ރާއްޖޭގެ ސިއްޙީ ނިޒާމް އޮތީ ކާރިސާއެއްގައި: ރިޔާޒު

ރާއްޖޭގެ ސިއްޙީ ނިޒާމް އޮތީ ކާރިސާއެއްގައި: ރިޔާޒު

Author
ހުސެއިން
15 ނޮވެމްބަރ 2021 12:25
0

ރާއްޖޭގެ ސިއްޙީ ޚިދުމަތް އޮތީ ކާރިސާއެއްގެ ތެރޭގައި ކަމަށާއި، ސިއްޙީ ޚިދުމަތް ހޯދުމަށް، ހަދަން ޖެހޭ ސާޖަރީތައް ނުހެދިގެން މާލެ އަންނަންޖެހޭ އެތައްބަޔަކު އެޕޮއިންޓްމަންޓަ ނުލިބިގެން ތިބެން ޖެހޭއިރު، ލިބޭ އެޕޮއިންޓްމަންޓުން ޚިދުމަތް ހޯދުމަށްޓަކާވެސް ކިއުގައި އެތައް މަހެއްވަންދެން މަޑުކުރަންޖެހި، އެތައް ތަކުލީފެއް ރައްޔިތުން މިއަދު އުފުލަޖެހިފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށި ދާއިރާގެ މެމްބަރު އަބުﷲ ރިޔާޒު ވިދާޅު ވެއްޖެއެވެ.

2022 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓާއި ގުޅޭގޮތުން މަޖިލިހުގައި މިއަދު ވާހަކަ ދައްކަވަމުން ރިޔާޒު ވިދާޅުވީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހުރި ހޮސްޕިޓަލްތައް ހުރީ އެކި ލީޑަރޝިޕްތަކުގެ ދަށުގައި ކަމަށާއި، އެހެންނަމަވެސް ސަރުކާރުން ފޯރުކޮށް ދެމުންދާ ސިއްޙީ ޚިދުމަތް ނެޝަނަލް ހެލްތު ސާވިސްއެއްގެ ގޮތުގައި އިންތިޒާމް ވާންޖެހޭ ކަމުގައެވެ.

މިގޮތުން ސިއްޙީ ޚިދުމަތަކީ ފަސޭހަކަމާއެކު އަދި އަވަހަށް ފޯރުކޮށްދެވެން ޖެހޭ ޚިދުމަތަކަށް ވާންޖެހޭކަން ފާހަގަ ކުރައްވަމުން ރިޔާޒު ވިދާޅުވީ، ސިއްޚީ ޚިދުމަތް ހޯދުމަށް ރައްޔިތުމީހާ އެތައްމަހެއް މަޑުކޮށްގެން ހުންނަން ޖެހުމަކީ ހައްލެއް ނޫންކަމުގައެވެ. މިގޮތުން ސައިކޮލޮޖިސްޓުންނާއި ކައުންސިލަރުންގެ އެހީތެރިކަމަށް އެދޭ އަތައްބަޔަކު ތިބި ކަމަށާއި، މެންޓަލް ހެލްތުގެ މައްސަލަހުރި އެތައްބަޔަކު އެބަތިބިކަން ފާހަގަ ކުރައްވާ ރިޔާޒު ވިދާޅުވީ އިޖުތިމާއީ ދުޅަހެޔޮކަމަށް އުފައްދަންޖެހޭ މީހުން އުފައްދައިގެންވެސް ސަރުކާރުން ފޯރުކޮށްދޭ ސިއްޙީ ޚިދުމަތުގެ ފެންވަރު ރަގަޅުކުރަން ޖެހޭކަމުގައެވެ.

އެހެންކަމުން، މިކަންކަމާމެދު ސަރުކާރުން ވިސްނަވާ ސަލާންޖަހަން ނުޖެހޭ ސިއްޙީ ޚިދުމަތެއް ސަރުކާރު ފޯރުކޮށްދިނުމަށް ރިޔާޒު ގޮވާލެއްވިއެވެ. އަދި މީގެ އިތުރުން މުޅި ބަޖެޓަށް ބަލާއިރު، އިޖުތިމާޢީ ރައްކާތެރިކަމަށް މިއަހަރު ހިމަނާފައޮތް މިންވަރު ފާއިތިވެދިޔަ އަހަރަށްވުރެ މަދުކަމުގައި ކަމުގައި ވިދާޅުވެ، މިއީ ބަޖެޓް އިތުރު ކުރަންޖެހޭ ދާއިރާއެއްކަމަށްވެސް ރިޔާޒު ވިދާޅުވިއެވެ.

މީގެ އިތުރުން، ބަޖެޓްގައި ހިމަނާފައިހުރި ދައިރާގެ ތަރައްގިއާއި ގުޅުންހުރި ބައެއް މަޝްރޫޢުތަކަށް އަލި އަޅުއްވާލަވަމުން ރިޔާޒު ވިދާޅުވީ، ތިމަރަފުށީ ހޮސްޕިޓް އެޅުމަށްޓަކާ އިއުލާން ކޮށް، ބިން ކަނޑާ ބިން ހަވާލު ކޮށްފައިވާއިރު، އެ ހޮސްޕިޓަލަށް ވީގޮތެއް މިހާރު އެގިފައި ނުވާކަމުގައެވެ. އަދި މި ހޮސްޕިޓަލް އެޅުމަށް ރަށުގެ ބޮޑު ސަރައްހައްދެއް ދޫކޮށްފައިވާ ކަމަށާއި، އެހެންނަމަވެސް މި ހޮސްޕިޓަލަށް ވާނެ ގޮތެއް ނޭގޭ އިރު، ހޮސްޕިޓަލް އެޅުމަށް ރައްޔިތުން ދޫކޮށްގެން ތިބި މި ބިމަށް ވާންޖެހޭ ގޮތެއްވެސް އިގެންޖެހޭ ކަމަށް ރިޔާޒު ވިދާޅުވިއެވެ. އަދި މިހޮސްޕިޓަލާ ގުޅޭގޮތުން ސަރުކާރުގެ މިހާރުގެ ސިޔާސަތު ސާފުކޮށް ދެއްވުމަށްވެސް 2022ވަނަ އަހަރުގެ ބަޖެޓާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން ރިޔާޒު ވަނީ އެދިވަޑައިގެންފައެވެ.

އަދި މީގެ އިތުރުންވެސް ފާއިތުވެދިޔަ 3 އަހަރުވެސް ތިމަރަފުށީގެ ގޮނޑުދޮށް ހިމާޔަތް ކުރުމަށް މިސަރުކާރުން ބަޖެޓުގައި ހިމަނާފައިވާ ކަމަށް ވިދާޅުވުމުން، ދާދިފަހުން ރައީސުލްޖުމްހޫރިއްޔާއާއި އަދި ޕްލޭނިންގެ މިނިސްޓަރު ތިމަރަފުއްޓަށް ކުރެއްވި ޒިޔާރަތުގައި އެސަރަހައްދު ބައްލަވާލެއްވި ކަމަށާއި، އަދި ތިމަރަފުށީގެ އެއާޕޯޓުގެ އޮޕްރޭޝަންތައް ރައްކާތެރިކަމާއެކު ހިންގޭނީވެސް އެރަށުގެ ގޮޑުދޮށް ހިމާޔަތް ކުރެވިގެން ކަމުގައި ރިޔާޒު ވިދާޅުވިއެވެ.

އަދި ރަށުގެ ގިރާ ސަރަހައްދު ހިމާޔަތް ނުކުރެވިއްޖެނަމަ ރަށް ދެބައިވެގެން ހިގައިދާނެކަމުގެ ބިރުއެބަ އޮތްކަންވެސް ރިޔާޒު ފާހަގަ ކުރައްވާފައި ވެއެވެ. މިގޮތުން ތިމަރަފުށީގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް މިއަހަރުގެ ފަހު ކުއާޓަރުގައި ބަޔަކާ ހަވާލުކުރައްވާނެ ކަމަށް ޕްލޭނިންގ މިނިސްޓަރު ވިދާޅުވެފައިވި ނަމަވެސް، މި ޕްރޮޖެކްޓްގެ އެއްވެސް މަސައްކަތެއް މިއަދާހަމައަށް ކުރިޔަށް ނުދާކަމުގެ ކަންބޮޑުވުން ރިޔާޒު ފާޅު ކުރައްވާފައި ވެއެވެ. މިގޮތުން މިހާރު މި މަޝްރޫޢު އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވި ނަމަވެސް، މި މަޝްރޫޢު ކުރިޔަށް ދާނޭކަން ޔަގީން ކޮށްދެއްވުމަށްވެސް ރިޔާޒުވަނީ ސަރުކާރުގެ ކިބައިން އެދިވަޑައިގެންފައެވެ.

ހަމައެއާއި އެކު، ތ. ވޭމަންޑޫ އަދި ކިނބިދޫ ކޯޒުވޭއަކީ ރައީސް ސާލިހުގެ ވައުދެއްކަން ފާހަގަ ކުރައްވާ، ކޮންމެ އަހަރުކުވެސް މި ކޯޒްވޭ ހެދުމަށް ކޮންމެވެސް އަދަދެއް ހިމެނުއްވިނަމަވެސް، މިކަން ކުރާނެ ގޮތެއް ވިސްނުމެއް މިއަދާހަމައަށްވެސް ޕްލޭނިންގ މިނިސްޓްރީން ރައްޔިތުންނާއި ހިއްސާ ކޮށްފައި ނުވާކަން ފާހަގަ ކުރައްވާ، މި މަސައްކަތާއި ގުޅޭގޮތުންވެސް ސަރުކާރުގެ ވިސްނުން ސާފުވާންޖެހޭކަމަށް ރިޔާޒު ވިދާޅުވެފައި ވެއެވެ.

މީގެ އިތުރުން ތިމަރަފުށީ އެއަރޕޯޓުގެ ހާލަތު އެއްދުވަހުން އަނެއް ދުވަހަށް ދަށްވަމުން ދާކަމުގެ ކަންބޮޑުވުން ފާޅު ކުރައްވަމުން މި އެއަރޕޯޓަށް ހަފްތާއަކު ދެ ފްލައިޓްވެސް މިހާރު އޮޕަރޭޓް ކުރަމުން ނުދާކަމަށާއި، ތިމަރަފުށީގެ ހިއްކާފައި އޮތް ބޮޑު ބިމުން ނަފާ ނެރެވޭނެ ވިސްނުމެއް ނެތްކަމަށް ރިޔާޒު ވިދާޅުވިއެވެ. އަދި މިގޮތުން ހިއްކާފަ ހުރި ބިންތަކުން އިގްތިސާދީ ނަފާވެރިކަން ނެރެވޭނެ ވިސްނުމަކުން ވިސްނަވާ، ތިމަރަފުށީގެ އެއަރޕޯޓުގެ ހާލަތު ރަގަޅު ކޮށްދިނުމަށްވެސް ރިޔާޒު ވަނީ ސަރުކާރަށް ގޮވާލައްވާފައެވެ.

އަދި މީގެ އިތުރުން 2019ވަނަ އަހަރުގެ ބެޖެޓުގައި ތިމަރަފުށީގައި އެޅުމަށް ހަމަޖެހުނު ޖޫނިއަރ ކޮލެޖެއްގެ ވާހަކަ އޮތް ކަމުގައި ވިދާޅުވަމުން، މި މަޝްރޫޢަށްވެސް ވެގެން ދިޔަގޮތެއް ސާފުވެފައިނުވާކަން ފާހަގަކުރައްވާ، ތިމަރަފުށީ ދާއިރާގެ ތަރައްގީގެ ގިނަ މަޝްރޫޢުތަކެއް ކުރިޔަށް ނުދާކަމުގެ ކަންބޮޑުވުން، 2022ގެ ބަޖެޓާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން ރިޔާޒު ފާޅުކުރައްވާފައި ވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.