ހެޔޮލަފާ މުޖުތަތަމަޢުއެއް ބިނާކުރުމަށް ރާއްޖެއިން ކުރަންޖެހިފައިވާ މަސައްކަތް ގިނަ: ޚުޠުބާ

ހެޔޮލަފާ މުޖުތަތަމަޢުއެއް ބިނާކުރުމަށް ރާއްޖެއިން ކުރަންޖެހިފައިވާ މަސައްކަތް ގިނަ: ޚުޠުބާ

ގުޅުންހުރި

ހެޔޮލަފާ މުޖުތަތަމައުއެއް ބިނާކުރުމަށް ރާއްޖެއިން ކުރަންޖެހިފައިވާ މަސައްކަތްގިނަކަމަށް ރާއްޖެގެ މިސްކިތްތަކުގައި މިއަދު ދެއްވި ހުކުރު ޚުޠުބާގައި ވިދާޅުވެޖެއެވެ. މިއަދުގެ ހުކުރު ޚުޠުބާ ޚާއްޞަކޮށްފައިވަނީ ހެޔޮލަފާ މުޖުތަމަޢުއެއް ބިނާކުރުމުގެ މަޢުޟޫއަށެވެ.

މިއަދުގެ ޚުޠުބާގައި ވިދާޅުވީ، ދިވެހިރާއްޖެ މިއަދު މިވަނީ، ހެޔޮ ލަފާ މުޖުތަމަޢެއް ބިނާކުރުމަށާއި، ތަރައްޤީއާއި، ތަހުޒީބުގެ އާ އުސްމިންތަކަށް ވާޞިލްވުމަށްޓަކައި، ގިނަގުނަ މަސައްކަތްތަކެއް ކުރަން ޖެހިފައިކަމަށެވެ. މި މަސައްކަތްތައް ކާމިޔާބީއާ ހަމައަށް ގެންދެވޭނީ މުހިންމު ރުކުންތަކެއް ފުރިހަމަވެގެންކަމަށާއި، އޭގެ ތެރެއިން އެންމެ މުހިންމު
ރުކުންތަކަކީ، ޢަދުލުވެރިވުމާއި، އިންޞާފު ޤާއިމުކުރުމާއި، ހެޔޮކަންކަމަށް އަމުރު ކުރުމާއި، ނުބައިކަންތައްތައް ނަހީކުރުމުންކަމަށްވެސް ޚުޠުބާގައި ވިދާޅުވިއެވެ. ޢަދުލުވެރިކަން ނެތް އެއްވެސް މުޖުތަމަޢެއްގައި، ހެޔޮކަމެއް ނޯންނާނެކަމަށާއި، އިންސާފާއި ހަމަހަމަކަން ނެތް މުޖުތަމަޢެއް ގައި، ޞުލްޙަވެރިކަމެއް ނޯންނާނެކަމަށްވެސް ހަނދާކޮށްދެއްވިއެވެ.

ހެޔޮކަންކަމަށް އަމުރުކުރުމާއި، ނުބައިކަންތައްތައް ނަހީ ނުކުރާ މުޖުތަމައެއް ވެގެންދާނީ މުންކަރާތްތައް ޢާއްމުވެފައިވާ، ބާއްޖަވެރިކަމެއް ނެތް މުޖުތަމަޢަކަށްކަމަށާއި، ހެޔޮ ކަންކަމަށް އަމުރުކޮށް، ނުބައިކަންކަން ހުއްޓުވުމަކީ އިސްލާމީ މުޖުތަމަޢެއްގެ އެންމެ އިސް ރުކުންކަމަށްވެސް ޚުޠުބާގައި ވިދާޅުވިއެވެ.

ޒުވާނުންނަކީ، މި ޤައުމުގެ އުއްމީދުކަމަށާއި، ޤައުމު ދިރިއޮތުމުގެ ސިއްރުކަން ބަޔާންކުރައްވާ ޚުޠުބާގައި ވަނީ ކޮންމެ ޒުވާނަކަށް ލިބޭ ދެރައަކީ، ނުވަތަ ހިތާމައަކީ، އެކަމުގެ މައްޗަށް ޢާއިލާތަކާއި، މުޅި ޤައުމު ހިތާމަކުރާނޭ ކަމެއްކަން ހަނދާންކޮށްދެއްވާފައެވެ. އަދި އިސްލާމް ދީން ޒުވާނުންނަށް ތަޢުރީފުކޮށްފައިވާކަންވެސް ބަޔާންކުރެއްވިއެވެ.

ހެޔޮ ގޮތުގައި ތަރުބިޔަތުވެގެން ﷲ އަށް އަޅުކަން ކުރުން މަތީ ދެމިހުންނަ ޒުވާނާއަށް ޤިޔާމަތް ދުވަހު، މާތް ﷲ ގެ ޢަރުޝީގެ ހިޔާވަހިކަން ދެއްވާނެ ކަން ވަނީ ބަޔާން ކޮށްދެއްވާފައެވެ. ކީރިތި ރަސޫލާ ގެ ޙަދީޘް ކުރައްވާފައި ވެއެވެ.  "މާތް ﷲ އެންގެވި ގޮތުގައި ތަރުބިޔަތުވެގެން އަޅުކަން ކުރުން މަތީ ދެމިހުންނަ ޒުވާނާއަށް މާތް ﷲގެ ޢަރްޝީގެ ހިޔާވަހިކަން ލިބިގެން ވެއެވެ." ކޮންފަދަ މަތިވެރި ނަޞީބެއްހެއްޔެވެ؟ މިނަޞީބު ޙާޞިލުވުމަށް ނޭދޭނީ ފަހެ ކޮންޒުވާނެއް ހެއްޔެވެ،

– ހުކުރު ޚުޠުބާ

ހަށިގަނޑުގެ ގޮތުން ބަލިކަށި މުއުމިނަކަށް ވުރެ، ހަށިގަނޑުގެ ގޮތުން ވަރުގަދަ މުއުމިނާ ދެކެ، މާތް ﷲ ލޯބިވެވޮޑިގެން ވާކަމަށާއި، އެހެންކަމުން ހަށިގަނޑު ދުޅަހެޔޮކޮށް ބެހެއްޓުމަށްޓަކައި، ޝަރުޢީ ގިއުގަނޑުގެތެރޭގައި، ކުޅިވަރު ކުޅުމާއި، ކަސްރަތު ކުރުމަކީ އިސްލާމް ދީން މަނާކުރާ ކަމެއްނޫންކަމަށްވެސް ޚުޠުބާގައި ވިދާޅުވިއެވެ.

ޚުޠުބާގައި ވިދާޅުވީ، އިސްލާމީ ގިއުގަނޑުގެ ތެރޭގައި، އުފާ ފާޅުކުރުމާއި، ދަތުރު ދިއުމާއި، ޙަފްލާތައް ބޭއްވުވުމަކީ ދީން މަނާކުރާކަމެއް ނޫންކަމަށާއި، ކީރިތި ރަސޫލާގެ
ޙަޔާތްޕުޅުގައި އެކަލޭގެފާނުވަނީ މިކަންކަމުން ނަމޫނާ ދައްކަވާފައިކަމަށްވެސް ވިދާޅުވިއެ. އެކަލޭގެފާނު އުފާ ފާޅުކުރެއްވިކަމަށާއި، ބޮޑެތި މީހުންނާއި، ކުޑަކުދީންނާ ސަމާސާކުރައްވައި އުޅުއްވިކަމަށްވެސް ވިދާޅުވިއެވެ.

އެއްވެސް ކަމެއްގައި، ދުވަހަކުވެސް އިތުރުފުޅެއް ނުހައްދަވައެވެ. ހުތުރު ބަސްފުޅެއް ވިދާޅެއް ނުވެއެވެ. ވިޔާނުދާ އަދި ބޭއަދަބީ ކަމަކަށް ފުރުޞަތެއް ނުދެއްވައެވެ. މުންކަރާތްތަކަށް މަގުފަހިވާ ކޮންމެ ދޮރެއް ބަންދު ކުރެއްވިއެވެ. މުސްލިމް އަޚުންނޭވެ! މުންކަރާތްތައް މަނާކުމުގައި، މީހުން ބަދުނާމުކޮށް، އެމީހުންގެ ޢާއިލާއަށް މަލާމާތް ރައްދުކޮށް، ފަޟީޙަތްކުރުމަކީ، ކީރިތި ރަސޫލާ މަނާކުރައްވާފައިވާ ކަންކަމެވެ. ކީރިތި ރަސޫލާ ގެ ޙަޔާތްޕުޅުގައި، ތަކުރާރުކޮށް ރާބުއިމުގެ ސަބަބުން ޙާޟިރު ކުރެވުނު މީހާއަށް އަދަބު ދެވެމުން ދަނިކޮށް، މީހަކު އޭނާއަށް ލަޢުނަތްދީ މަލާމާތްކުރި މައްސަލާގައި، ކީރިތި ރަސޫލާ ( އެކަން މަނާކުރެއްވިއެވެ. ކުށަށް އަރައިގަންނަ ޒުވާނުންނަށް ނަސޭހަތްދީ، ތަރުބިޔަތުކޮށް، އެމީހުންނަށް ރަނގަޅު މުސްތަޤްބަލެއް ހޯދައިދޭން މަސައްކަތް ކުރަން ޖެހޭނެއެވެ.

– ހުކުރު ޚުޠުބާ

ހުކުރު ޚުޠުބާގައި ވަނީ، މަރުވަނީ، ހަމައެކަނީ އުމުރުން ދުވަސް ވުމަކުން ނޫންކަން ހަނދާންކޮށްދެއްވާފައެވެ. އެހެން އެކަން އޮތްނަމަ، މަރުވާ މީހުންގެ ތެރޭގައި ޒުވާނުންނާއި، ކުޑަކުދިންނެއް ނުހިމެނުނީސްކަމަށާއި، ކޮންމެ އިންސާނެއްގެ ވެސް އަޖަލު އަޖަލު ވަނީ ކަނޑައެޅިފައިކަމަށް ބަޔާންކުރެއްވިއެވެ. އެއީ، ﷲ މެނުވީ އެހެން ފަރާތަކަށް އެނގިގެންނުވާ ސިއްރެއްކަމަށާއި، އެހެންކަމުން ކޮންމެ މީހެއްގެވެސް އަޖަލް ހަމަވެ، ﷲ ގެ ޙަޟްރަތަށް ދިޔުމަށް ގޮވާލެވޭ ހިނދު، އެމީހަކު ކުޅަ ހެޔޮޢަމަލެއް ފިޔަވައި، މިދުނިޔެއިން އޭނާއަށް އިތުރު އެއްޗެއް ނުގެންދެވޭނެކަން ބަޔާންކުރައްވާ ހެޔޮ ޢަމަލުތައް އިތުރުކުރުމަށް ޚުޠުބާގައިވަނީ ނަސޭހަތްތެރިވެވަޑައިގެންފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ