ރާއްޖޭގެ ދިމިކްރާތީ ހަޔާތައް ބަލާ ނަޒަރު ހިންގާލާއިރު ދައުލަތުގެ ދަރަނި ހެދި ބޮޑުވަމުން ދާން ފަށާފައި ވަނީ ދެވަނަ ޖުމްހޫރިއްޔާގެ ދައުރު ތަކުގެ ތެރޭގައި ކަމުގައި ދެންނެވުމީ ކުށަކަށް ނުވާނެއެވެ. އެގޮތުން ބަލާލާއިރު ރައީސް އަލްމަރްޙޫމް އިބްރާހީމް ނާސިރުގެ ދައުރުގައި ބޭރުން ދަރަނި ނެގުމަކީ އެމަނިކުފާނުން އިސްކަން ދެއްވި ސިޔާސަތެއް ނޫންކަމުގައި ދަންނަވާން ޖެހެއެވެ. ރައީސް ނާސިރުގެ ވެރިކަމުގައި ރާއްޖޭގެ ތަރައްގީއަށް ޓަކައި ކުރެއްވި މަސައްކަތް ޕުޅެއް ކުރަށްވަމުން ގެންދެވީ އެއިރު ލިބެމުންދިޔަ ދައުލަތުގެ އާންމުދަނީ އެއްގެ މައްޗަށް ބިނާކުރަށްވައިގެންނެވެ. ލިބޭމިންވަރަކުންނެވެ. ރާއްޖެ އދ އާއި ގުޅުމުން އެޖަމިއްޔާގެ ތެރެއިން ލިބެމުންދިޔަ ހިލޭ އެހީތެރިކަމެއް ނުލިބެޔެކޭ ދަންނަވާކަށް ނެތީމެވެ. ނަތީޖާއެއްގެ ގޮތުން ރައީސް ނާސިރުގެ ވެރިކަން ނިމިގެން ދިޔައިރު ރާއްޖެއިން ދަށްކާކަށް ބޭރުގެ ދަރަންޏެއް ނެތްނަމަވެސް ރާއްޖެއޮތީ އެންމެ ފަގީރު ގައުމުތަކުގެ ލިސްޓުގައެވެ.
ދެވަނަ ޖުމްހޫރިއްޔާގެ ދެވަނަ ރައީސް އަލްއުސްތާޛު މައުމޫނު ޢަބްދުލް ޤައްޔޫމްގެ ވެރިކަން ފެށިގެން އައީ ދުނިޔޭގެ އިގްތިސާދަށް ބަހާރު މޫސުމް އައިސްފައި ވަނިކޮންނެވެ.
ދުނިޔޭގެ ހާލަތު އެނގި ވަޑައިގެން ހުންނަވައި ބޭރުގައުމުތަކުގެ މާލީ އެހީތެރިކަން ހޯއްދަވަމުން މަޑުމަޑުން ރާއްޖޭގެ ތަރައްގީގެ ދުވެލި ހަލުވި ކުރަށްވަމުން ގެންދެވުމާއި އެކު ދެންފެންނާންފެށީ ދައުލަތުގެ އަހަރީ ބަޖެޓު ދަރަނި ވަމުން އަދި ބޭރުގެ ދަރަނިވެސް ފަލަވަމުން އައިތަނެވެ.
އެހެންނަމަވެސް ތަރައްގީގެ މަގުގައި ރާއްޖެ ކުރިއަރަމުން އައިސް ރައީސް މައުމޫނުގެ ވެރިކަން ނިމިގެން ދިޔައިރު އެންމެ ކުޑަކޮށް ތަރައްގީ ވެފައިވާ ގައުމުތަކުގެ ލިސްޓުން ރާއްޖެ ވަނީ އުނިކުރުމުގެ މަގުމަތީގައެވެ. ރައީސް މައުމޫނުގެ ވެރިކަން ފެށުނުއިރު އަމިއްލަ ބައެއް މީހުން ގެންގުޅުނު އެއްކިލޯގެ ޖަނަރޭޓަރު ގަނޑަކުން މެނުވީ ކަރަންޓް އަލިކަމުގެ ކަންފުޅެއްވެސް ނުލިބޭ ރާއްޖޭގެ އެންމެހައި ރަށް ރަށުގައި ސަރުކާރާއި ރައްޔިތުން ގުޅިގެން ކަރަންޓް ދެވެން ފަށާފައިވާކަންވެސް ފާހަގަ ކުރަމެވެ.
ހަމައެހެންމެ ކުރީން ހުރި ބާކާޑުގެ ތަކުގައި ހިންގަމުން އައި ރަށުއޮފީސްތައްވެސް ޒަމާނީ ފެންވަރަށް ހެދެމުން ރާއްޖޭގެ ކަންކޮޅުތަކުގައި އެންމެ އެދެވޭ ގޮތުގައި ނޫންނަމަވެސް ސިއްހީ ޚިދުމަތާއި ތައުލީމީ ނިޒާމުގެ ބިންގާއެޅިގެން ކުރިޔަށް ދިޔަވެސް މެއެވެ. ގިނަބަޔަކު ދެކޭ ގޮތުގައި ވެރިކަން ދެމެހެއްޓެވުމުގެ ބޭނުމުގައި އެއިރު ރާއްޖެއަށް ލިބެމުންދިޔަ ބޮޑެތި އެހީތަކާއި ނަގަމުން ގެންގޮސްފައިވާ ލޯނުތަކުން އިސްރާފު ކުރެވިގެން ދިޔައެވެ. ނަމަވެސް ރައީސް މައުމޫނުގެ ވެރިކަން ނިމިގެން ދިޔައިރު ރާއްޖޭގެ ރައްޔިތުން އަތްނުފޯރާ ފަށަށް ދައުލަތުގެ ދަރަނި ގޮސްފައި ނުވާކަމީ ހަގީގަތެކެވެ.
ރާއްޖެ މަލްޓިޕާޓީ ސިސްޓަމްއަށް ބަދަލުވެ ޑިމޮކްރަސީއަށް ފެށި ދަތުރާއެކު ރައީސް ނަޝީދުގެ ވެރިކަން ފެށިގެން އައީ ރައްޔިތުންނަށް ގިނަވަޢުދު ތަކެއް ވެދެއްވުމާއި އެކުގައެވެ. ތަރައްގީއަށް އެދި ކެއްތެރިކަން ކުޑަވެފައިވާ ރާއްޖޭގެ ރައްޔިތުންގެ އުންމީދުތައް ފުރިހަމަ ކޮށްދެއްވުމަށް ރައީސް ނަޝީދު ފެއްޓެވި ވެރިކަމުގެ ދަތުރުގައި ރާއްޖެއަށް ހީނުކުރާ ވަރުގެ ބަދަލުތަކެއް ގެނެވުނު ނަމަވެސް ދުނިޔެއަށް އައި ފައިނޭންޝިއަލް ކްރައިސަސްއާއެކު ރާއްޖޭގެ ބަޖެޓަށް ބުރަބޮޑުވެ، ހަމަ އެހާލަތުގައި ވެރިކަން ބަދަލުވެދިޔަ ގޮތުން، ވެރިކަމުގައި ފެއްޓެވި ކަންކަމުގެ އަމާޒުގެއްލި ރާއްޖޭގެ ދަރަނި އިންތިހާޔަށް އުފުލިގެން ދިޔައެވެ.
ބޭރުގެ އެކިފަރާތްތަކާއި ވެވިފައިވާ އެއްބަސްވުންތައް ރޫޅާލުމާއި، ރައީސް ޔާމީނު ކުރެއްވި ކަމަށް ބުނެވޭ 800 މިލިޔަން ޑޮލަރުގެ ވަގު ވިޔަފާރީގެ މައްސަލަ ބަލަމުން އައި ފަރާތައް ދޭންޖެހުނު ބަދަލާ އެކުއެކުހެން ރައްޔިތުންނަށް މާބޮޑު ލާބަޔަކާ މަންފާއެއް ނެތި، ތަރައްގީގެ އެއްވެސް މަޝްރޫއެއްގައި ކުލަނުޖެހި ރައީސް ވަހީދުގެ ވެރިކަން ނިމުނުއިރު އިތުރަށް ރާއްޖޭގެ ދަރަނި ވަނީ ބޮޑުވެފައެވެ.
މިގޮތުން ބަލާއިރު، ރައީސް ޔާމީނުގެ ވެރިކަމުގައި ބިޔަބޮޑެތި މަޝްރޫޢު ތަކެއް އިއުލާނު ކުރެވި މަސައްކަތް ފަށައި ގަނެވުނެވެ. ހުޅުމާލޭ ބުރިޖާއި ހިޔާ މަޝްރޫޢުގެ މަސައްކަތުގެ އިތުރުން ބޮޑު ހޮސްޕިޓަލެއް ފެންނާން ހުރިއިރު އެމަޝްރޫޢު ތަކަށް ކުރެވުނު ޚަރަދު ކަމުގައި ބުނެއުޅޭ އަދަދާއި ގާތައްވެސް މަސައްކަތް ގޮސްފައި ނުވާއިރު ހެސްކިޔާފައި ދަރަނި އުފުލިގެން ގޮސްފައިވާކަމީ ހަގީގަތެކެވެ.
ރައްޔިތުންނަށް ވެދިން ރިޔާސީ ވައުދުތައް ހުރިގޮތަށް ހުއްޓައި، ބޮޑެތި އެހެން ޚަރަދުތައް ކުރެވުމާއެކު ދައުލަތުގެ މުދަލާއި ފައިސާއިން ހެސްކިޔާފައި ކޮރަޕްޝަން އާއި ވަށްކަން ކުރެވުނު ކަމުގެ ތުހުމަތު ރައީސް ޔާމީނުގެ ސަރުކާރުގެ ބޮލުގައި އެޅިގެން ދިޔައިރު ދުނިޔެވެސް އޮތީ އިގްތިސާދީ ގޮތުން ފަހިކޮށް ނަމަވެސް، ރައީސް ޔާމިނުގެ ސަރުކާރުން ދުނިޔެއާއި ވަކިވެ އެކަހެރި ވުމުގެ ސިޔާސަތެއް ގެންގުޅުމުގެ ސަބަބުން، ބޭރުގެ އެހީތައް ލިބުމުގައި ރާއްޖެއޮތީ ބާކީވެފައެވެ.
ރައްޔިތުންގާތު ވީވައުދުތައް ނުފުއްދުމާ ކޮރަޕްޝަނާ ވަށްކަމުގެ ތުހުމަތު ތަކުގެ ސަބަބުން 2018 ގެ އިންތިޚާބުން ރައީސް ޔާމީން ބަލިވެ ދެން މިއައީ އެމްޑީޕީގެ ކޯލިޝަން ވެރިކަމެވެ. ރައްޔިތުންގެ ގާތައް ހިނގައި ރައްޔިތުންނަށް އެތަކެއް އުންމީދުތައް އާކޮށްދީގެން އައި ވެރިކަމުގައި ހަނީމޫނު ނުނިމެނީސް މުޅިދުނިޔެއަށް މިހާތަނަށް ކުރިމަތިވި އެންމެބޮޑު އާލަމީ ވަބާގައި ދުނިޔެއާއި ރާއްޖޭގެ އިގްތިސާދު އިނދަ ޖެހިގެން ދިޔައީ ހީވެސް ނުކުރާ މިންވަރަށެވެ.
ހުރިހައި ކަމެއް ހަނދާން ނައްތާލައި އިންސާނުންގެ ފުރާނަ ސަލާމަތް ކުރުމަށް ނުހަނުބޮޑު ހޭދަކުރާންޖެހުނު ނަމަވެސް، ރައީސް ސޯލިހުގެ ސަރުކާރުން ދުނިޔެއާއިއެކު ލާމެހުނު އެކުވެރިކަމުގައި ލިބުނު އެހީއެއް ހޯދައިގެންވެސް ރައްޔިތުންނަށް ވެފައިވާ ވަޢުދުތައް ފުއްދުމުގައި ފަހަތައް ނުޖެހި ގެންދިޔައީ ތަރައްގީގެ މަސައްކަތްތައް ކުރިއަށެވެ. ސަރުކާރުން ދެމުންދާ މުސާރަތަކަށްވެސް ބަދަލެއް ނުގެނެސް ހީނަރުވެދިޔަ ވިޔަފާރިތަކަށް އެހީތެރިކަން ފޯރުކޮށްދީ ރަށްރަށުގެ ތަރައްގީއަށް ކުރެވުމުންދިޔަ މަސައްކަތްތައް ހަމައޮތީ މެކުހަށް ޖަހާފައެވެ.
މުޅިރާއްޖޭގެ ހުރިހައި ރަށެއްގައި ފެނާއި ނަރުދަމާ އެޅުމުގެ މަސައްކަތާއި ބަނދަރުތައް ހެދުމާ ރަށްތައް ހިމާޔަތް ކުރުމަށް ފެށި މަސައްކަތްތަކަށް ކޮންމެވެސް ވަރެއްގެ މަޑުޖެހުމެއް އައިނަމަވެސް ހުއްޓުމެއްނެތި ދިޔައީ ކުރިޔަށެވެ. އެހެންނަމަވެސް މިހުރިހައި ކަމަކާއި އެކު ދައުލަތުގެ ދަރަނި ވޭތުވެދިޔަ ތިންއަހަރުގެ ތެރޭގައި ބޮޑުކޮށް މަށްޗަށް ދިޔަކަމީ ހަގީގަތެކެވެ.ކޮންމެ ގޮތެއްގައި ނަމަވެސް ވަސީލަތްތައް މަދު، އާންމުދަނީ ކުޑަގައުމަކަށް ވީނަމަވެސް ރައްޔިތުންގެ ހައްގުގައި ސަރުކާރަކުން ކުރާނެ އެންމެބޮޑު ހޭދައެއް ކޮށް މިސަރުކާރުން މިކުރި މަސައްކަތް ތަކުގެ ނަތީޖާއަކީ ރާއްޖެ މިއާލަމީ ވަބާއިން ދުރުކޮށް އިގްތިސާދު ހަމަޔަށް އެޅުވުމެވެ. އެހެންކަމުން ބަލާންޖެހެނީ މިވެރިކަމުގެ ދައުރު ނިމިގެންދާއިރު ރާއްޖެ ދެކޭނެ ތަސައްވުރެކެވެ. ދަރަނިބޮޑުވި ނަމަވެސް އެދަރަނީން ދައުލަތަށް ކުރާނެ ފައިދާއަކީ ކުރިމަގުގައި ކޮބައިތޯއާއި އަދި ދަރަނީގެ މިންވަރަށް ރަށްޔިތުންނަށް ޚިދުމަތް ދެވުނުތޯ ބަލާން އަދި އަވަސް ކަމުގައި ދަންނަވާން ޖެހެއެވެ.
ހެޔޮގޮތުގައި ނިޔަތް ޚަލާސްކޮށް ކުރިޔަށްދާނަމަ އެކަން ރައްޔިތުން ބަލައިގަންނާނެއެވެ. ސަރުކާރެއް ނިމިގެން ދާއިރު ރައްޔިތުންގެ ޚަޒާނާގެ ދަރަންޏާއި އަރަނި އަދި ކުރި ހޭދައެއް އެހޭދައިން ކުރާނެ މަންފާއެއް ފުރިހަމަޔަށް ވަންހަނާ ކަމެއް ނެތި ރަށްޔިތުންނަށް ހާމަވާންޖެހެއެވެ. ދެފުށް ފެންނަ ގޮތަކަށް އަބަދުމެ ރައްޔިތުންގެ ހިސާބުތައް ރައްޔިތުންނަށް ލިބޭންޖެހޭނެއެވެ. ފަހުން އަންނަބަޔަކު އޮޅުވާލައި ހިތުހުރި ވާހަކައެއް ދެއްކުމުގެ ފުރުސަތު ނުލިބޭގޮތައް ކަންކަން ހަމަޖެހިފައި އޮންނާން ޖެހޭނެއެވެ.
4 Responses
އިސްވެ ބަޔާންކޮށްފައިވާ ލިއުމަކީ ވަރަށް ބޮޑަށް އެއްފަރާތަކަށް ޖެހިފައިވާ ހަގީގަތާ ޚިލާފް ލިއުމެއ
ރާއްޖޭގަަ ދަރަނިބަޖެޓާާ ހަމަހަމަަބަޖެޓާާ ފައިދާބަޖެޓްް އޮންނަމުންދިޔަަ ގައުމެއްް ތިވިދާޅުވާާ ދެވަނަޖުމްހޫރިއްޔަތުގައިި ބަޖެޓްްތައްް އޮތްގޮތްތައްވެސްް މައުލޫމާތުސާފުވާގޮތައްް ރައްޔިތުންނައްް ގެނެސްދެއްވުންް މުހިއްމުު ދެވަނަޖުމްހޫރިއްޔަތުގަަ ޖެހިޖެހިގެންް ތިންއަހަރުު ދަރަނިބަޖެޓްާ އޮވެއްހެއްޔާާ ޖެހިގެންއަންނަަ އަހަރުު މިދަންނަވަނީީ ހަތަރުވަނައަހަރުގެެ ބަޖެޓްއޮތީީ ހަމަހަމަބަޖެޓެއްގެެ ގޮތުގަަ ނުވަތަަ އެއްރުފިޔާނަމަވެސްް ފައިދާބަޖެޓެއްގެެ ގޮތުގަަ މިހާރުވެސްް އެލިޔެކިޔުންތައްނައްތާނުލަންޏާާ ސަރުކާރުގެެ ކަމާބެހޭޭ އިދާރާތަކުގަަ ހުންނާނެެ ދެންއޮތްގޮތަކީީ އަބަދުދަރަނިވެރިވާބަޖެޓްތައްް އޭރުންް ހިތްޕުޅައްގެންނަވާާ އަބަދުދަރަނިވެރިވެފަހުންނަަ މީހެއްގެެ ޢާއްމުދިރިއުޅުމައްް ފައިސާފޮއްޗެއްލިބެންޏާާ ނުކުރާނެެ އެއްވެސްް ކަމެއްނޯންނާނެެ އޮޑިދޯނިފަހަރުު ގޯތިގެދޮރުު މިހެންގޮސްް އަނބިދަރިންވިއްކަންވެސްް ފަސްނުޖެހޭނެެ ދަންނަވަންބޭނުންވަނީީ އެމީހަކައްނޫފުލޭވަރުގެެ ބުރަތަކާާ ހަވާލުވަންޏާާ ދެންވާނީީ ފަޟީހަތޭޭ ރަނގަޅުގޮތަކީީ ވައުދެއްވިޔަސްް އަދިި އެނޫންކަމެއްވިޔަސްް ނުކުރެވޭވަރައްް ކުންއުޅެންޏާާ ވާނީީ ޕެރަލައިޒުު ނޫނީީ ދާނީި ބިންދައިގެންް
ަޔ މައުލޫމާތު ނެތް ކަޑަ ލިޔުމެއް ޔާމީނުގެ މަސައްކަތުގެ އެއް ޕަސެންޓް ލިޔެފަ އަހަރެމެން ވެސް މިތިބީ ހޭލާ…
އިންޑިޔާގެލައްޑޫކާމީހަކުލިޔަފައިވާލިއުމެއް