ގައުމީ ޔުނިވަސިޓީ (އެމްއެންޔޫ)އަށް ލިބޭ އާމްދަނީން ރައްކާކޮށްފައި ހުރި ފައިސާގެ ތެރެއިން 150 މިލިއަން ރުފިޔާ ސަރުކާރުގެ ޓީބިލް ގަންނަން އިންވެސްޓް ކޮށްފައިވާ ކަމަށް އެ ޔުނިވަސިޓީން ބުނެފިއެވެ.
އަންނަ އަހަރުގެ ބަޖެޓް ދިރާސާކުރާ ކޮމިޓީއަށް އެމްއެންޔޫގެ އިސް ބޭފުޅުން ހާޒިރުވެ އެތަނުގެ ބަޖެޓުގައި ހުރި މައްސަލަތައް ހިއްސާކުރުމަށް ބޭއްވި ބައްދަލުވުމުގައި މަޖިލީހުގެ މެންބަރަކު ކުރެއްވި ސުވާލަކަށް އެމްއެންޔޫގެ ވައިސް ޗާންސެލާ މުހައްމަދު ޝަރީފް ދެއްވި ޖަވާބަކުންނެވެ.
ޝަރީފް ވިދާޅުވީ މިއީ ކޮވިޑްގެ އުދަގޫ ދުވަސްތަކަކަށް ވާތީ ސަރުކާރުގެ ޓީބިލަށް އިންވެސްޓް ކުރާ ފަރާތްތައް މަދުވެފައިވާތީ ޔުނިވަސިޓީން ރައްކާކޮށްފައި ހުރި ފައިސާ އިން ޓީބިލަށް އިންވެސްޓް ކުރި ކަމަށެވެ. ފެށޭ އަހަރުގެ ތެރޭގައި އެ ފައިސާ އަނބުރާ ލިބުމުން އެމްއެންޔޫ އަށް ރައްކާކުރަން ލިބޭ ފައިސާ އިތުރުވެ އެ މުއާމަލާތުން ލިބުނު ފައިދާ ބޮޑުވާނެ ކަމަށެވެ.
މިބައްދަލުވުމުގައި މެންބަރަކު ކުރެއްވި ސުވާލަކާ ގުޅިގެން އެ ޔުނިވާސިޓީގެ ޗާންސެލަރު ޑރ. ހަސަން ހަމީދު ވިދާޅުވީ، ޔުނިވަސިޓީއަށް އާމްދަނީގެ ގޮތުގައި އެކި ކަންކަމުން އަހަރަކު 60 މިލިއަނެއްހާ ރުފިޔާ ލިބޭ ކަމަށެވެ. އޭގެ ތެރެއިން ހިންގުމުގެ ހަރަދަށް 21 މިލިއަން ރުފިޔާ ހަރަދުކުރާ ކަމަށްވެސް ވިދާޅުވިއެވެ. އެކަމާ ގުޅޭ ތަފުސީލު ދެއްވަމުން ވައިސް ޗާންސެލަރު މުހައްމަދު ޝަރީފު ވިދާޅުވީ، ޔުނިވަސިޓީ އަމިއްލައަށް އޮޕަރޭޓް ކުރެވޭ ވަރަށް ފައިސާ ހުރުމަކީ މުހިންމު ކަމެއް ކަމަށެވެ.
އެގޮތުން އާމްދަނީގެ ގޮތުގައި ލިބޭ ފައިސާ ހަރަދު ކުރާނެ ގޮތެއް ނިންމަނީ ޔުނިވާސިޓީގެ ކައުންސިލުން ކަމަށާއި މިއަހަރުވެސް 25 ވަަރަކަށް މިލިއަން ރުފިޔާ އެކި ކަންކަމަށް ހަރަދުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އޭގެ ތެރެއިން ބާވެ ހަލާކުވެފައިވާ ޔުނިވަސިޓީގެ "ސޮލާހުއްދީން" އިމާރާތް ކުރަން 10 މިލިއަން، މުވައްޒަފުންގެ ދިރާސާތަކަށް ފަސް މިލިއަން އަދި ފޮތް ލިޔާ މީހުންނަށް ފަސް މިލިއަން ރުފިޔާ ދީފައިވާ ކަމަށް ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ