މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯރސް (އެމްއެންޑީއެފް)އަށް ދިވެހި ޕައިލެޓުން ނުލިބެނީ ދިވެހި ދައުލަތުން ފައިސާ ޚަރަދުކުރާނެ ޤާބިލްކަން ނެތުމުންކަމަށް ޑިފެންސް މިނިސްޓަރ ވިދާޅުވެފައިވާތީ، އެކަން ހައްލުކުރުމަށް ޕައިލެޓުންގެ މުސާރަ ބަޖެޓުގައި ހިމަނަން ހުށައަޅުއްވާނެކަމަށް ޕީޕީއެމްގެ ނާއިބު ރައީސް އަދި ނައިފަރު ދައިރާގެ މެންބަރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ޝިޔާމް މިހެން ވިދާޅުވީ، ގައުމީ ސަލާމަތަށް ނުރައްކާވާ ކަންކަން ނެތްކަން ކަށަވަރުކުރުމުގެ ގޮތުން އިންޑިއާއާއެކު ސޮއިކޮށްފައިވާ އަސްކަރީ ގުޅުމުގެ އެއްބަސްވުންތަކުގެ ތަފްސީލް ހޯދުމަށް ކުރާމަސައްކަތުގެ ދަށުން މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީ (241) ކޮމިޓީގައި ޑިފެންސް މިނިސްޓަރ މާރިޔާ އަޙްމަދު ދީދީ ވިދާޅުވި ވާހަކަފުޅާއި ގުޅިގެންނެވެ. މިނިސްޓަރ މާރިޔާ ވަނީ އިންޑިއާއިން ރާއްޖެއަށް ދީފައިވާ ޑޯނިޔަރ މަތިންދާ ބޯޓު ދުއްވަން ވަޒީފާއަށް ދިވެހިން ނަގައިގެން ދިވެހި ދައުލަތުން ފައިސާ ޚަރަދުކުރާނެ ޤާބިލްކަން ނެތްކަމަށް ވިދާޅުވެފައެވެ.
އެވާހަކަފުޅައި ގުޅިގެން ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް ވިދާޅުވީ، 2019، 2020، 2921 އަދި 2022 ވނަ އަހަރުގެ އެއްވެސް ބެޖެޓެއްގައި އެމްއެންޑީއެފްގެ ޕައިލެޓުގެ މުސާރަ ދޭން ސަރުކާރުން ހުށައަޅާފައިނުވާކަމަށެވެ. ކޮންމެހެންވެސް އަންނަ އަހަރަށް ލަފާކުރާ ބެޖެޓު ދިރާސާކުރާއިރު އެމްއެންޑީއެފް ޕައިލެޓުންނަށް މުސާރަދޭނެ ފައިސާ ޖަހައިދެން އެދޭނެކަމަށް މެންބަރު ޝިޔާމް ވިދާޅުވިއެވެ.
އެވަރު ކަމެއް ކޮށްނުދެވޭ ބަޔަކަށް ސަރުކާރޭތޯ ހަމަ ކިޔަންވީ؟
– މެންބަރު ޝިޔާމް ސުވާލުކުރެއްވިއެވެ.
2019, 2020, 2021 adhi 2022 meegen evves budgetehgaives MNDF pilotunnah musaara dhen sarukaarun propose nukurey. Konmehenves 2022 budget dhiraasakuraa iru MNDF pilotunnah musaaradheyne faisa jahaidhen edheynan. Evaru kameh kohnudhevey bayakah sarukaareytho hama kiyanvee.
— Ahmed Shiyam (@Shiyamaldives) November 14, 2021
މެންބަރު ޝިޔާމް މިހެން ހާމަކުރެއްވާފައިވާއިރު، މިނިސްޓަރ މާރިޔާ ވިދާޅުވި ޑޯނިޔާމަތިންދާ ބޯޓާއި އިންޑިއާއިން ދީފައިވާ ހެލިކޮޕްޓަރު މަރާމާތުކޮށް ބަލަހައްޓަމުން ގެންދިއުމަކީވެސް ދިވެހި ދައުލަތަށް ފަސޭހަކަމެއް ނޫންކަމަށެވެ. އެމޭރުމުން ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ، އަތޮޅުތެރޭގައި ދުއްވާ ސީ އެމްބިއުލާންސްތައްވެސް މަރާމާތުކޮށް ބެލެހެއްޓެނީ ކިރިޔާކަމަށެވެ. އެހެންކަމުން އެހުރިހާކަމެއް ކުރަނަމަ ދައުލަތަށް ވަރަށް ބޮޑު ޚަރަދެއްކުރަންޖެހޭނެކަން މިނިސްޓަރ މާރިޔާ ފާހަގަކުރެއްވިއެވެ.
މާރިޔާގެ ވާހަކަފުޅުގައި މިއީ ހަމައެކަނި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ސަރުކާރުގެ ވިސްނުމެއް ނޫންކަމަށާއި، ކުރިންވެސް އެފަދަ ވިސްނުން ހުރިކަމަށް ވިދާޅުވިއެވެ.
ޑޯނިޔަރ މަތިންދާ ބޯޓު ދުއްވަން ވަޒީފާއަށް ދިވެހިން ނަގައިގެން ދިވެހި ދައުލަތުން ފައިސާ ޚަރަދުކުރާނެ ޤާބިލްކަން ނެތްކަމަށް މިނިސްޓަރ ވިދާޅުވެފައިވާއިރު، އެމްއެންޑީއެފްގެ ޑޯނިއާ މަތިންދާބޯޓު ދުއްވުމުގެ ހުއްދަ ފުރަތަމަ ފަހަރަށް ދިވެހި ސިފައިންގެ ޕައިލެޓުންނަށް ދީފައިވަނީ މިމަހުގެ 9ގައެވެ. ސަރުކާރުން ވަނީ އެކަން ވަރަށް ކުލަގަދަކޮށް ފާހަގަކޮށްފައެވެ.
ރާއްޖެއިން އިންޑިއާއެކު ހަދާފައިވަ އަސްކަރީ އެއްބަސްވުމުގެ ދަށުން ރާއްޖޭގައި އިންޑިއާ ސިފައިން ޤާއިމްވެ ތިބުމާއި، އިންޑިއާއިން ރާއްޖޭގެ ހައިޑްރޯގްރަފީ ސާވޭ ނުވަތަ ކަނޑުގެ އަޑި ޗާޓު ބޭނުންކޯށްގެން ފައިދާ ނަގާކަމުގެ ޝަކުވާ ވަނީ ބޮޑުވެފައެވެ. އަދި އެކަމާއި ގުޅިގެން ސަރުކާރަށްވަނީ ވަރަށް ބޮޑު ފާޑުކިޔުންތަކެއް އަމާޒުވެފައެވެ. އަދި އިދިކޮޅުން ދަނީ އިންޑިއާ މިލިޓަރީ އައުޓްގެ ނަމުގައި ޤައުމީ ހަރަކާތެއްވެސް ހިންގަމުންނެވެ. އަދި އެހަރަކާތުގައި ބައިވެރިވާ މީހުންގެ ޢަދަދު އިތުރުވެ މިކަމުގެ ޚަބަރުތައް ވަނީ ބައިނަލްއަޤްވާމީ މީޑިއާގެ ސަމާލުކަމަށްވެސް އައިސްފައެވެ. މިކަމުގެ ސަބަބުން ސަރުކާރަށް އޮތް ޕްރެޝަރ އިތުރުވެފައިވާކަމަށް ބައެއް ފަރާތްތަކުން ވަނީ ބުނެފައެވެ.