އަންނަ އަހަރަށް ދައުލަތުން ލަފާކުރާ ބަޖެޓުގައި ޖަހާފައިވާ އަދަދުތައް ދިމާނުވާ ކަމަށާއި، ޚިޔާލީ އަދަދުތަކަކަށް ދައުލަތުގެ ބަޖެޓް ހެދުން ހުއްޓާލަންޖެހޭ ކަމަށްރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިޤު ވިދާޅުވެއްޖެއެވެ.
އަންނަ އަހަރަށް ދައުލަތުން ލަފާކުރާ ބަޖެޓް ބަހުސްގައި ވާހަކަ ދައްކަވަމުން ތޯރިގު ވިދާޅުވީ، މިއަހަރަށް ސަރުކާރުން ހުށަހެޅި ބަޖެޓުގައި އަމްދަނީ ލިބޭނެކަމަށް ޖަހާފައިވާ އަދަދުތަކާއި، ޖަހާފައިވާ ހިސާބުތައް ދިމާނުވާކަމަށެވެ. ތޯރިިގު ވިދާޅުވީ ރާއްޖެއަށް ފަތުރުވެރިން އައި އަދަދު މިލިއަނެއް ފަހަނައަޅައި ހިނގެއްޖެ ކަމަށް ސަރުކާރުން ބުނި ނަމަވެސް މީރާއަށް ޓެކްސްގެ ގޮތުގައި ލިބޭ އަދަދު އިތުރުނުވާ ކަމަށެވެ. އެހެންކަމުން ސަރުކާރުގެ ހިސާބުތަކުގައި ނުބައެއް އުޅޭ ކަަމަށް ވިދާޅުވިއެވެ.
ރާއްޖެއަށް ފަތުރުވެރިން އިތުރުވެފައިވާކަމަށް ބަޖެޓުގައި ޖަހާފައިވާ އަދަދުތަކަކީ ރަނގަޅު އަދަދުތަކެއް ނޫންކަމަށާއި، އިންޑިޔާއިން ރާއްޖެއަށް ކަރަންޓީނަށް އައި 3 ލައްކައެއްހާ މީހުންނަކީވެސް ފަތުރުވެރިންކަމައި ޖަހައި އަދަދު މުޅިން އޮޅުވާލާފައިވާކަމަށެވެ. އެމީހުން ނިދައި ކާބޮއި ހެދީ އަތޮޅު ތެރޭގެ ރަށްރަށުގެ ގޭގޭގައާއި، ފަޅު އޮޑިފަހަރުގައި ކަމަށާއި، މިއީވެސް ޓުވަރިސްޓުންގެ ގޮތުގައި ގުނިނަމަވެސް ދައުލަތުގެ ޓެކްސް އިދާރާއަށް އިތުރުވި އެއްޗެއް ނެތްކަމަށެވެ.
ޓޮމް ވިދާޅުވީ މިއަހަރަށް ލަފާކުރި ބަޖެޓުގައި އިންޑިއާއިން 300 މިލިޔަން ރުފިޔާގެ ހިލޭ އެހީ ލިބޭނެކަމަށް ޖެހި ނަމަވެސް މިއަހަރަށް ހުށަހެޅި ބަޖެޓުން ފެންނަން އޮތީ 73 މިލިޔަން ކަމަށެވެ. މިއީވެސް އަދަދު ދިމާނުވާ އެއްކަމެއްކަމަށް އޭނާ ފަހަގަ ކުރެއްވިއެވެ. އިންޑިއާއި ބޭނުންވީ މޮޅު ވާހަކަ ދައްކައި، ކުލަ ހުވަފެންތައް ދައްކައިގެން އެމީހުން ބޭނުންވި ކަންކަން ހާސިލް ކުރަން ކަމަށާއި، އެކަން އިންޑިއާއިން ހާސިލް ކޮށްފައިވާކަމަށެވެ.
މިވީ 3 އަހަރުގެ ތެރޭގައި އިންޑިއާއިން ބޭނުންވި ހުރިހާ އެއްބަސްވުމެއް ހަދައި، ރައްޖޭގައި އިންޑިއާގެ ސިފައިން ބައިތިއްބައި، ކަނޑުގެ ސަރަހައްދު ބެލެހެއްޓުމުގެ ބޮޑު ކޮންޓްރޯލެއްވެސް ނަގާފައިވާކަމަށެވެ. މިކަންކަން އެއްވެސް އަގެއްނެތި ކުރުމަށްފަހު، މިސަރުކާރަށް ކުރިއަށް އޮތް ދެ އަހަރުގައި އިންޑިއާގެ ފަރާތުން ވާނެ އެއްވެސް ފައިދާއެއް ދެން ނޯންނާނެކަމަށް ތޯރިގު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މިއީ ސަރުކާރުން އެއްވެސް ޕްލޭނެއް ނެތި، ވަކި ޤައުމެއްގެ އުގަށް ވެއްޓުމުން ލިބުނު ނަތީޖަކަމަށެވެ. މިކަމުގެ ސަބަބުން ދައުލަތުގެ ދަރަނި 100 ބިލިޔަނަށް މިފަސް އަހަރުގައި އެރުން ނޫންކަމެއް ނުވާނެކަމަށް ޓޮމް ވިދާޅުވިއެވެ.
އެމީހުން އަޅާލަންޖެހޭ އެއްވެސް ސަބަބެއް ނޯންނާނެ ކުރިއަށް އޮތް ދެ އަހަރު. ނަންބަރުތައް ދިމާނުވާ ގޮތަށް ހަދައިގެން މިދަނީ 49 ބިލިޔަން ރުފިޔާގެ ދަރަންޏަކާއި ދިމާލަށް. މިކަމާއި މިއަދު ވިސްނަންޖެހޭ. ކޮންމެ އަހަރަކު 10 ބިލިޔަން ދަރަނި މިފެންނަނީ. ކިހިނެތްތޯ އަޅުގަނޑުމެންގެ ދަރިން މިދަރަނި ހިފައިގެން ދާނީ.
– ތޯރިޤު ވިދާޅުވިއެވެ.
އަންނަ އަހަރުގެ އިންފްލޭޝަން މައްޗަށް ނުދާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު މިއަދު މަޖިލީހުގައި ދެއްކެވި ވާހަކަތަކަށް ވެސް ތޯރިގު ރައްދު ދެއްވިއެވެ. އެގޮތުން ކުރިން ކޮންޓޭނަރެއް ގެންނަން 3000 ޑޮލަރު ހޭދަވި ނަމަވެސް މިހާރު ބަނަދަރުތައް ހުއްޓި 7000 ޑޮލަރު ހޭދަކުރަން ޖޭހޭތީ މުދާ އުފުލާ ފަރާތްތަކުން މުދަލުގެ އަގު ބޮޑުނުކުރާނެތޯ ސުވާލު އުފެއްދެވިއެވެ.
ޓޮމް ވަނީ ނުދިޔޭގެ މަލީ އިދާރާތަކުންނާއި، ބޮޑެތި ޤައުމުތަކުން އިޤްތިޞާދު ލަފާކުރާ ގޮތާއި ޚިލާފަށް ރާއްޖެއިން ހިސާބު ޖައްސަވާތީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.
ކޮމެންޓު ފޮނުވާ