ދިވެހި ލިބާސް ލައިގެން ކިތަންމެ ވަރަކަށް ޑްރާމާ ކުޅުނަސް ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ޖެހޭނީ ފައިބަން ކަމުގައި ޖަމްއިއްޔަތުއް ސަލަފްގެ އިސް ބޭފުޅެއް ކަމަށްވާ އަލީ ރަމީޒު ވިދާޅުވެއްޖެއެވެ.
އަލީ ރަމީޒު މިފަދައިން ވިދާޅުވެފައިވަނީ އިންޑިއަން ނޭވަލް އެކެޑަމީގެ ޕާސިންގ އައުޓް ޕެރޭޑް ޑިފެންސް މިނިސްޓަރ މާރިޔާ ދީދީ ދިވެހި ލިބާސް ލައިގެން ޝަރަފުވެރިކޮށްދެއްވުމާއި ގުޅިގެންނެވެ. މިނިސްޓަރ މާރިޔާ ވަނީ ދިފާޢީ ކަންކަމުގައި ރާއްޖެއާއި އިންޑިއާއިން، އެއް ޤައުމު އަނެއް ޤައުމަށްދޭ އެއްބާރުލުން ބިނާވެފައި އޮންނަނީ ހަމަހަމަކަމާއި، ދެ ޤައުމުގެ ފައިދާއާއި ސަރަޙައްދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަަށް އޮތް މުހިއްމު ބޭނުމުގެ މައްޗަށްކަމަށް ވިދާޅުވެފައެވެ.
މިނިސްޓަރ މާރިޔާ ދިވެހި ލިބާސް ތުރުކުރައްވައި ހުންނަވައި ކިތަންމެ ޑްރާމާއެއް ކުޅުނު ނަމަވެސް ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ޖެހޭނި މިފަސްގަނޑު ފައިބަން ކަމުގައި އަލީ ރަމީޒު ވިދާޅުވިއެވެ.
ދިވެހި ލިބާސް ލައިގެން ކިތަންމެ ވަރަކަށް ޑްރާމާ ކުޅުނަސް، އިންޑިއާ ސިފައިން ޖެހޭނީ މި ޤައުމުން ހަމަ ފައިބަން. އިންޝާ ﷲ. އަލީ ރަމީޒު ކުރި ޓުވީޓުގައި ވިދާޅުވިއެވެ.
ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ގޮވާލައި މާލެއާއި އަތޮޅު ތެރޭގެ ރަށްތަކުގައާއި، ކަނޑުމަތީގައިވެސް ދަނީ ސުލްހަވެރި ހަރަކާތްތައް ހިންގަމުންނެވެ. މި އެއްވުންތަކަށް ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވަމުންދާއިރު، "އިންޑިއާ އައުޓް" ކެމްޕެއިންގެ ވާހަކަތައް ބައިނަލް އަގުވާމީ މީޑިއާތަކުގެ ސަމާލުކަމަށްވެސް ވަނީ އައިސްފައެވެ.
ރާއްޖޭގެ އުތުރާއި ދެކުނުގައިވެސް ގިނަ އަދަދެއްގެ އިންޑިއާ ސިފައިން ތިބިއިރު، ސިފައިން ބައިތިއްބާފައިވަނީ ހެލޮކޮޕްޓަރު ދުއްވަންކަމަށް މީގެ ކުރިން ޑިފެންސް މިނިސްޓްރީން ބުނެފައިވެއެވެ. އިންޑިއާއާއި ރާއްޖެއާއި ހަދާފައިވާ އެއްބަސްވުންތަކުގެ ސަބަބުން ގައުމުގެ މިނިވަންކަމާއި ސިޔާދަތަށް ގެއްލުންވާނެކަމަށް އިދިކޮޅު ފަރާތްތަކުން ބުނަމުންދާއިރު، އެއްބަސްވުންތައް މަޖިލީހަށްވެސް އަދި އެނޫން ގޮތަކުންވެސް އާންމު ކުރުމަށް ސަރުކާރުން މިހާތަނަށް ވަނީ ދެކޮޅު ހަދާފައެވެ.
ކޮމެންޓު ފޮނުވާ