މަރުވެފައި އޮއްވާ ފެނުނު އައިޖީއެމްއެޗްގެ ނަރުސް މޭރީ ގްރޭސްގެ ހަށިގަނޑު އާއިލާއާއި ހަވާލުކުރުމަށް ފިލިޕީންސްއަށް ފޮނުވާފާއިވާކަމަށް ފުލުހުން ބުނެފިއެވެ.
ނަރުސްމީހާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށްފަހު ރާއްޖެ ގެނައީ މިމަހު 7ގައެވެ.
ނަރުސް މީހާގެ މަރާއި ގުޅިގެން ޝައްކު ކުރެވޭ ކަންތައްތަކެއް ހުރުމުން ޕޯސްޓްމޯޓަމް ހެދުމަށްފަހު އޭނާގެ ހަށިގަނޑު މާލެ ގެނައީ އިއްޔެއެވެ. ނަރުސް މީހާގެ މަރާއި ގުޅިގެން އޭނާގެ ފިރިމީހާ ވަނީ ހައްޔަރުކޮށްފައެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި ޕިލިޕީންސަށް ނިސްބަތްވާ އަންހެން މީހާ އަދި އޭނާގެ ފިރިމީހާވެސް މަސައްކަތްކުރަމުންދިޔައީ ނަރުހުންގެ ގޮތުގައި އައިޖީއެމްއެޗްގެ އެއް ޑިޕާޓްމަންޓެއްގައެވެ. އެ ދެ މީހުންގެ ދަރިއަކުވެސް ހުރެއެވެ.
ފިލިޕީންސްގެ މިއަންހެން މީހާ މަރުވެފައިވާ ކަމަށް ބުނެ އިމަރޖެންސީގައި ހޮސްޕިޓަލަށް ގެންދިޔައީ އޭނާގެ ފިރިމީހާއެވެ. ޑިއުޓީގައި އުޅުމަށްފަހު ބްރޭކަށް ގެއަށް ދިޔަތާ ކުޑަ ވަގުތުކޮޅެއްފަހުން، އޭނާ މަރުވެއްޖެކަމަށްބުނެ ފިރިމީހާ އެމްބިއުލާންސް ފޮނުވަން ގުޅި ކަމަށާއި ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް އަންހެން މީހާ މަރުވެފައިވާ ކަމަށް މަޢުލޫމާތުލިބެއެވެ.
ނަރުސްމީހާގެ ޕޯސްޓްމޯޓަމް ވަގުތީ ރިޕޯޓް މިހާރު ވަނީ ލިބިފައެވެ. އެ ރިޕޯޓްގައިވާގޮތުން އޭނާ މަރާލާފައިވާކަމަށް ބެލެވެނީ ނޭވާ ހާސްކޮށްލައިގެންކަމަށްވެސް މަޢުލޫމާތު ލިބިފައިވެއެވެ. ނަމަވެސް މިކަމާއ ގުޅޭގޮތުން ފުލުހުން އަދި އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.
ނަރުސް މީހާ މަރުވެފައިވާ ހަށިގަނޑު ހޮސްޕިޓަލަށް އޭނާގެ ފިރިމީހާ ގެންދިޔައިރު، މަންޒަރު ދުށް ބައެއް މީހުން ބުނިގޮތުގައި ނަރުސްމީހާ މަރުވެފައިވާ ކަމަށް ބުނެ ހޮސްޕިޓަލަށް ގެންދިޔަ ވަގުތު އޭނާގެ ފިރިމީހާގެ ކިބައިން އާދަޔާ ޚިލާފް ކަންތައްތަކެއް ފާހަގަވެފައިވެއެވެ. އެގޮތުން އޭނާ ނޭވާ ހާސްވެގެން ކުއްލިއަކަށް މަރުވީކަމަށާއި، އަދި ދަންޖެހިގެން އޭނާ މަރުވީކަމަށް އަނެއްބައި ފަހަރު އޭނާގެ ފިރިމީހާ ބުނަމުންދިޔަ ކަމަށް މަންޒަރުދުށް މީހުން ބުނެއެވެ.
އެމީހުން ބުނިގޮތުގައި އޭނާގެ ކަރުގައި ކޮންމެވެސް ކަހަލަ ނިޝާންތަކެއް ހުއްޓެވެ. ނަމަވެސް އެއީ ކަރުގައި ވާ/ފޮތި އައްސައިގެން ދަންޖެހިފައިވާ ނިޝާންތަކަކަށްވުރެ ބޮޑަށް ޝައްކު ކުރެވެނީ، މީހާ ހާސްކޮށްލަން މަސައްކަތްކޮށްފައިވާ އިނގިލީގެ ނިޝާންތަކެއްގެ ގޮތުގައިކަމަށް މަންޒަރު ފެނުނު މީހުން ބުނެފައިވެއެވެ.
ގްރޭސް މަރާލިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ އޭނަގެ ފިރިމީހާގެ ބަންދަށް ވަނީ އިތުރު 15 ދުވަސް ކޯޓުން ޖަހާފައެވެ. ގްރޭސްއާއި އޭނާގެ ފިރިމީހާ ކައިވެނިކޮށްފައިވަނީ 2016 ވަނަ އަހަރުގެ ތެރޭގައެވެ.