ޤާނޫނާއި ޚިލާފަށް ވަޒީފާއިން ވަކިކުރާ މީހުންނަށް ބަދަލުގެ ގޮތުގައި އެންމެ ގިނަވެގެން އެއް އަހަރު ދުވަހުގެ މުސާރައާއި ޢިނާޔަތް ދިނުމަށް ދައުލަތުން އެދުނުނަމަވެސް، އެގޮތަށް ލިމިޓް ކޮށްދެވެން ނެތްކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައިފިއެވެ.
ބަދަލުގެ ގޮތުގައި އެއް އަހަރުދުވަހުގެ މުސާރައާއި އިނާޔަތް ނަގައިދިނުމަށް ދައުލަތުން އެދިފައިމިވަނީ 2013 ވަނަ އަހަރު ސިފައިންގެ ވަޒީފާއިން ވަކިކުރި ސާޖެންޓް ފަސްޓް ކްލާސް ޢަލީ ވަޙީދު ކިޔާ މީހެއްގެ މައްސަލާގެ އިސްތިއުނާފް މަރުހަލާގައެވެ. ނަމަވެސް ވަޒީފާއާއި ބެހޭ ޤާނޫނުގައި ދައުލަތުން އެދުނުގޮތަށް އެކަމަށް ވަކި ލިމިޓެއް ބަޔާންކޮށްފައި ނުވާކަމަށް ސުޕްރީމް ކޯޓުން ކުރި ޙުކުމުގައި ބުނެފައިވެއެވެ. އެހެންކަމުން ޤާނޫނުގައި ނެތްކަމެއް ނުކުރެވޭނެކަމަށްވެސް ސުޕްރީމް ކޯޓުގެ ޙުކުމްގައި ވެއެވެ.
ޢަލީ ވަޙީދު ވަޒީފާއިން ވަކިކޮށްފައިވަނީ ޤާނޫނާއި ޤަވާއިދާއި ޚިލާފަށްކަމށް ދައުލަތުން އެއްބަސްވެއެވެ. ނަމަވެސް ދައުލަތުން އެއް އަހަރު ދުވަހުގެ މުސާރައާއި އިނާޔަތް ނަގައިދިނުމަކީ އިންސާފުވެރި ނިންމުމެއްކަމަށް ކަނޑައަޅައިދނުމަސް ދައުލަތުން އެދުމުން ޢަލީ ވަޙީދުގެ ފަރާތުން ވަކީލު ވަނީ އެއީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި ޚިލާފަށް ދައުލަތުން އެދޭ އެދުމެއްކަމަށްވެސް ބުނެފައެވެ.
ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާޤުން އިއްޔެ ކުރި ޙުކުމްގައި ވަނީ އެހެން ޤައުމުތަކުގައިވެސް ބަދަލުގެ ގޮތުގައި ވަކި މިންވަރެއް ނުވަތަ އެއް އަހަރަށް ބަދަލު ނަގައިދިނުން ލިމިޓްކޮށްފައި ވަނީ ޤާނޫނުތަކުގައި އެގޮތަށް ބަޔާންކޮށްގެންކަމަށެވެ. އެކަމުގެ މިސާލެއްގެ ގޮތުން އިނގެރޭސިވިލާތް، އޮސްޓްރޭލިއާ، ދެކުނު އެފްރިކާ ފަދަ ޤައުމުތައް ފާހަގަކޮށް، ރާއްޖޭގައި އެކަން ޤާނޫނުގައި ބަޔާންކޮށްފައި ނެތަސް ބަދަލު ނަގައިދިނުމުގައި ގެއްލުނު މުއްދަތުގެ މުސާރައާއި އިނާޔަތް އެއްކޮށް ނަގައިދިނުން ލާޒިމް ނުވާކަމަށްވެސް ބުނެފައިވެއެވެ.
މީގެ އިތުރުން ބަދަލު ނަގައިދިނުމުގައި ވަޒީފައިން ވަކިކޮށްފައިވާ މުވައްޒަފަށް ނުހައްގު މުއްސަނދިކަން ލިބޭގޮތަސް ބަދަލު ނަގައިދީގެން ނުވާނެކަމަށްވެސް އެޙުކުމުގައި ވެއެވެ. އަދި އެހެން ވަޒީފާއަކުން އޭނާއަށް އާމްދަނީ ލިބެމުން އައިސްފައިވާނަމަ އެކަމަށްވެސް ރިޔާއަތް ކުރަންޖެހޭކަމަށްވެސް ކުރީގެ ހުކުމުގައި ކަނޑައަޅަފައިވާނެކަމަށްވެސް އިއްޔެ ސުޕްރީމް ކޯޓުން ކުރި ޙުކުމުގައި ބުނެފައިވެއެވެ.
މިމައްސަލާގައި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމް އިއްވެވި ޙުކުމަށް މައްސަލާގައި ދެން ތިއްބެވި ދެ ފަނޑިޔާރުން ކަމަށްވާ ފަނޑިޔާރު ހުސްނުއް ސުއޫދާއި، ފަނޑިޔާރު އަލީ ރަޝީދު ޙުސެއިން ތާޢީދުކުރައްވާފައިވެއެވެ.
ކޮމެންޓު ފޮނުވާ