އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން ހަރުދަނާ އިދިކޮޅު ޕާޓީއަކަށް ހެދުމަށް އާލީޑަރޝިޕެއް ބޭނުން ވާކަމުގައި ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ހަސަން ވިދާޅުވެއްޖެއެވެ.
ސަރުކާރާ މެދު ރައްޔިތުންގެ އިތުބާރެއް ނެތް ކަމަށާއި ރައްޔިތުން ތިބީ މި ވެރިކަން ބަދަލުކުރުމަށް ވޯޓު ފޮއްޓާ ހަމައަށް ނުދެވިފައި ކަމަށް ޕީޕީއެމްގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެ ދެއްކެވި ވާހަތަކާއި ގުޅިގެން އިކްރާމް ވިދާޅުވީ ޕީޕީއެމް، ޕީއެންސީއަކީ ހަރުދަނާ އިދިކޮޅު ސިޔާސީ ޕާޓީއަކަށް ހެދުމަށް މިހާރު އޮތް ލީޑަރޝިޕް ބަދަލުކުރަންޖެހޭ ކަމަށެވެ.
އިދިކޮޅު ކޯލިޝަން މިވަގުތު ހިންގެވުމާއި ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމަށް ފާޑު ވިދާޅުވަމުން އިކްރާމް ވިދާޅުވީ އަބްދުއްރަހީމަކީ އެއްވެސް އަމާޒެއް ނެތި ވާހަކަ ދައްކަވަމުންދާ ބޭފުޅެއްކަމަށެވެ. އަބްދުއްރަހީމަކީ މިހާރު އިދިކޮޅު ކޯލިޝަންގެ ތެރޭގައިވެސް ތާއީދު އޮތް ބޭފުޅެއް ނޫންކަމަށް އިކްރާމް ވަނީ ވިދާޅުވެފައެވެ.
އަދުރޭ ދައްކާ ވާހަކަ ގަބޫލުކުރާނެ ބޭފުޅަކު ޕީޕީއެމް، ޕީއެންސީގެ އިސްސަފުގައި މިހާރަކު ނެތް. މައިގަނޑު ސަބަބަކީ، ވާހަކަތަކުގައި އެއްވެސް އަމާޒެއް މިސްރާބެއް ނެތުން. ޕީޕީއެމް، ޕީއެންސީ ހަރުދަނާ އިދިކޮޅު ސިޔާސީ ޕާޓީއަކަށް ވުމަށް އާ ލީޑަރޝިޕެއް ބޭނުންވޭ.
– އިކްރާމް ވިދާޅުވިއެވެ.
އިދިކޮޅު ކޯލިޝަނުން ރޭ ބޭއްވި ޖަލްސާގައި އަދުރޭ ވަނީ ޖުމްހޫރީ ދުވަހުގެ ޖަލްސާގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ދެއްކެވި ބައެއް ވާހަކަފުޅުތަކަށް ރައްދު ދެއްވައިފައެވެ. ކުރިއަށް އޮތް ދެ އަހަރުގައި އަމާޒު ހިފާފައި އޮތީ ވައުދުތައް ފުއްދެވުމަށް ކަމަށް ރައީސް ރޭ ވިދާޅުވިޔަސް ހަގީގަތަކީ މިހާރު ހުރިހާ ވެސް އަމާޒަކީ ރިޔާސީ އިންތިހާބު ކަމަށް އަދުރޭ ވިދާޅުވިއެވެ.
އޭނާ ވިދާޅުވި ގޮތުގައި ރައްޔިތުން ތިބީ ހޭލައެވެ. މި ވެރިކަމުގައި ރައްޔިތުންނަށް ލިބެމުންދާ "އަނިޔާ" އާއި ރައްޔިތުން ތަހައްމަލުކުރަމުންދާ ހިތްދަތިކަން ގާތުން ތަޖުރިބާކޮށް، "ދިރާސާކުރަމުންދާ" ކަމަށް އޭނާ ވިދާޅުވިއެވެ.