އއ.މަތިވެރި ސްކޫލުގެ ޖޫކޭޖީ އަދި އެލްކޭޖީގެ ކުދިންގެ ބެލެނެވެރިން ސުލްހަވެރި އިހުތިޖާޖެއް ކޮށްފިއެވެ.
ސްކޫލަށް ޓީޗަރުން ނުދާތާ ދެ ހަފްތާއަށްވުރެ ގިނަ ދުވަސް ވެފައިވާއިރު، ސްކޫލުގައި ކިޔަވައި ދެމުންދަނީ އެންމެ ޓީޗަރެއްކަމަށް އިހުތިޖާޖު ކުރި ބެލެނެވެރިއަކު ވަނީ ބުނެފައެވެ. އޭގެ ސަބަބުން ކުދިންގެ ކިޔަވުމުގެ ގިނަ ގަޑިތަކެއް ވަނީ ގެއްލިފައެވެ. މި ކްލާސްތަކުގައި ޚާއްސަ އެހީއަށް ބޭނުންވާ ކުދިން ތިބޭއިރު، އެޑިއުކޭޝަން މިނިސްޓްރީގެ އަޅާލުމެއްނެތްކަން ބެލެނެވެރިން ވަނީ ފާހަގަކޮށްފައެވެ.
މިއަދުވެސް ސްކޫލަށް ކުދިން ނުފޮނުވީ މައްސަލަތައް ހައްލުނުވުމުންނެވެ. ނަމަވެސް މިކަމަށް މިނިސްޓްރީގެ މާބޮޑު އަޅާލުމެއް ނެތެވެ.
މިމައްސަލައަކީ މިދިޔަ އަހަރުން ފެށިގެން މަތިވެރި ސްކޫލުގައި ދިމާވެފައިވާ މައްސަލައެކެވެ. މަތިވެރި ސްކޫލުގައި ޕްރިންސިޕަލެއްނެތި ގިނަ ދުވަސްތަކެއް ވުމަށްފަހު ޕްރިންސިޕަލެއް ހަމަޖައްސާފައިވަނީވެސް ރައީސުލްޖުމްހޫރިއްޔާ ދާދިފަހުން މަތިވެރިއަށް ކުރެއްވި ދަތުރުފުޅަށް ފަހުގައެވެ.
ކުދިންގެ ގަޑިތައް ތަކުރާރުކޮށް، ކެންސަލްކޮށް ފަހުން އެގަޑިތައްވެސް ނުނެގިވާކަމަށް ޚަބަރު އޮންލައިނާއި މައުލޫމާތު ހިއްސާ ކުރި ބެލެނެވެރިއަކު ބުނެފައިވެއެވެ. ގިނަ ދުވަސްދުވަހު ސްކޫލަށް ނިކުންނަނީ އެންމެ އާންޓީއެއް ކަމަށާއި، ގަޑިތައް އޮންނަ ގަޑިއަށްވިރެ މާބޮޑަށްވެސް ކުރުކޮށް ނަގާކަންވެސް ބެލެނެވެރިން ވަނީ ކަންބޮޑުވުމާއިއެކު ފާހަގަކޮށްފައެވެ.
މިމައްސަލާގައި މަތިވެރި ސްކޫލުގެ ވެރިން ވަނީ ކަންބޮޑުވުން ފާޅުކުރި ބެލެނެވެރިންނާއި، ބައްދަލުކޮށްފައެވެ. އަދި ސްކޫލަށް ކުދިން ފޮނުވާނީ އެޑިއުކޭޝަން މިނިސްޓްރީން މިކަމުގައި ޖަވާބެއް ދިނުމުންކަމަށް ބެލެނެވެރިން ވަނީ ބުނެފައެވެ.
ކޮމެންޓު ފޮނުވާ