އިންޑިއާ އައުޓް ހަރަކާތުގެ ބާނީއަކީ ޔާމީން، އެމަނިކުފާނު މިޤައުމުގެ މިނިވަންކަން ޤުރުބާން ނުކުރައްވާނެ: އަދުރޭ

އިންޑިއާ އައުޓް ހަރަކާތުގެ ބާނީއަކީ ޔާމީން، އެމަނިކުފާނު މިޤައުމުގެ މިނިވަންކަން ޤުރުބާން ނުކުރައްވާނެ: އަދުރޭ

Author
މުޙައްމަދު ޝަޒައިމް
26 ނޮވެމްބަރ 2021 10:02
0

އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނާއި، ގިނަ ރައްޔިތުންތަކެއް އެކުވެގެން ހިންގާ "އިންޑިއާ އައުޓް" ހަރަކާތުގެ ބާނީއަކީ ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީންކަމަށް އެކޯލިޝަން ހިންގުމާއި ވަގުތީގޮތުން ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

އިދިކޮޅު ކޯލިޝަންގެ މާފަންނު ސްޓިއަރިން ކޮމިޓީން ރޭ ބޭއްވި ޚާއްސަ އިވެންޓުގައި ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ ރާއްޖޭގެ އެތައްހާސް ރައްޔިތުން މިއަދު މިނިވަންކަމުގެ ދިފާއުގައި ނިކުންނަން ޖެހިފައިވަނީ ސަރުކާރުން ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިޤުލާލަށް އިންޑިއާއަށް ވެދުމަށް އަރުވަން މަސައްކަތް ކުރާތީކަމަށެވެ. ރާއްޖޭގެ ކަންކަމުގައި ފަހުބަސް ބުނުމުގެ ބާރު އިންޑިއާއަށް ދޫކޮށްލައި، ރާއްޖޭގެ މައްޗަށް އިންޑިއާއަށް އަތްގަދަ ކުރަން ދޫކޮށްލުމަކީ ދިވެހިން ޖާގަ ދޭނެ ކަމެއް ނޫންކަމަށް އަދުރޭ ވިދާޅުވިއެވެ.

އިންޑިއާ އައުޓް ހަރަކާތުގެ ބާނީއަކީ ރައީސް ޔާމީން. އެހެންވެ ދުވާލަކު ދައުވާއެއް އުފުލަމުންދަނީ. ނަމަވެސް މަތި މައްޗަށް ކިތަންމެ ދައުވާއެއް ކުރިޔަސް ރައީސް ޔާމީން މިސަރުކާރުގެ ކުރިމަތީގައި ކުޑަކަކޫ ނުޖައްސަވާނެ. ރައީސް ޔާމީނަކީ މިޤައުމުގެ މިނިވަންކަން ޤުރުބާން ކުރައްވާނެ ބޭފުޅެއްނޫން. ރައީސް ޔާމީނަކީ ދިވެހިންގެ ކަންކަން ނިންމަން އެހެން ބައެއްގެ މައްޗަށް ބާރު ދޫކޮށްލާނެ މީހެއްނޫން.

– އަދުރޭ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިއަދު މުޅި ރާއްޖޭގައި ހަރަކާތްތައް ބާއްވަމުންދަނީ ރައްޔިތުން ނިކަމެތިކޮށް، ބަނޑަށް ޖައްސައި، މިނިވަންކަން ގެއްލުވާލުމުން ކަމަށެވެ. މިހަރަކާތް ނިންމާނީ ބޭނުންވާ މަގުސަދު ހާސިލްކޮށްފައި ކަމަށާއި، ރާއްޖޭގެ މިނިވަންކަމަށް އަރައި ގަންނަތަން ބަލާކަށް ދިވެހި ރައްޔިތުން މަޑަކުން ނުތިބޭނެކަން މިހާރު ސަރުކާރަށް ވަރަށް ރަނގަޅަށް އެގޭނެކަމަށް އަދުރޭ ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަން ނިންމުމަށް އޭރުގެ އިދިކޮޅު ފަރާތްތަކާއި ބައިއަތު ހިފައި އިންޑިއާއިން ނިކުތް މަޤުސަދު މިއަދު ކިތަންމެ ރަނގަޅަށްވެސް ފެންނަމުން ދާކަމަށެވެ. މިކަންކަމަކީ ރައީސް ޔާމީންގެ ވެރިކަން އޮޅުވާލައިގެން ނިންމި މީހުން ޖަވާބު ދާރީ ވާންޖެހޭނެ ކަމެއްކަމަށާއި، މިއެންމެން އިންސާފަށް ހާޒިރުކޮށް ޖަވާބުދާރީ ވާންޖެހޭނެ ދުވަހެއް އޮތްކަން ގަބޫލު ކުރަންޖެހޭކަމަށް އަދުރޭ ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި އިންޑިއާއިން ބޭނުންވާ ގޮތަކަށް ކަންކަން ނުވުނުން ރައީސް ޔާމީން ވެރިކަން ނިންމުމަށް އިންޑިއާއިން ނިކުތީ. މިވެރިކަމަކީ މަކަރާއި ހީލަތުން ހޯދި ވެރިކަމެއް. ރައްޔިތުން ތިބީ މިއަދު މިވެރިކަން ނިންމައި ރައްޔިތުންގެ ވެރިކަން ޤާއިމް ކުރުމަށް ތައްޔާރަށް.

– އަދުރޭ ވިދާޅުވިއެވެ.

މިއަދު ސަރުކާރުން ރައްޔިތުންނަށް ދެމުންދާ އަނިޔާގެ ފުރިހަމަ ޒިންމާ ސަރުކާރުގައި ތިއްބެވި ބޭފުޅުން ނަގަންޖެހޭނެ ކަމަށް އަދުރޭ ވިދާޅުވިއެވެ. ސަރުކާރަށް ކިތަންމެ ވަރަކަށް ޤައުމު ވިއްކާލެވޭނެކަމަށް ހީކުރިޔަސް އެކަން ކުރަން ދިވެހި ރައްޔިތުން ޖާގަ ނުދޭނެ ކަމަށާއި، ރައްޔިތުންގެ ވެރިކަމެއް ޤާއިމްކޮށް ރާއްޖޭގެ މިނިވަންކަން ދަމަހައްޓާނީ ރައީސް ޔާމީންގެ ޒަޢާމަތުގައިކަމަށް އަދުރޭ ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.