ފައިސާ ޗާޕްކުރެވޭނެ ޢަދަދު 2.5 ބިލިއަން ރުފިޔާކަމަށް ކަނޑައަޅައި ހުއްދަ ދޭން ކޮމިޓީން ފާސްކޮށްފި

ފައިސާ ޗާޕްކުރެވޭނެ ޢަދަދު 2.5 ބިލިއަން ރުފިޔާކަމަށް ކަނޑައަޅައި ހުއްދަ ދޭން ކޮމިޓީން ފާސްކޮށްފި

Author
މުޙައްމަދު ޖިމީ
17 ނޮވެމްބަރ 2021 10:05
0

އެމްއެމްއޭއިން ފައިސާ ޗާޕްކުރުމުގެ ހުއްދަ އިތުރު އެއް އަހަރަށް އިތުރުކޮށްދީ، ފައިސާ ޗާޕްކުރެވޭނެ ލިމިޓްކަމަށް 2.5 ބިލިއަން ރުފިޔާ ކަނޑައަޅައިފިއެވެ.

އެމްއެމްއޭގެ ޕަބްލިކް އެކައުންޓުން އޯވަޑްރޯ ކުރުމުގެ ހުއްދަ ނުަވަތަ ފައިސާ ޗާޕްކުރުމުގެ ހުއްދަ ހޯދުމަށްޓަކައި، ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ގާނޫނުގެ ވަކި މާއްދާތަކަކަށް ޢަމަލުކުރުން ހުއްޓާލަފައި އޮތްއޮތުން އިތުރު އެއް އަހަރުގެ މުއްދަތަށް އިތުރުކުރުމުގެ ހުއްދައަށް ފިނޭންސް މިނިސްޓަރ މަޖިލީހުގައި އެދިވަޑައިގެންފައިވާ މައްސަލާގައި މިއަދު ބޭއްވި މާލިއްޔަތު ކޮމިޓީން މިގޮތަށް ފާސްކުރީ ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުންނެވެ.

މަޖިލީހަށް ފިނޭންސް މިނިސްޓަރ ފޮނުއްވެވީ ފައިސާ ޗާޕްކުރެވޭނެ ލިމިޓް 3.5 ބިލިއަން ރުފިޔާކަމަށް ކަނޑައެޅުމަށެވެ. ނަމަވެސް އެ ޢަދަދު 2.5 ބިލިއަން ރުފިޔާއަށް ކުޑަކުދރުމަށް ހުށައެޅުއްވީ ހަނިމާދޫ ދާއިރާގެ އެމްޑީޕީ މެންބަރު ޢަބްދުލްޣަފޫރު މޫސާ (ގަޕޯ)އެވެ. އަދި އެ ހުށައެޅުމަށް ތާޢީދުކުރެއްވީ ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު ޢަބްދުއްލަޠީފްއެވެ.

ފައިސާ ޗާޕްކުރެވޭ ޢަދަދު 2.5 ބިލިއަން ރުފިޔާއަށް ކުޑަކުރީ 0.1 ޕަސެންޓުގައެވެ.

އެމްއެމްއޭގެ ޕަބްލިކް އެކައުންޓުން އޯވަޑްރޯ ކުރުމާއި ގުޅޭގޮތުން ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުން ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވީ، އޯވަޑްރޯ ނުކޮށްފިނަމަ އެންމެ ގިނަވެގެންވެސް ބަޖެޓުގެ ޢަދަދުކަމަށް ކަނޑައެޅޭނީ 26 ބިލިއަން ރުފިޔާކަމަށެވެ. އަދި ބަޖެޓް ކުޑަކޮށްފިނަމަ މިހާރު ސަރުކާރުން ކުރުމަށް ރާއްވަވާފައިވާ ގިނަ މަޝްރޫއުތައް މަދުކުރަންޖެހި، އަލަށް ކުރަންރާވާފައިވާ ކަަންކަން މަޑު ޖައްސާލަން ޖެހޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ ރާއްޖޭގެ އިޤްތިޞާދު ފޫބެއްދޭނީ ބަޖެޓުގައި މިހާރު ކުރަން ރާވާފައިވާ ކަންކަން ކޮށްގެންކަމަށެވެ.

މިނިސްޓަރ ވިދާޅުވީ އޯވަޑްރޯ ކުރުމުން ރިސްކުތައް ހުރިނަމަވެސް، ފާއިތުވި 18 ވަރަކަށް މަސްދުވަހު މެނޭޖުކުރިގޮތަށް އެކަން ކުރެވޭނެކަމަށެވެ. އަދި އޯވަޑްރޯކޮށްގެން އިގްތިޞާދު ބެލެންސް ކުރުން މުހިއްމުކަމަށްވެސް މިނިސްޓަރ އަމީރު ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ އޯވަޑްރޯ ކުރާ މުއްދަތު އެއް އަހަރަށް އިތުރުކުރުމަށް އެދިވަޑައިގަތީ ކޯވިޑްގެ ބަލިމަޑުކަމުގެ ހާލަތުން އެއްކޮށް އަރައިގަނެވިފައިނުވާތީކަމަށެވެ. މިނިސްޓަރ ވިދާޅުވީ ކޯވިޑްގެ ހާލަތު މިހާރު ކޮންމެވެސްވަރަކަށް ކޮންޓްރޯލް ކުރެވިފައިވީނަމަވެސް އިޤްތިޞާދީ ގޮތުން ހުރި ގޮންޖެހުންތައް ގިނަކަމަށެވެ. އަދި ކޯވިޑްގެ ހާލަތުގައި ރާއްޖޭގެ އިޤްތިޞާދީ ހާލަތު އެހާބޮޑަށް ދަށަށް ނުދިޔައީ ސަރުކާރުން އެޅުއްވި ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުންކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި މިހާރު އިޤްތިޞާދު ކުރިއަރަމުން އަންނަ މިންވަރުން ބަލާނަމަ 2023 ވަނަ އަހަރު ކޯވިޑްގެ ކުރީގެ ހާލަތަށް އިޤްތިޞާދު ގެންދެވޭނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

އެމްއެމްއޭގެ ޕަބްލިކް އެކައުންޓުން އޯވަޑްރޯ ކުރުމުގެ ހުއްދަ ހޯދުމަށްޓަކައި، ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ގާނޫނުގެ ވަކި މާއްދާތަކަކަށް ޢަމަލުކުރުން ހުއްޓާލާފައި އޮތްއޮތުން އިތުރު އެއް އަހަރުގެ މުއްދަތަށް އިތުރުކުރުމުގެ ހުއްދައަށް އެދި ފިނޭންސް މިނިސްޓަރ ވަނީ މަޖިލީހަށް ސިޓީއެއް ފޮނުއްވާފައެވެ. މިއީ ޚަރަދަށް ޒިންމާވުމުގެ ގާނޫނުގެ ވަކި މާއްދާތަކަކަށް ޢަމަލުކުރުން ހުއްޓާލާފައި އޮތްއޮތުން އިތުރުކުރުމަށް އެދުނު 3 ވަނަ ފަހަރެވެ. މީގެ ކުރިން 2 ފަހަރެއްގެ މަތިން މަޖިލީހުން ވަނީ މިމުއްދަތު އިތުރުކޮށްފައެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.