އިއްޔެ ރާއްޖެއާއި ސީޝެލްސް ބައދަލު ކުރި މެޗުގައި ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަދި ޤައުމީ ޓީމުގެ މިޑްފިލްޑަރ އައްސަދު އަލީ (އަޑުބަރޭ) ގެ ފަރާތުން ފެނިގެންދިޔަ ކުޅިވަރުގެ ރޫޚާ ޚިލާފް އަމަލާއިމެދު ޔޫތު މިނިސްޓްރީއަށް އެޅޭނެ ފިޔަވަޅެއް ނެތްކަމަށް މިނިސްޓަރ މަހުލޫފް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގައި މިއަދު މެމްބަރުން ކުރެއްވި ސުވާލު ތަކުގެ ތެރެއިން ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު ޚަލީމްވަނީ އަޑުބަރޭގެ އަމަލާއިމެދު ޔޫތު މިނިސްޓްރީން އެއްވެސް ފިޔަވަޅެއް އަޅާނަންތޯ ސުވާލު ކުރައްވާފައެވެ. ޤައުމީ ޓީމުގައި ކުރިން މުހިންމު ދައުރެއް އަދާކުރެއްވި ދޮންބިލޭވަނީ އަޑުބަރޭގެ މިއަމަލަކީ މުޅި ފުޓުބޯޅަ އާއިލާއަށް ލިބިގެންދިޔަ ހުތުރެއްކަމަށް ބުނެފައެ.
ދޮންބިލޭގެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރ މަހުލޫފް ވިދާޅުވީ، މެޗެއްގައި ހިނގާ ކަމަކާ ގުޅިގެން ޔޫތު މިނިސްޓްރީން ފިޔަވަޅު އަޅަން ޖެހުމަކީ ޖޯކަކަށް ވާނެ ކަމަށެވެ. އެކަމާ ގުޅިގެން އަޅަން ޖެހޭނީ އޭއެފްސީ އާއި އެފްއޭއެމުން ކަމަށެވެ. މަހުލޫފު ވިދާޅުވީ އަޑުބަރޭގެ އެ އަމަލާމެދު ހިތާމަ ކުރައްވާ ކަމަށާއި އެކަމާމެދު ކަންބޮޑުވެ ވަޑައިގަންނަވާ ކަމަށެވެ.
އަޅުގަނޑު ދަންނަވަން ބޭނުންވަނީ އަޅުގަނޑެއް އައްސަދު ކައިރީގައި ފުޓްބޯޅަ ކުޅުން ހުއްޓާލާކަަށް ނުބުނާނަން. އަޅުގަނޑަކަށް ނުބުނެވޭނެ. އަޅުގަނޑު އެފްއޭއެމްގައި އައްސަދު ގައުމީ ޓީމަށް ނުނަގާކަށް ވެސް ނުބުނާން. ނަގާކަށް ވެސް ނުބުނާނަން. އެކަން ކުރާނީ ކޯޗު ކަމަށް އަޅުގަނޑޫ ގަބޫލު ކުރަނީ.
– މަހުލޫފް ވިދާޅުވިއެެވެ.
އިއްޔެގެ މެޗުގައި އަޑުބަރޭ ވަނީ ފުންމައިގެން އަރައި ސީޝެލްސްގެ ސްޓީވް ބެނޯއީ ކަނދުރާގައި އުޅަނބޮށިން ޖަހާފައެވެ. އެކަމާ ގުޅިގެން އޭނާއަށް ރަތް ކާޑެއް ވެސް ދެއްކިއެވެ. އޭނާގެ މިއަމަލު ދިވެހި ގިނަ ބަޔަކު ވަނީ ހަރު އަޑުން ކުށްވެރިކޮށް އޭނާ މަޤާމުން ވަކި ކުރުމަށްވެސް ގޮވާލާފައެވެ.
ކުޅުމުން ބޭރުގައި ދިން މި ހަމަލާއަކީ ފުޓުބޯޅައިގެ ގަވާއިދު ބުނާގޮތުން ހަރުކަށި އަދަބު ކަޑައެޅިފައިވާ އަދަބެކެވެ. މިފަދަ އަނިޔާވެރި އަމަލު ހިންގާ ކުޅުންތެރިންނަށް މިފަދަ މުބާރާތްތަކުގައި ކުޅުމުގެ ފުރުސަތު ބަންދުކުރެއެވެ. ނަމަވެސް އަޑޭއާއިމެދު އަމަލު ކުރާނެ ގޮތެއް އަދި ނޭގެއެވެ. މިމުބާރާތަކީ ފީފާ ރޭންކު ކުރާ މުބާރާތަކަށްވާއިރު، މުބާރާތުގައި ރާއްޖެއަށް ލިބުނު ދަށް ނަތީޖާއާއިއެކު ދުނިޔޭގެ ރޭކިންގައި ރާއްޖެ އަނެއްކާވެސް ދަށަށް ދިއުމަކީ ގާތް ކަމެކެވެ.
ރާއްޖޭގެ ޤައުމީ ޓީމަކީ މިސަރަހައްދުގައި އިންޑިއާ ފިޔަވައި ދެން ހުރި ޤައުމުތަކުގެ މައްޗަށް ބޮޑު ކާމިޔާބުތަކެއް ހޯދަމުން ދިޔަ ޓީމެއް ނަމަވެސް، ރާއްޖެއަށް މިސަރަހައްދުގެ އެންމެ ދަށް ޓީމުތަކާއި ކުޅެގެންވެސް މޮޅެއް ނިހޯދޭކަން ގިނަ ބަޔަކު ފާހަގަ ކުރެއެވެ.