ބަޖެޓަށް 73 މިލިއަން އިތުރުކޮށް ކޮމިޓީން ބަޖެޓް ފާސްކޮށްފި

ބަޖެޓަށް 73 މިލިއަން އިތުރުކޮށް ކޮމިޓީން ބަޖެޓް ފާސްކޮށްފި

Author
މުޙައްމަދު ޖިމީ
18 ނޮވެމްބަރ 2021 11:08
0

ޕީއެސްއައިޕީއަށާއި ބައެއް މުއައްސަސާތަކުގެ ބަޖެޓަށް 73 މިލިއަން ރުފިޔާ އިތުރުކޮށް އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު 36.99 ބިލިއަން ރުފިޔާގެ ބަޖެޓެއްގެ ގޮތުގައި ކޮމިޓީން ފާސްކޮށްފިއެވެ.

އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ރައްޔިތުންގެ މަޖިލީހަށް ހުށައެޅުއްވީ 36.92 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ބަޖެޓް ދިރާސާކުރާ ކޮމިޓީން ބަޖެޓް ދިރާސާކޮށް ނިންމާލިއިރު މިވަނީ ބަޖެޓްގެ ޖުމްލަ ޢަދަދަށާއި ޚަރަދަށް ނިސްބަތުން ކުޑަ އިތުރުވުމެއް އައިސްފައެވެ. މިގޮތުން ކޮމިޓިން ގެނައި ބަދަލަކީ ބަޖެޓްގެ ޚަރަދު 34 ބިލިއަން ރުފިޔާއިން 34.10އަށް އިތުރުކުރުމާއި، ބަޖެޓްގެ ޖުމްލަ ޢަދަދު 36.92އިން 36.99އަށް އިތުރުކުރުމެވެ. މިގޮތަށް ފާސްކުރީ ކޮމިޓީގެ މެންބަރުންގެ އިއްތިފާޤުންނެވެ.

ބަޖެޓަށް ބަދަލު އައިސްފައިވަނީ ބައެއް ރަށްރަށުގެ ޕީއެސްއައިޕީގެ މަޝްރޫޢުތަކަށާއި، ބައެއް މުއައްސަސާގެ ބަޖެޓަށް ފައިސާ އިތުރުކޮށްދިނުމުންނެވެ. އެގޮތުން 82 ރަށެއްގެ ޕީއެސްއައިޕީގެ މަޝްރޫއުތަކަށް ޖުމުލަ 57.4 މިލިއަން ރުފިޔާ ވަނީ އިތުރުކޮށްދީފައެވެ. އަދި ރައްޔިތުންގެ މަޖިލީހާއި ފިނޭންސް މިނިސްޓްރީގެ ޚާއްސަ ބަޖެޓާއި 7 މިނިވަން މުއައްސަސާއެއްގެ ބަޖެޓަށް ޖުމުލަ 16.4 މިލިއަން ރުފިޔާ ކޮމިޓީން ވަނީ އިތުރުކޮށްދީފައެވެ.

1- ރައްޔިތުންގެ މަޖިލިސް އިދާރާގެ ނިއު ޕޮލިސީ އިނީޝިއޭޓިވްސްއަށް: 7 މިލިއަން ރުފިޔާ

2- ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ޑިޖިޓަލައިޒް ކުރުމަށް: 5 ލައްކަ ރުފިޔާ

3- ސިވިލް ސާވިސް އެންހޭންސިން ޑިޖިޓަލް ޓްރާންސްފޮމޭޝަން އޮފް ސިވިލް ސާވިސް ޕްރޮޖެކްޓަށް: 1.69 މިލިއަން ރުފިޔާ

4- ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުން: 865،636 ރުފިޔާ

5- އިންތިޤާލީ އިންސާފުގެ އޮމްބަޑްސްމަން އޮފީހަށް: 2.2 މިލިއަން ރުފިޔާ

6- އޭސީސީއަށް، އެމްއެމްޕީއާރްސީ މައްސަލައިގައި ތަހުގީގު ނިންމަން ބޭނުންވާ މުވައްޒަފުން ނެގުމަށް: 3.9 މިލިއަން ރުފިޔާ

7- އިންފޮމޭޝަން ކޮމިޝަނަރު އޮފީހަށް ލޯ ފާމެއް ހެދުން: 204،000 ރުފިޔާ

8- މިނިސްޓްރީ އޮފް ފިނޭންސުގެ ހާއްސަ ބަޖެޓުން ސިޔާސީ ޕާޓީތަކަށް: 73،782ރ. ރުފިޔާ

ކޮމިޓީން ބަޖެޓް ފާސްކުރުމާއެކު ދެން ބަޖެޓު ފޮނުވާނީ ތަޅުމަށެވެ. އަދި ބަޖެޓް ފާސްކުރާނީ މަޖިލީހުގެ ތަޅުމުގައި ވޯޓަށް އެހުމަށްފަހުއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.