ބްރެޒިލް ވޯލްޑްކަޕްގެ ޖާގަ ކަށަވަރުކޮށްފި

ބްރެޒިލް ވޯލްޑްކަޕްގެ ޖާގަ ކަށަވަރުކޮށްފި

Author
މުޙައްމަދު ޝަޒައިމް
12 ނޮވެމްބަރ 2021 05:22
0

ފީފާ ވޯލްޑް ކަޕުގެ ދެކުނު އެމެރިކާ ކޮލިފައިންގައި ކޮލަމްބިއާ ބަލިކޮށް އެ ބައްރުން ގަތަރުގައި އަންނަ އަހަރު ބާއްވާ ވޯލްޑްކަޕަށް ކޮލިފައިވި ފުރަތަމަ ގައުމަކަށް ބްރެޒިލް ވެއްޖެއެވެ.

ބްރެޒިލުން ވޯލްޑް ކަޕުގެ ޖާގައެއް ހޯދީ އަމިއްލަ ގައުމުގައި ކުޅުނު މެޗުން ކޮލަމްބިއާ އަތުން 1-0 ގެ ނަތީޖާއަކުން މޮޅުވެގެންނެވެ. މި މެޗުގައި ބްރެޒިލުން ގިނަ ހަމަލާތަކެއް އުފެއްދިއިރު، މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ބްރެޒިލުން ކާމިޔާބުކޮށްފައިވަނީ މެޗުގެ 72 ވަނަ މިނެޓުގައެވެ. ނޭމާ ތަނަވަސްކޮށްދިން ފުރުސަތަކުން މި ލަނޑު އެ ގައުމަށް ކާމިޔާބުކޮށްދިނީ ލޫކަސް ޕަކޭޓާއެވެ.

މި މޮޅާއެކު ވޯލްޑް ކަޕުގެ ޖާގައެއް ބްރެޒިލުން ކަށަވަރުކުރިއިރު، މި ފަހަރުގެ ކޮލިފައިންގައި އެ ގައުމު އަދި މިހާތަނަށް ބަލިވެފައެއް ނުވެއެވެ. އެގޮތުން ކުޅުނު 12 މެޗުގެ ތެރެއިން 11 މެޗުން ބްރެޒިލް މޮޅުވެފައިވާއިރު، އެ ގައުމު މޮޅުވިޔަނުދީ ހުއްޓުވީ މިދިޔަ މަހު ކޮލަމްބިއާއިން އެކަންޏެވެ.

މިހާތަނަށް ވޯލްޑްކަޕަށް ކޮލިފައިވެފައިވަނީ ބްރެޒިލްއާއެކު އިތުރު ދެ ގައުމެކެވެ. އެއީ ޔޫރަޕަށް ނިސްބަތްވާ ދެ ގައުމުކަމަށްވާ ޑެންމާކް އާއި ޖަރުމަނުވިލާތެވެ.

ދެކުނު އެމެރިކާ ކޮލިފައިންގެ ގަދަ ހަތަރު ޓީމަށް ވޯލްޑް ކަޕުގެ ޖާގަ ލިބޭއިރު، އެއްވަނައިގައި ބްރެޒިލް އޮތީ ކުޅުނު 12 މެޗުން ލިބުނު 34 ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތީ 11 މެޗުން 25 ޕޮއިންޓް ހޯދާފައިވާ އާޖެންޓީނާއެވެ. އަދި ތިންވަނައިގައި އޮތް އެކުއެޑޯއަށް 13 މެޗުން 20 ޕޮއިންޓް ލިބިފައިވާއިރު، ހަތަރުވަނައިގައި އޮތް ޗިލީ އާއި ފަސްވަނައިގައި އޮތް ކޮލަމްބިއާއަށް ވަނީ 13 މެޗުން ލިބިފައިވަނީ 16 ޕޮއިންޓެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.