގެން ގޮސްފައިވާ ފަރާތްތަކެވެ.

އަދި މީގެ އިތުރުން މޮޑާނާ ކުންފުނިން ދަނީ، އޮމިކްރޯންއަށް ޚާއްސަ ބޫސްޓަރ ޑޯޒްތައް ދީފައިވާ މީހުންވެސް ތަހުލީލު ކުރަމުންނެވެ.

"ސާސް ކޯވް 2 ގެ ސްޕައިކް ޕްރޮޓީންތަކަށް އައި އިތުރު ބަދަލުތަކާއެކު، އަލަށް އުފަންވެގައިވާ ކޯވިޑް19 ވޭރިއެންޓް ވަރަށް ގާތުން މިދަނީ މޮނިޓަރ ކުރަމުން، އަދި ސައުތު އެފްރިކާއިން އުފެދި، މިހާރު ބާރު މިނުގައި ފެތުރެމުންދާ ވޭރިއެންޓާއި ދެކޮޅަށް ވެކްސިންއިން ރައްކާތެރިކަން ފޯރު ކޮށްދޭތޯ ބެލުމަށް މިހާރުދަނީ ތަހުލީލުތައް ކުރެވެމުން،" ކޯވިޑް19 ވެކްސިން އީޖާދު ކޮށްފައިވާ ޖޯންސަން އެންޑް ޖޯންސައިން ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވެއެވެ.

އަލަށް އުފެދިގެން ގޮސްފައިވާ އޮމިކްރީން ވޭރިއެންޓްއިން ކުރަމުންދާ އަސަރުތައް ދެނެގަތުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި، އަދި މި ވޭރިއެންޓާއި ދެކޮޅަށް އެންޓިބޮޑީ ކޮމްބިނޭޝަން ތެރަޕީ މަސައްކަތް ކުރޭތޯ ދެނެގަތުމަށް މިހާރު ތަހުލީލުތައް ކުރެވެމުންދާ ކަމަށް، އެސްޓްރާޒެނެކާގެ ތަރުޖަމާން ހުކުރުދުވަހު ވިދާޅުވެފައި ވެއެވެ.

"މި ވޭރިއެންޓް ފެނިފައިވާ ގައުމުތަކުގައި އެސްޓްރާޒެނަކާއިން ދަނީ ތަހުލީލުތައް ކުރިޔަށް ގެންދަމުން، އޭގެތެރޭގައި ބޮޓްސްވާނާ އަދި އެސްވަޓިނި ހިމެނޭ، މިގެ ނަޖީޖާއެއްގެ ގޮތުން އަސްލު ޑާޓާތައް ބޭނުންކޮށްގެން މި އާ ވޭރިއެންޓާއި ދެކޮޅަށް މަސައްކަތް ކުރުމުގެ ފުރުސަތު ލިބިގެން ދާނެ،" އެސްޓްރާޒެނެކާއިން ހާމަ ކޮށްފައި ވެއެވެ.

 

ވައިރަހާ ދެކޮޅަށް ކުރި ހަގުރާމަ ނިމުނުކަން އިއުލާން ކުރަން ގާތެއްވެސް ނުވޭ!

ކޮންމެއަކަށް، ކޯވިޑް19 ވައިރަހާ ދެކޮޅަށް ދުނިޔޭގެ ގައުމުތަކުން ކުރަމުންއައި ހަގުރާމައަށް ނިމުން އައިކަން އިއުލާންކޮށް، އުފާފާޅުކޮށް، ހިންދެމިލާކަށް އަދި ގާތެއްވެސް ނުވެއެވެ.

ތަޖުރިބާކާރުން ވިދާޅުވާގޮތުގައި، ދުނިޔެއިން އަވަސް މުސްތަގުބަލެއްގައި ދުނިޔެއިން ނެތިގެން ނުދާނެ

ކުރިމަތުވެގެންދިޔަ އިގްތިސާދީ ބޮޑެތި ގޮންޖެހުންތައް ތަހައްމަލް ނުކުރެވި، ދުނިޔޭގެ ބައެއް ގައުމުތަކުން ބޯޑަރުތައް ހުޅުވާލާފައިވި ނަމަވެސް، ހަގީގަތަކީ، ކޯވިޑް ވައިރަސް މުޅި ދުނިޔެއަށް ފެތުރިގެން ގޮސްފައިވާ މިންވަރަށް ބަލާއިރު، މިވައިރަސް މިއުޓޭޓުވެ، އާ ސްޓްރެއިންތައް އުފެދި، މި ވައިރަހުގެ އާ ވޭރިއެންޓްތައް އުފަން ވަމުންދާނެ ކަމެވެ.

އެހެންކަމުން، ދުނިޔޭގެ ހުރިހާ ގައުމަކަށްވެސް ކޯވިޑާއި ދެކޮޅަށް މިހާރު ކުރަންޖެހިފައިވާ އެންމެ މުހިންމު އެއްކަމެއްގެ ގޮތުގައި ތަޖުރިބާކާރުން ފާހަގަކުރާ އެއްކަމަކީ، ކޮވިޑާއެކު ދިރިއުޅޭނޭ މިންގަޑުތަކެއް ހޯދުމެވެ. އަދި މި މިންގަޑުތަކަށް އަހުލުވެރި ވުމެވެ. ކޮވިޑާއި ގުޅޭގޮތުން ކުރެވުނު މަސައްކަތުގެ ވާހަކަތައް ޒީނަތްތެރި ކޮށްފައި ނުދެއްކުމެވެ. "ސަޅިބައިސާތައް ކެނޑުމުގެ" ބަދަލުގައި މި ވައިރަހުގެ ހަގީގީ ނުރައްކާތެރިކަން ދެނެގަތުމެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *