ސިޔާސީ މަޤާމުތަކަށް އޮތް 402 މިލިޔަން ރުފިޔާއަކީ، 13 މުއައްސަސާ ހިންގޭނެ ފައިސާ: ނާޒިމް

ސިޔާސީ މަޤާމުތަކަށް އޮތް 402 މިލިޔަން ރުފިޔާއަކީ، 13 މުއައްސަސާ ހިންގޭނެ ފައިސާ: ނާޒިމް

Author
މުޙައްމަދު ޝަޒައިމް
24 ނޮވެމްބަރ 2021 12:42
0

އަންނަ އަހަރަށް ދައުލަތުން ލަފާބަޖެޓަކީ ދާއިރާތަކުގެ ތަފާތުވުން އިންތިހާއަށް ބޮޑު، އާންމު ރައްޔިތުންނަށް އިންތިހާއަށް ގެއްލުންބޮޑު ބަޖެޓެއް ކަމުގައި އެމްއެންޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުން އަންނަ އަހަރަށް ލަފާކުރާ ބަޖެޓްގެ ކޮމެޓީ ރިޕޯޓުގެ ބަހުސްގައި ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ ބަޖެޓުން ފެންނަނީ އަތޮޅު ތެރޭގެ ތަރައްޤީ ވަރަށް ބޮޑަށް ތަފާތުކޮށްފައިވާތަން ކަމަށެވެ. ޚާއްސަކޮށް މަޖިލީހުގައި ހިމެނޭ ސަރުކާރަށް ތާއީދުކުރާ މެމްބަރުންގެ ދާއިރާތަކަށް އިންތިހާއަށް ކަންކަން ހިމެނިފައިވާއިރު ސަރުކާރާއި ކިރިޔާ ދެކޮޅު މެމްބަރެއްގެ ދާއިރާއަށް އެއްވެސް ކަމެއް ނެތްތަންކަމަށެވެ.

ބަޖެޓުގައި ހުރި މައިގަނޑު ކަންބޮޑުވުންތަކުގެ ތެރެއިން ސިޔާސީ މަޤާމުތަކަށް 350 ހާމަޤާމު އިތުރު ކުރުމަށް 402 މިލިޔަން ރުފިޔާ ބަޖެޓްކޮށްފައިވާކަން ފާހަގަކުރައްވާ ނާޒިމް ވިދާޅުވީ މިއީ 13 މިނިވަން މުވައްސަސާ ހިންގޭނެ ބަޖެޓުކަމަށެވެ. މިފައިސާ ސިޔާސީ މަޤާމުތަކަށް ޚަރަދުނުކޮށް، ރާއްޖޭގެ ރައްޔިތުންނަށް ފައިދާކުރަނިވި، ތަރައްޤީގެ ކަންކަމަށް ބަޖެޓް ޚަރަދު ކުރުމަކީ މުހިންމު ކަމެއްކަމަށް ނާޒިމް ވިދާޅުވިއެވެ. އިޤްތިޞާދީ ގޮތުން މިހާ ދަތި ދަނޑިވަޅެއްގައި ބޭކާރު ގޮތުގައި ފައިސާ ޚަރަދުނުކޮށް، ވީހާވެސް ދަރަނި ކުޑަކުރެވޭނެ ގޮތަކަށް ބަޖެޓުން ކަންކަން މެނޭޖް ކުރަންޖެހޭކަމަށް ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ މިސަރުކާރުގެ މިވީ ތިން އަހަރުގައި އޭނާ ނިސްބަތްވާ ދާއިރާއަށް ވަރަށް ބޮޑަށް އިހުމާލު ވެފައިވާކަމަށެވެ. ދާއިރާގެ ގިނަ ރަށްތަކުގައި ތަރައްޤީގެ ގާކޮޅެއްވެސް ނުބާއްވާކަމީ އޮތް ބޮޑު ކަންބޮޑުވުމެއްކަމަށް ނާޒިމް ވިދާޅުވިއެވެ.

މިބަޖެޓަކީ ހަމަހަމަކަމެއް ނެތް ބަޖެޓެއް. ތަފާތުކުރުން އިންތިހާއަށް އެބައޮތް. ބައެއް ދާއިރާތަކުގައި އެއާޕޯޓް ހެދުމާއި، މަގު ހެދުމާއި، ބަނދަރު ހެދުން އެބައޮތް. މިއީ ސަރުކާރަށް ތާއީދު ކުރާ ވަކި މެމްބަރުން ތަކަކަށް ކަންކަން ކުރެވޭނެގޮތަކަށް އޮތް ބަޖެޓެއް. އަޅުގަނޑުގެ ދާއިރާއަށް މިސަރުކާރުން ވަނީ ވަރަށް ބޮޑަށް އިހުމާލު ވެފަ.

– ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ ބަޖެޓުގައި ކަންބޮޑުވާ ކަންކަން އިންތިހާއަށް ހުރި ނަމަވެސް، ބަޖެޓުން ރާއްޖޭގެ އެއްވެސް ރަށެއްގައި ދިރިއުޅެ އެއްވެސް ރައްޔިތަކަށް ފައިދާއެއް ވާގޮތަކަށް ކަންކަން ރޭވިފައިނަމަ އެކަމަކަށް ހުރަސް ނާޅުއްވާނެކަމަށެވެ. އަދި ބަޖެޓާއިމެދު ނާއުންމީދީ ކަންކަން ހުރި ނަމަވެސް ބަޖެޓަށް ވޯޓު ދެއްވާނެކަމަށެވެ. ވޯޓު ދެއްވަނީ ރާއްޖޭގެ ރައްޔިތުންގެ ހައްގުގައިކަމަށާއި، އެއްވެސް ރައްޔިތަކަށް ނިކަމެތިކަމެއް އަންނަ ކަމަމަށް ޖާގަ ނުދެއްވާނެކަމަށް ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވަނީ ބަޖެޓުގައި ޖަހާ ކަންކަމީ ސަރުކާރުން ތަންފީޒު ކުރާ ކަންކަމަށް ވާންޖެހޭކަމަށެވެ. ނަމެއްގައި ކޮންމެ އަހަރަކު އަދަދުތަކެއް ޖަހައި ރައްޔިތުންނަށް ކުލަ ހުވަފެން ނުދައްކައި ބަޖެޓް ތަންފީޒު ކުރުމަކީ މުހިންމު ކަމެއްކަމަށް ނާޒިމް ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.