ނޮވެމްބަރު މަހުގެ 1 އިން 12އަށް، ސްކޮޓްލޭންޑްގެ ގްލަސްގޯވް ސިޓީގައި ކުރިޔަށްދިޔަ، ދުނިޔޭގެ ތިމާވެއްޓަށް އަންނަ ބަދަލުތަކާބެހޭ ބައިނަލް އަގުވާމީ ކޮންފަރެންސް COP26، އަކީ މިހާތަނަށް ދުނިޔޭގައި ބޭއްވިގެންދާ ތިމާވެއްޓާބެހޭ އެންމެ ބޮޑު އެއްވުމެވެ. މިގޮތުން މި ބައްދަލުވުމުގައި ދުނިޔޭގެ 200 އަށްވުރެ ގިނަ ގައުމުތަކުން އެންމެމަތީ ވެރިންގެ އިތުރުން، އެތައް ހާސް ޑެލިގޭޓުންނާއި، މަދަނީ ޖަމްއިއއްޔާތަކުގެ މެމްބަރުންނާއި މީޑިއާތަކުންވެސް މިބައްދަލުވުމުގައި ވަނީ ބައިވެރި ވެފައެވެ.
މިގޮތުން މިމަހުގެ ކުރީކޮޅި ކުރިޔަށްދިޔަ ކޯޕް26 ސަމިޓްގެ ކުރިންވެސް، ދުނިޔޭގެ ބައެއް ގައުމުތަކުން ދުނިޔޭގެ ތިމާވެއްޓާއި އަދި މޫސުމީ ބަދަލުތަކާ ގުޅޭގޮތުން އާ ނިންމުންތައް ނިންމާ އަދި އަމަލުކުރަން ފަށާފައިވި ނަމަވެސް، ދުނިޔޭގެ ހޫނުމިން ނުރައްކާތެރި ދަރަޖައަކަށް މަތިވެގެން ދާން ފަށާފައި ވުމާއެކު، މި ސަމިޓް ބޭއްވިގެން ދިޔައިރުވެސް، 2015ވަނަ އަހަރު ފްރާންސްގެ ޕެރިހުގައި އެއްބަސް ވެވުނު ޕެރިސް އެގްރީމަންޓުގައި އެކަށަ އެޅުނު ލަނޑުތަޑިތަކާ ހަމައަށް ދެން ވާސިލް ވެވުނު ނަމަވެސް، މި ގަރުނު ނިމޭއިރު ދުނިޔޭގެ ހޫނުމިން އެންމެ ދަށްވެގެންވެސް 2.7°C އަށް މަތިވެގެން ދާނެކަމުގެ އިންޒާރު ދުނިޔޭގެ ސައިންސްވެރި ވަނީ ދީފައެވެ.
ނަތިޖާއެއްގެ ގޮތުން، މި ގަރުނު ނިމޭއިރު މި ދަރަޖައަށް ދުނިޔޭގެ ހޫނުމިން މަތިވެގެން ހިގައްޖެނަމަ، ކުރިމަތިވެގެންދާނެ އެހެނިހެން ނުރައްކާތަކުގެ އިތުރުން، ދުނިޔޭގެ އުތުރު ބިތުގައި ހޫނު މޫސުމުގައި ހިގަމުންދާ އަލިފާނުގެ ހާދިސާތަކުގެ މިންވަރު %62 އިތުރު ވެގެން ދާނެއެވެ. މީގެ ނަތީޖާއެއްގެ ގޮތުން، މުޅި ދުނިޔޭގައި ދިރިއުޅެމުންދާ ވަލު ޖަނަވާރުތަކުގެ އާބާދީގެ ތިންބައިކޮށްފަ އެއްބައިގެ ގެދޮރު ނެތިގެން ހިގައިދާނެކަމުގެ އިންޒާރ ސައިންސްވެރިން ދީފައި ވެއެވެ. މީގެ އިތުރުން ހޫނު މޫސުމުގެ ހަނަފަސްކަން 4 މަހާއި 10 މަހާ ދެމެދަށް ދިގުލައިގެން ދިއުން އަވަސް ވެގެންދާނެކަމަށްވެސް ސައިންސްވެރިން ދަނީ ބުނަމުންނެވެ.
ދުނިޔޭގެ ހޫނުމިން މަތިވަމުން ދިއުމުގެ ނަތިޖާއެއްގެ ގޮތުން، ދުނިޔޭގެ ބައެއް ސަރަހައްދުތަކަށް ކުރަމުންދާ ނޭދެވޭ އަސަރުތައް، ވަކީން ޚާއްސަކޮށް އެފްރިކާގެ ސަހަރާތަކުގައާއި، އަދި ކަނޑުގެ ލޮނުގަޑު އުފުލެމުން ދިއުމުގެ ސަބަބުން ކުދި ޖަޒީރާތަކަށް ކުރަމުންދާ ނޭދެވޭ އަސަރުތައް، ޔޫއެންގެ ސެކެޓްރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސް މިހާރުވެސް ސިފަ ކުރައްވާފަވަނީ ދުނިޔެއަށް ކުރިމަތިވަމުންދާ ބޮޑެތި ކާރިސާތަކުގެ ގޮތުގައެވެ.
ކޯޕް26އަކީ ކިހާވަރެއްގެ ނާކާމިޔާބިއެއްތަ؟
އިނގިރޭސިވިލާތުގެ ގްލަސްގޯވްގައި ބޭއްވުނު ކޯޕް26 ސަމިޓްގެ އެއްބަސްވުމުގެ ޑްރާފްޓުގެ ބަސްމަގަށް އެންމެ ފަހުވަގުތު ބަދަލު ގެނައުމަށް (ބޯޓުދެލި ނެގުން އެކީ ހުއްޓާލުމަށް އެއްބަސްވުމުގައި ބުނެފައިވާ ބުނުމަށް ބަދަލު ގެނައުމަށް) އިންޑިއާއި ޗައިނާއިން ބޭނުންވެ، މޫސުމީ ވައުދުތަކަށް އެއްބަސްވުމަކަށް އައުމުގައި ދުނިޔޭގެ ގައުމުތަކަށް އެންމެ ފަހުވަގުތު ބޮޑު ގޮންޖެހުމަކާ ކުރިމަތިލާން ޖެހުނެވެ.
މިގޮތުން ކޯޕް26 ސަމިޓުގައި ކުރިޔަށްދިޔަ މަޝްވަރާތަކުގައި އެންމެ ފުރަތަމަ ގައުމުތަކުން އެއްބަސް ވެފައިވަނީ، ބާރުމިނުގައި، ބޯޓު ދެލި ނެގުން ހުއްޓުމަކަށް ގެނައުމުގެ އިތުރުން ޖައްވަށް ވިހަ ދުން ބޭނުންކުރާ މައްދާތަކަށް ގައުމުތަކުން ދެމުންދާ ސަބްސިޑީސްވެސް ނިމުމަކަށް ގެނައުމަށެވެ.
އެހެންނަމަވެސް، މި މަޝްވަރާތަކުގައި، އެއަށްފަހު ބައެއް ގައުމުތަކުން ބާރު އަޅާފައިވަނީ "ކާބަންގެ މާއްދާތައް އެކުލެވޭ" ބޯޓުދެލި އެންދުން ހުއްޓުމަކަށް ގެނައުމަށާއި، "އެކަށީގެން ނުވާ" ސަބްސިޑީސްތައް ހުއްޓުމަކަށް ގެނައުމަށެވެ. އަދި އެއްބަސްވުމުގެ ތިންވަ ޑްރާފްޓުގައި ގައުމުތަކުން އެއްބަސް ވެފައިވަނީ މި މައުދަންތައް ބޭނުންކުރުން ހުއްޓުމަކަށް ގެނައުމަށް "ކުރެވޭ މަސައްކަތްތައް" އިތުރަށް ހަލުއި ކުރުމަށެވެ.
އަދި، އެންމެ ފަހުގެ އެއްބަސްވުން ސަމިޓްގެ ރިޔާސަތުން އިއުލާން ކުރިއިރު އެއްބަސް ވުމުގައި މިމާއްދާގެ ބާރު އިތުރަށް ދަށްކޮށް، "ކާބަންގެ މާއްދާތައް އެކުލެވޭ" ބޯޓު ދެލި ނެގުން "މަދު ކުރުމަށް" މިގޮތަށް ހިމަނާފައެވެ.
ދެ ހަފްތާގެ މުއްދަތަށް އިނގިރޭސިވިލާތުގެ ގްލަސްގޯވްގައި ކުރިޔަށްދިޔަ ސަމިޓުގެ އެހެނިހެން ގިނަ ނިންމުންތަކެކޭ އެއްފަދައިން، މި ސަމިޓްގެ އެންމެ ފަހުގެ އެއްބަސްވުންވެސް މިހާރު ބެލެވިފައިވަނީ، ބާރުދަށް އަދި އެކަށީގެން ނުވާ އެއްބަސްވުމެއްގެ ގޮތުގައެވެ.
ދުނިޔޭގެ 200 ގައުމެއްގެ މަންދޫބުން 2 ހަފްތާ ވަންދެން ކުރިޔަށް ގެންދިޔަ އުދަގޫ މަޝްވަރާތަކުންވެސް، ދުނިޔޭގެ ހޫނުމިން ނުރައްކާތެރި ދަރަޖައަކަށް އުފުލިގެންދާ ދިއުމުން ސަލާމަތްވުމަށްޓަކާ ކުރަންޖެހޭކަމަށް ދުނިޔޭގެ ސައިންސްވެރިން ފާހަގަ ކޮށްފައިވާ ކަންކަމަށް އެއްބަސްވުމަކަށް އެންމެ އެކަށީގެންވާ ގޮތުގައި އާދެވިފައި ނުވާތީ، ކޮންފަރެންސްގެ ރައީސް އަލޮކް ޝަރުމާވަނީ ކޮންފަރެންސްގެ ބައިވެރިންގެ ކިބައިން މާފަށްވެސް އެދިފައެވެ.
އަދި މީގެ އިތުރުން، ހަނަފަސް ކަމުންނާއި، ދުނިޔޭގެ ހޫނުމިން މަތިވަމުން ދާދިއުމުންނާއި އަދި މޫސުމަށް އަންނަ ބަދަލުތަކުގެ ނުރައްކަލަށް ހުށެހެޅިފައިވާ ގައުމުތަކަށް މާލީގޮތުން އެހީތެރިވެ ދިނުމަށްވެސް ކޯޕް26 ސަމިޓުގައި ދުނިޔޭގެ މުއްސަދި ގައުމުތަކަށް އެއްބަސްވުމަކަށް އާދެވިފައި ނުވާތީ މިގައުމުތަކަށްވެސް ވަނީ ފާޑުކިއުން އަމާޒު ވެފައެވެ.
ސަމިޓްގެ މަޝްވަރާތަކަށްފަހު އެކުލަވާލި އެއްބަސްވުމުގެ ބަސްމަގުގެ ހަރުކަށިކަން ކުޑަކުރަން އެންމެ ފަހު ވަގުތު ޗައިނާ، އިންޑިއާ އަދި އެމެރިކާއިންވަނީ އެދިފައެވެ.
"މި ޕްރޮސެސް ފޮރުޅިގެން ދިޔަ ގޮތުން އަހަރެން މާފަށް އެދެން، އަހަރެން ވަރަށް ބޮޑަށް މާފަށް އެދެން،" އެންމެ ފަހުގެ ނިންމުން އިއުލާން ކުރަމުން، ފެންކަޅިވެފައި އިނދެ، ޝަރުމާ ވިދާޅުވެފައި ވެއެވެ.
ކޯޕް26 ސަމިޓްގެ އެންމެ ފަހުގެ ޑީލްއަކީ "ނާޒުކު ކާމިޔާބެއް" ކަމުގައާއި، އަދި "1.5 މަރުވެގެން ދިޔަނުދީ ބޭއްވުމަށް އެންމެ އެކީ މަސައްކަތް ކުރަންޖެހޭ" ކަމަށް ވިދާޅުވެ އޭނާ ފަހުންވަނީ ޓުވީޓް ކުރައްވާފައެވެ.
ސަމިޓްގެ އެންމެ ފަހުގެ އެއްބަސްވުމުގައި ވާގޮތުން، ޖައްވު އެންމެ ބޮޑަށް ނުސާފު ކުރުވާ މައުދަން ކަމުގައިވާ ބޯޓުދެލި ނެގުން އެކީ ހުއްޓުމަކަށް ގެނައުމުގެ ބަދަލުގައި ބޯޓުދެލި ނެގުން މަދުކުރުމަށް ވަނީ އެއްބަސް ވެފައެވެ. އަދި ދުނިޔޭގެ ޖައްވަށް ބޭރުކުރާ ނުރައްކާތެރި ގޭހެއް ކަމުގައިވާ މީތޭން ގޭސް ބޭރުކުރުން މަދު ކުރުމަށްވެސް ބައެއް ގައުމުތަކުން ވަނީ އެއްބަސް ވެފައެވެ. އަދި މީގެ އިތުރުން ދުނިޔޭގެ ޖަންގަލިތައް ނެތިގެންދާ ދިއުމުން 2030ގެ ނިޔަލަށް ހުއްޓުވުމަށް މަސައްކަތް ކުރުމަށްވެސް ގައުމުތަކުން ވަނީ އެއްބަސް ވެފައެވެ.
Sharma is now crying #COP26
— Patrick Galey (@patrickgaley) November 13, 2021
The fact COP26 just ended with Alok Sharma apologising and fighting back tears underlines what a fiasco the last fortnight has been.
— (((Dan Hodges))) (@DPJHodges) November 13, 2021
މި ސަމިޓްގައި ބައިވެރިިވި ބައެއް އޮބްޒާވަރުން ވިދާޅުވާ ގޮތުގައި، ކޯޕް26 ސަމިޓްގެ އެއްބަސްވުމަކީ، ދުނިޔެ ނުރައްކާތެރި ދަރަޖައަކަށް ހޫނުވެގެން ދިއުމުން ސަލާމަތް ކުރުމަށާއި، މޫސުމީ ނުރައްކާތަކަށް ދުނިޔޭގެ ގައުމުތައް އަހުލުވެރި ކުރުވުމަށާއި، އަދި މިހާރުވެސް ދުނިޔެއަށް ކުރިމަތިވަމުންދާ މޫސުމީ ނުރައްކާތަކުން ސަލާމަތްވުމަށް އެންމެ އެކަށީގެންވާ އެއްބަސްވުމެއް ނޫނެވެ.
ޔޫއެންގެ ސެކެޓްރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސްވަނީ މިއެއްބަސްވުމަށް މަރުހަބާ ވިދާޅުވެފައެވެ. އެހެންނަމަވެސް މިއީ އެންމެ އެކަށީގެންވާ އެއްބަސްވުން ނޫންކަމުގައިވެސް އޭނާވަނީ ވިދާޅުވެފައެވެ. "އަހަރެމެން އަދިވެސް މިދަނީ، މޫސުމީ ކާރިސާތަކުގެ ދޮރުގައި ޓަކި ޖަހަމުން،" އޭނާ ވިދާޅުވިއެވެ.
ސްވިޑިޝް އެންވިރޮންމެންޓަލް އެކްޓިވިސްޓެއް ކަމުގައިވާ ގްރެޓާ ތަންބާރގް ވިދާޅުވެފައިވަނީ، ކޯޕް26 ސަމިޓްގެ މަޝްރާތަކުން ހާސިލްވި އެއްވެސް ކަމެއް ނެތްކަމުގައެވެ. އަދި އޭނާ ސިފަކޮށްފައިވަނީ މިއީ ހުސް ވާހަކަ ތަކެއްގެ ގޮތުގައެވެ.
2015ވަނަ އަހަރުގެ "ޕެރިސް ޑީލް"ގެ އެެއް ބާނީ ކަމުގައިވާ ލޯރެންސް ޓުބިއާނާ އޭއެފްޕީއަށް މައުލޫމާތު ދެމުން ވިދާޅުވެފައިވަނީ "މިހާރުން މިހާރަށްވެސް އެހީތެރިކަމަށް ބޭނުން ވެފައިވާ ފަރާތްތަކަށް އެހީތެރިކަމެއް ފޯރުކޮށްދިނުމަށް ކޯޕް26 ފެއިލް ވެގެން ގޮސްފައިވާ" ކަމުގައެވެ.
އެހެންނަމަވެސް، ޔޫރަޕިއަން ކޮމިޝަންއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ކޯޕް26ގެ ޑީލުން "ޕެރިސްގެ ޓާގެޓްތަކަށް ދިރުން" ގެނެސްދީފައިވާ ކަމުގައެވެ.
ކޯޕް26 ސަމިޓް އެގައުމެއްގައި ބޭއްވުނު އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ވިދާޅުވެފައިވަނީ، ކޯޕް26 އެއްބަސްވުމަކީ "ކުރިޔަށް އެޅުނު" ފިޔަވަޅެއް ކަމުގައެވެ. އެހެންނަމަވެސް މުހިންމު މަސައްކަތްތަކެއް އިތުރަށް ކުރަންޖެހޭކަން އޭނާ ފާހަގަ ކުރައްވާފައި ވެއެވެ.
އަދި އެމެރިކާގެ ކްލައިމެޓް އެންވޯއި ޖޯންކެރީ ވިދާޅުވެފައިވަނީ، މި ސަމިޓުން ހާސިލްވީ ރަގަޅު ކަންކަމުގެ މަތިން ހަދާންކުރަން ޖެހޭކަމަށެވެ.
"އަހަރެމެން އަބަދުވެސް ތިބީ ވިސްނައިގެން ގްލަސްގޯވްއަކީ ނިމުން ނޫންކަން، އަދި އެގޮތަސް ވިސްނައިގެން ތިބިޔަބަކަށް އަހަރެމެން އެންމެންގެ ކުރިމަތީގައިހުރި ގޮންޖެހުންތަކެއް ނޭގޭ، އެހެންކަމުން ބުނަން އޮތީ، ޕެރިސް އެއްބަސްވުމުން މާހައުލެއް ތަނަވަސް ކޮށްދިންއިރު، ގްލަސްގްލޯވްއިން ރޭސް ފަށާދީފައިވާ ކަން، އަދި މިރޭ މިވަނީ ރޭސް ފެށުމުގެ ގޮތުން ޖަހަންޖެހޭ ބަޑި ޖަހާފައި،" ޖޯން ކެރީ ވިދާޅުވެފައު ވެއެވެ.
ރާއްޖެއަށް ނާއުއްމީދީ ސަމިޓެއް؟
މޫސުމީ އެއްމެ ބޮޑެތި ނުރައްކާތަކެއް ކުރިމަތި ވެފައިވާ އެއް ގައުމަކީ ދިވެހިރާއްޖެއެވެ. މިގޮތުން ކޯޕް26 ސަމިޓް ވެގެން ދިޔައީ، މެދު ކެޑުމެއްނެތި ތިމާވެށީގެ މައްސަލަތަކުގައި ރާއްޖެއިން ވަކާލާތު ކުރާކުރުން އިތުރު އާއުސްމިނަކަށް ގެންދިއުމަށް ލިބިގެންދިޔަ އިތުރު ފުރުސަތަކަށެވެ. އަދި މި ސަމިޓަށް ރައީސުލްޖުމްހޫރިއްޔާ ވަޑައިގެން ސަމިޓްގައި ތަގްރީރުވެސް ކުރައްވާފައި ވެއެވެ.
އަދި މީގެއިތުރުން، ސީވީއެފް އެމްބެސެޑަރގެ ހައިސިއްޔަތުން ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދުވެސް މި ސަމިޓަށް ވަޑައިގެންނެވިއެވެ. އަދި މީގެ އިތުރުންވެސް ރާއްޖޭގެ މިނިސްޓަރ އޮފް އެންވިރޮންމެންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލިޖީ އާމިނަތު ޝައުނާގެ އިތުރުން ރާއްޖޭގެ ބައެއް އެންޖީއޯތަކުންވެސް މި ސަމިޓްގައިވަނީ ބައިވެރި ވެފައިވެއެވެ.
މިގޮތުން، ދުނިޔޭގެ އެންމެ އިސްވެރިންވެސް ހިމެނޭގޮތުން ބޭއްވިގެންދިޔަ ތިމާވެށީގެ މިމުހިންމު ބައްދަލުވުމުގައި ރާއްޖެއިން ތަމްސީލުކުރުމުގައި މައިގަޑު ދެ މަގުސަދެއް އޮންނާނެ ކަމުގައި ބަލަންޖެހެއެވެ. އެއީ، ދުނިޔޭގެ ތިމާވެއްޓަށް އަންނަމުންދާ ނުރަގަޅު ބަދަލުތަކުގެ ސަބަބުން ރާއްޖެއަށް ކުރިމަތިވާ ގޮންޖެހުންތައް ދުނިޔޭގެ ސަމާލުކަމަށް ގެނައުމުގެ އިތުރުން، ތިމާވެއްޓަށް އަންނަމުންދާ ނުރަގަޅު ބަދަލުތަކުން ރާއްޖެއަށް ކުރިމަތިވަމުންދާ އަދި ކުރިމަތިވާނެ މައްސަލަތަކުން އަރައިގަތުމަށް ބޭނުންވާ މާލީ އެހީތެރިކަން ކަށަވަރު ކުރުމެވެ.
މިގޮތުން މި ސަމިޓްގެ ތެރޭގައި، މޫސުމަށް އަންނަ ބަދަލުތަކަށް ދިވެހިރާއްޖެ ހޭނުވުމަށާއި، އެކަންކަމުން ލިބޭ ގެއްލުން ކުޑަކުރުމުގައި ރާއްޖެއިން ކުރަމުން ގެންދާ މަސައްކަތްތަކަށް އެއްބާރުލުން ދިނުމަށް، ދަ ގްލޯބަލް ސެންޓަރ އޮން އެޑެޕްޓޭޝަން (ޖީ.ސީ.އޭ.) އާ ރާއްޖެއާ ދެމެދު އެއްބަސްވުމެއްގައި ސޮއި ކުރެވިފައި ވެއެވެ.
ކޯޕް26 ސަމިޓްގެ ހަވާސާގައި ސޮއިކުރެވުނު މި އެއްބަސްވުމުގެ ދަށުން، މޫސުމަށް އަންނަ ބަދަލުތަކަށް ރާއްޖެ ހޭނުމަށް ޖުމްލަ 200 މިލިއަން ޔޫ.އެސް. ޑޮލަރުގެ މަޝްރޫޢުތަކެއް އެކުލަވާލުމަށް ޖީ.ސީ.އޭ. މެދުވެރިކޮށް ފައިސާ ހޯދައި ހިންގުމަށް ވަނީ ހަމަޖެހިފައެވެ.
މި އެއްބަސްވުމުގެ ދަށުން، ރާއްޖޭގެ ފަރާތުން ޕެރިސް އެގްރިމެންޓަށް ހުށަހެޅި ނޭޝަނަލީ ޑިޓަރމިންޑް ކޮންޓްރިބިއުޝަން (އެން.ޑީ.ސީ.) ގައި ހިމެނޭ އެޑެޕްޓޭޝަން ލަނޑުދަނޑިތައް ހާސިލްކުރުމަށާއި، މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލައަށް ވަކާލާތު ކުރުމުގައި ރާއްޖެ އިސްދައުރެއް އަދާކުރުމަށް ކްލައިމެޓް ވަލްނަރަބްލް ފޯރަމް އަދި ވީ20 މެދުވެރިކޮށް ކުރާ މަސައްކަތްތަކަށް އެހީވުން ވެސް ހިމެނެއެވެ.
އެހެންނަމަވެސް، މޫސުމަށް އަންނަ ބަދަލުތަކުގެ ނުރައްކަލަށް ހުށެހެޅިފައިވާ ގައުމުތަކަށް މާލީގޮތުން އެހީތެރިވެ ދިނުމަށްވެސް ކޯޕް26 ސަމިޓުގައި ދުނިޔޭގެ މުއްސަދި ގައުމުތަކަށް އެއްބަސްވުމަކަށް އާދެވިފައި ނުވާތީ މިއީ ހާސިލްކުރުމަށް މި ސަމިޓުގައި ރާއްޖެއިން އަމާޒުކުރި ލަނޑުދަނޑިތަކަށް ކުރިމަތިވި ގޮންޖެހުމެއްގެ ގޮތުގައި ބެލެވެއެވެ.
ކޮންމެއަކަށް، ދުނިޔޭގެ އެތައް ގައުމެއްގެ ލީޑަރުންނާއި، އަދި ތިމާވެށީގެ އެތަކެއް އެކްޓިވިސްޓުންވެސް، ކޯޕް26 ސަމިޓަކީ ނާކާމިޔާބު ސަމިޓެއްގެ ގޮތުގައި ސިފަ ކުރަމުންދާއިރު، މިއީ އެންމެ ހިންހަމަ ޖެހޭ ނަތީޖާއާއި ހަމައަށް ވާސިލް ވެވުނު ސަމިޓެއް ނޫންކަމުގައި ރާއްޖޭގެ މިނިސްޓަރ އޮފް އެންވިރޮންމެންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލިޖީ އާމިނަތު ޝައުނާވެސް ވަނީ ވިދާޅުވެފައެވެ.
އެހެންނަމަވެސް، ގިނަ ބައެއްގެ އެދުމަކީ، ކޯޕް26 ސަމިޓުން ހާސިލްވި ރަގަޅު ކަންކަމުގެ މަތިން ހަދާންކޮށް، 1.5 ޑިގްރީ ސެލްސިއަސްއަށްވުރެ މައްޗަށް ދުނިޔެ ހޫނެވެގެން ދިޔަ ނުދިނުމަށް ކުރެވެމުންދާ މަސައްކަތްތަކަށް ހުއްޓުމެއް ނައިސް ކުރިޔަށް ދިއުމެވެ.