މި ސަރުކާރަށް ވުރެ ކުރީ ސަރުކާރުގެ ދަރަނި މާބޮޑު: އަމީރު

މި ސަރުކާރަށް ވުރެ ކުރީ ސަރުކާރުގެ ދަރަނި މާބޮޑު: އަމީރު

Author
މުޙައްމަދު ޝަޒައިމް
10 ނޮވެމްބަރ 2021 03:06
0

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހްގެ ވެރިކަމުގެ ފާއިތުވި 3 އަހަރުދުވަހުގެ ތެރޭގައި ނަގާފައިވާ ދަރަންޏަށްވުރެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ނަގާފައިވާ ދަރަނި އިތުރުކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި ދައުލަތުގެ ބަޖެޓާއި ދައުލަތުގެ ދަރަންޏާއި ގުޅޭގޮތުން މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙްގެ ވެރިކަމުގެ ތިން އަހަރުދުވަހުގެ ތެރޭގައި ވޭތުވެ ދިޔަ ސަރުކާރުތަކާއި އަޅާބަލާއިރު ދަރަނި ކުޑަކަން ފާހަގަކުރައްވާ މިނިސްޓަރ އަމީރު ވިދާޅުވީ އެންމެ ބޮޑު ދަރަންޏެއް އޮތީ ކުރީގެ ރައީސް އަބްދުﷲ ޔާމިން އަބްދުލް ޤައްޔޫމްގެ ވެރިކަމުގައިކަމަށެވެ. މިގޮތުން ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ދަރަނި 39.6 ބިލިއަން ރުފިޔާއަށް އުފުލިގެން ދިޔަކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ވޭތުވެދިޔަ 4 ސަރުކާރުގެ ދަރަނީގެ ތަފާސް ހިސާބުތައް ހުށައަޅައިދެއްވަމުން މިނިސްޓަރ ވިދާޅުވީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސަރުކާރުގައި މުޅި ޖުމްލަ ދަރަނި ހުރީ 6.2 ބިލިއަން ރުފިޔާގައި ކަމަށެވެ. އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްތިއުފާ ދެއްވުމާއި ހަމައަށް އެ މަނިކުފާނުގެ ސަރުކާރުގެ ދަރަނި ހުރީ 11.3 ބިލިއަން ރުފިޔާގައިކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ. ހަމައެހެންމެ އޭގެ ފަހުން ވެރިކަމަށް ވަޑައިގެންނެވި ރައީސް ވަހީދުގެ ވެރިކަމުގައި ދަރަނި ހުރީ 6.2 ބިލިއަން ރުފިޔާގައިކަމަށް ފާހަގަކުރެއްވިއެވެ.

މިނިސްޓަރ އަމީރު ވިދާޅުވީ އެ ދަރަންޏަކީ ސީދާ ޑައިރެކްޓް ސަރުކާރުގެ ސެންޓްރަލް ގަވަމެންޓް ދަރަންޏާއި ސޮވްރިން ގެރެންޓީ ދަރަނި ކަމަށެވެ. މިގޮތުން މި ސަރުކާރުގެ ދަރަނި މިހާތަނަށް ހުރީ 34 ބިލިއަން ރުފިޔާ ކަމަށެވެ. އަދި ކޮންމެވެސް ވަރެއްގެ ދަރަންޏެއް ދައްކަން މިހާރުވެސް އެމްއެމްއޭއަށް ހަވާލުކޮށްފައިވާކަން ފާހަގަކުރެއްވިއެވެ.

ރައީސް ޔާމީންގެ ސަރުކާރުން ސޮއިކުރި ލޯނު އެއްބަސްވުންތަކަށް ބަލާއިރު އެ ސަރުކާރުގައި 58.9 ބިލިއަން ރުފިޔާއަށް ދަރަނި އަރާކަމަށްވެސް އަމީރު ވިދާޅުވިއެވެ. މި ސަރުކާރުން ސޮއިކުރި ލޯނު އެއްބަސްވުންތަކުގެ އަދަދު އުޅެނީ 51.1 ބިލިއަން ރުފިޔާގައެވެ.

މިނިސްޓަރ ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމުގެ ދަރަނި އެހާ މައްޗަށް އުފުލިފައިވަނީ ދުނިޔޭއާއި ރާއްޖޭގެ ވެސް އިގްތިޞާދު އެންމެ ރަނގަޅަށް އޮތް ދުވަސްވަރުކަމަށެވެ. ނަމަވެސް މި ސަރުކާރުގެ ދަރަނި އުފުލިފައިވަނީ ދުނިޔެ ނުދެކޭފަދަ ބަލިމަޑުކަމެއްގެ ތެރޭގައިކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. މިނިސްޓަރު އަމީރު ވަނީ ސަރުކާރުގެ ދަރަނި އުފުލިފައިވަނީ ކޯވިޑް-19 މެނޭޖުކުރަންކަމަށްވެސް ވިދާޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.