ގއ. އަތޮޅު ތަޢުލީމީ މަރުކަޒުގައި އަލިފާން ރޯވެ ބޮޑެތި ގެއްލުންތަކެއް ވެއްޖެ

ގއ. އަތޮޅު ތަޢުލީމީ މަރުކަޒުގައި އަލިފާން ރޯވެ ބޮޑެތި ގެއްލުންތަކެއް ވެއްޖެ

Author
ޙަސަން މުޙައްމަދު
03 އޭޕްރިލް 2026 10:38
0

ގއ. ވިލިނގިލީގައި ހުންނަ އެ އަތޮޅު ތަޢުލީމީ މަރުކަޒުގައި ރޭ ދަންވަރު ހިނގި އަލިފާނުގެ ހާދިސާއެއްގައި އެ ސްކޫލަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި މި ހާދިސާ ހިނގަން މެދުވެރިވީ ސްކޫލުގެ ސްޓާފް ރޫމުގައި ހުރި އޭސީއެއްގައި ރޯވެގެންނެވެ. އަލިފާންގަނޑު ހަލުވިކަމާއެކު ފެތުރިގެން ދިއުމުގެ ސަބަބުން ސްކޫލުގެ އެއް ބްލޮކް އެއްކޮށް އަނދައި، ވަނީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައެވެ.

މި ހާދިސާގެ ރިޕޯޓް ރޭ 00:40 ހާއިރު ލިބުމާއެކު، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑްގެ ތިނަދޫ ފަޔަރ ސްޓޭޝަނުގެ ފަޔަރ ފައިޓަރުން ވަނީ އިކުއިޕްމަންޓާއެކު ވިލިނގިއްޔަށް ދިއުމަށް ފުރާފައެވެ. ނަމަވެސް، ފަޔަރ ފައިޓަރުން އެރަށަށް ދިއުމުގެ ކުރިން، ރަށުގައި ތިބި ސިފައިންނާއި، އެކި މުއައްސަސާތަކުގެ މުވައްޒަފުންގެ އިތުރުން އާންމު ރައްޔިތުން ގުޅިގެން ވަނީ އަލިފާން ނިއްވުމުގެ މަސައްކަތް ފަށާފައެވެ.

ރައްޔިތުންނާއި ކަމާބެހޭ ފަރާތްތަކުން ގުޅިގެން ކުރި ބުރަ މަސައްކަތުން ރޭ ދަންވަރު 01:26 ހާއިރު އަލިފާންގަނޑު ކޮންޓްރޯލް ކުރެވުނުއިރު، އަލިފާން އެއްކޮށް ނިއްވާލެވިފައިވަނީ ރޭ 02:50 ހާއިރު ކަމަށް އެމްއެންޑީއެފުން ވަނީ މަޢުލޫމާތު ދީފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.