މިއަދު ކަންކަން ވަނީ ބާރާއި، ނުފޫޒު އޮތް މެމްބަރުންނަށް ކަމަށާއި، އޭނާގެ ދާއިރާގައި ފާއިތުވި 3 އަހަރު އަސާސީ ހައްގު ނުލިބި އާދޭސްކުރަމުން ދިޔައިރުވެސް އެކަން ކޮށްދީފައި ނުވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ކަނޑެތީމު ދައިރާގެ މެމްބަރު ޢަބްދުﷲ ޝަހީމް ޢަބްދުލްޙަކީމް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިފައިވާ އަންނަ އަހަރުގެ ބަޖެޓް ބަހުސްގައި ވާހަކަ ދައްކަވަމުން ޝަހީމް ވަނީ އޭނާގެ ދާއިރާގެ ޝުއޫރުތައް ބަންޑުން ކޮށްލާފައެވެ. ބަޖެޓަށް މިއަދު އެންމެ ފުރަތަމަ ވާހަކަ ދެއްކެވީ މެމްބަރަކީވެސް ޝަހީމްއެވެ. އޭނާ ވިދާޅުވީ ބަޖެޓުން ފެނިގެންދަނީ އޭނާގެ ދާއިރާއަށް ފާއިތުވެދިޔަ 3 އަހަރުވެސް އެއްކަމެއް އެއް އަދަދުތަކެއް އޮތް ތަންކަމަށެވެ.
ބަޖެޓުގައި ކަންކަން އޮތަސް ނެތަސް ކަންކަން ވަމުންދަނީ ވަކި މެމްބަރުންނަށް ކަމަށާއި، ބާރުހުރި ނުފޫޒުގަދަ މެމްބަރުންނަށް ކަންކަން ވާކަމީ ހިތާމަހުރި ކަމެއްކަމަށެވެ. ދާއިރާގެ ބަޖެޓުގައި ހުރި ކަންކަން ހަމަޖެއްސުމަށް ފާއިތުވެދިޔަ ދުވަސްތަކުގައި ތަކުރާރުކޮށް ގުޅުމުންވެސް ފޯނުވެސް ނުނަގާ ވަޒީރުން ތިއްބެވި ކަމަށާއި، މިގޮތަށް ކަންކަންދާނަމަ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަށް ބަދަލު ކުރުމަށް ތާއީދު ކުރާނެކަމުގެ އިޝާރާތެއްވެސް މެމްބަރު ޝަހީމް ވަނީ ދެއްވާފައެވެ.
އިއްޒަތްތެރި ރައީސް އަޅުގަނޑުމެން މިއުޅެނީ މިދިޔަ އަހަރު ބަޖެޓުގައި ހުރި ކަންކަން ތަންފީޒު ނުވެގެން. އަސާސީ، އަސާސީ ކަންކަން ތަންފީޒު ނުވެގެން މިއުޅެނީ. އަޅުގަނޑުމެން މިއުޅެނީ ކަނޑެތީމު ދާއިރާގެ ރައްޔިތުންނަށް ފެނާއި ނަރުދަމާގެ ހައްގު ނުހޯދިގެން. މިއަދު އަޅުގަނޑުމެންނަށް އެބަފެނޭ ބާރާއި ނުފޫޒު އޮތް މެމްބަރުންނަށް އެބޭފުޅުންގެ ދައިރާތަކުގައި އިންތިހާއަށް ކަންކަން ކުރާތަން.
– ޝަހީމް ވިދާޅުވިއެވެ.
ޝަހީމް ވިދާޅުވީ ސަރުކާރުން ރަނގަޅަށް ކަންކަން ކުރާނަމަ އެވާހަކަ ދައްކާނެކަމަށެވެ. އަދި ގޯސްކޮށް ހިނގާ ކަންކަމުގެ ވާހަކަވެސް ދައްކާނެކަމަށެވެ. ނަމަވެސް ބައެއް ވަޒީރުން ސަރުކާރުން ދާއިރާތަކަށް ކުރަންޖެހޭ ކަންކަން ކޮށްދެއްވުމުގައި ފަރުވާ ކުޑަ ކުރަމުމުންދާކަމީ ފެންނަ މަނަޒަރެއްކަމަށެވެ. މިއީ އެއްގޮތަކަށްވެސް ތާއީދު ކުރާނެ ކަމެއް ނޫންކަމަށް ޝަހީމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މިކަން ކުރުމުގައި އޮތް މައްސައަކީ ނިޒާމު ބަދަލު ކުރުންކަމުގައިވާނަމަ އެކަން ކުރުމަށްވެސް ފަސްޖެހުމެއް ނެތްކަމަށެވެ.