ކޮންމެ މަހެއް ނިމޭ ކޮޅު ކަރުދާސް ރީމެއް ގަނެފަ ޕްރިންޓަށް ޖެއްސީމަ މުސާރަދެވޭނެކަމަށް ވިދާލުވެ ސަރުކާރުން ދިވެހި ރުފިޔާ ޗާޕްކުރުމާއި ގުޅޭގޮތުން މަހިބަދޫ ދާއިރާގެ މެންބަރު އަޙްމަދު ޠާރިޤް (ޓޮމް) ފާޑުވިދާޅުވެއްޖެއެވެ.
ޓޮމް މިފަދައިން ފާޑުވިދާޅުވެފައިމިވަނީ، ރާއްޖޭގެ އިޤްތިޞާދުގައި އޮތީ ދެ ގޮތްކަމަށާއި، އެއީ ގައުމު ބަނގުރޫޓުވުން ނުވަތަ ފައިސާ ޗާޕްކުރުންކަމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މުޤައްރިރު އަދި ބަޖެޓް ކޮމިޓީގެވެސް މުޤައްރިރު، މުޙައްމަދު ނާޝިޒް ވިދާޅުވުމާއި ގުޅިގެންނެވެ.
ސަރުކާރުން ތިންވަނަ ފަހަރަށް ފައިސާ ޗާޕްކުރާތީ އިޤްތިޞާދީ މާހިރުންނާއި އެހެން ބައެއް ފަރާތްތަކުންވެސް އަންނަނީ ސަރުކާރަށް ފާޑުވިދާޅުވަމުންނެވެ. ރުފިޔާ ޗާޕްކުރުމާއި ގުޅޭގޮތުން ޓޮމް ވިދާޅުވީ، ދެރައީ "ތިމަންނައަށްވެސް ވާނޭ" ކިޔާފަ ވެރިކަމާއި ހަވާލުވާތީކަމަށެވެ. ކޮންމެ މަހެއް ނިމޭ ކޮޅު ކަރުދާސް ރީމެއް ގަނެފަ ޕްރިންޓަށް ޖެއްސީމަ މުސާރަދެވޭނެކަމަށާއި، އެއީ އިޤްތިޞާދު މެނޭޖުކުރަން ފަސޭހަގޮތެއްކަމަށް ޓޮމް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ރައްޔިތުން ނިކުމެ ވެރިކަން ބަދަލުކުރުން ނޫންގޮތެއް ނެތްކަމަށެވެ.
ތިމަންނައަށްވެސް ވާނޭ ކިޔާފަ ވެރިކަމާއި ހަވާލުވާތީ ދެރައީ. ކޮންމެ މަހެއް ނިމޭ ކޮޅު ކަރުދާސް ރީމެއް ގަނެފަ ޕްރިންޓަށް ޖެއްސީމަ މުސާރަދެވޭނެ. ކިހާ ފަސޭހަ އިޤްތިސާދު މެނޭޖް ކޮއްލަން. ރައްޔިތުން ނިކުމެ ވެރިކަން ބަދަލުކުރުން ނޫންގޮތެއް ނެތް.
– މަހިބަދޫ ދާއިރާގެ މެންބަރު އަޙްމަދު ޠާރިޤް
ޓޮމް މިހެން ވިދާޅުވެފައިވާއިރު، ސަރުކާރުން ވަނީ ތިންވަނަ ފަހަރަށް ފައިސާ ޗާޕްކުރުމުގެ ހުއްދައަށް މަޖިލީހުގައި އެދިފައެވެ. އަދި އެ މައްސަލަ ދިރާސާކުރި ކޮމިޓީންވެސް ވަނީ އެ ހުއްދަ ދިނުމަށް ނިންމާފައެވެ.
އޮންލައިން ނޫސް މިހާރާއި ވާހަކަދައްކަވަމުން ކޮމިޓީގެ މުޤައްރިރު މުޙައްމަދު ނާޝިޒް ވިދާޅުވެފައިވަނީ، އިދިކޮޅުން ކޮންމެ ވާހަކައެއް ދެއްކިޔަސް، މިއީ އިގްތިސާދީ ގޮތުން ވަރަށް އެހެން ކަހަލަ ވަގުތެއް ކަމަށް އިދިކޮޅުން ވެސް ގަބޫލު ކުރާނެ އެވެ. އޭނާ ވިދާޅުވީ ޕަބްލިކް އެކައުންޓެއް އޮންނަނީ މިކަހަލަ ބޭނުންތަކަށް ކަމަށާއި އެ އެކައުންޓް އޯޑީ ކުރަން ޖެހެނީ އާމްދަނީ ލިބުން ދަތިވީމަ ކަމަށެވެ.
ކޮމެންޓު ފޮނުވާ