މަރަކީ އެއްވެސް އިންސާނަކަށް ފިލަން ނުދުވެވޭނެ، އަދި ކޮންމެ މީހަކާވެސް ބައްދަލުކުރާނެ ޔަޤީން ޙަޤީޤަތެއްކަން ހަނދާންކޮށްދީ، އެ ދުވަހަށް ފުރިހަމައަށް ތައްޔާރުވުމަށް މިއަދުގެ ހުކުރު ޚުތުބާގައި ގޮވާލައިފިއެވެ.
މިއަދުގެ ޚުތުބާގައި އަލިއަޅުވާލާފައިވަނީ، މީހާ ދުނިޔޭގައި އެއްކުރި މުދަލާއި، ލޯބިވާ ޢާއިލާއާއި، ބިނާކުރި ވިޔަފާރިތަކުގެ އިތުރުން ދުނިޔަވީ އުފާތައް ދޫކޮށް ދާންޖެހޭ ވަގުތަކީ އާދައިގެ ވަގުތެއް ނޫން ކަމަށެވެ. މަރުގެ ސަކަރާތަކީ ކޮންމެ މީހަކާވެސް ކުރިމަތިލާންޖެހޭނެ ކަމެއްކަން ކީރިތި ޤުރުއާނުގެ އާޔަތްތަކުންނާއި ނަބަވީ އިރުޝާދުތަކުން ޚުތުބާގައި ވަނީ ސާބިތުކޮށްދީފައެވެ.
މިގޮތުން، ކީރިތި ރަސޫލާ ﷺ ގެ ޙަޔާތްޕުޅުން މިސާލު ނަންގަވަމުން، ބޭކަލަކު ފަސްދާނުލުމުގެ ކަންތައް ހިނގަމުންދިޔަ ވަގުތު ކަށްވަޅެއްގެ ކައިރީގައި އިށީނދެވަޑައިގެން ފަސްގަނޑު ތެމެންދެން އެކަލޭގެފާނު ކީރިތިކުރެއްވި ހާދިސާ ވަނީ ބަޔާންކޮށްދީފައެވެ. އަދި އެފަދަ ދުވަހަކަށް ތައްޔާރުވުމަށް އުންމަތަށް ކުރެއްވި ވަޞިއްޔަތް ވަނީ ހަނދާންކޮށްދީފައެވެ. މީގެ އިތުރުން، ކިތަންމެ ވަރުގަދަ ކިއްލާތަކެއްގައި ފާރަވެރިންލައިގެން ތިބި ނަމަވެސް، އަދި ކިތަންމެ ބޮޑު އާރާއި ބާރެއް އޮތް ރަސްކަލަކަށް ވިޔަސް މަރު އަންނާނީ އެއްވެސް ހުއްދައެއް ހޯދުމަކާ ނުލައިކަން ޚުތުބާގައި ފާހަގަކުރިއެވެ.
މަރުވުމުގައި މީހާގެ ޢުމުރަކަށް، މުއްސަނދިކަމަކަށް ނުވަތަ ފަޤީރުކަމަކަށް، އަދި ބަލިމަޑުކަމަކަށް ވެސް ނުބަލާނެއެވެ. ﷲ ގެ އަމުރުފުޅު އައުމާއެކު ވަގުތުން އެމީހެއްގެ ފުރާނަ ހިއްޕަވާނެކަން ހަނދާންކޮށްދެމުން، ޚުތުބާ ނިންމާލާފައިވަނީ ނުބައި ކަންކަމުން ދުރުހެލިވެ، ހެޔޮ ޢަމަލުތައް ގިނަކޮށް، ގިނަގިނައިން މަރު މަތިން ހަނދާންކުރުމަށް މުޖުތަމަޢަށް އިލްތިމާސްކުރަމުންނެވެ.
ކޮމެންޓު ފޮނުވާ