ދިވެހިރާއްޖޭގެ ވަޒީފާގެ ބާޒާރުގައި މެދުކެނޑުމެއްނެތް އެއް ޝަކުވާއަކަށް ވެގެން ގޮސްފައިވަނީ އެކަށީގެންވާ މުސާރަ ނުލިބޭކަމުގެ ޝަކުވާއެވެ. ނުވަތަ ކުރަންޖެހޭ މަސައްކަތްތަކާ އަޅާ ކިޔާލެވޭވަރުގެ މުސާރައެއް ވަޒިފާ ދޭ ފަރާތުން ނުދޭކަމުގެ ޝަކުވާތަކެވެ. އެހެން ގޮތަކަށް ދަންނަވަނީނަމަ، ދިރިއުޅެވޭވަރުގެ މުސާރައެއް ލިބެން ނެތްކަމުގެ ޝަކުވާއެވެ.
މި ހުރިހާ ޝަކުވާތަކާއެކުވެސް، ފާއިތުވެދިޔަ މުއްދަތުގައި، އެއްވެސް ސަރުކާރަކަށް ހައްލު ނުކުރެވި އޮތް އެއް މައްސަލައަކަށް ވެގެން ގޮސްފައި އޮތީ، ދިވެހިރާއްޖޭގައި ވިޔަފާރި ކުރަމުންދާ ފޯރުންތެރިންނަށް އެމީހުންގެ ގާތުގައި މަސައްކަތް ކުރަމުންދާ އާދައިގެ މުވައްޒަފުންނަށް އެކަށީގެންވާ މުސާރައެއް ދޭން ގާނޫނީ ގޮތުން ލާޒިމް ކުރެވިފައި ނޯންނަ މައްސަލައެވެ. ނަތީޖާއެއްގެ ގޮތުން، ދިވެހިރާއްޖޭގައި ރަގަޅަށް ވިޔަފާރި ކުރަމުން އަންނަ ގިނަ ކުންފުނިތަކުން، ބޮޑު މުސާރާގައި ފަންނީ މީހުންނަށް ވަޒީފާ ދީގެން ގެގުޅެމުން ދިޔަނަމެވެސް، މިފަދަ ގިނަ ކުންފުނިތައްވެސް ފާއިތުވެދިޔަ ތަނުގައި ފާހަގަ ވެގެން ގޮސްފައިވަނީ، ވަޒީފާ އަދާކުރާ އާދައިގެ މުވައްޒަފުންނަށް އެކަށީގެން ނުވާވަރުގެ ކުޑަ އުޖޫރަދީގެން، މުވައްޒަފުންގެ އެތަކެއް ހައްގުތަކެއް ގުރުބާން ކޮށްގެން ހިންގަމުންދާ ކުންފުނިތަކެއްގެ ގޮތުގައެވެ.
މިގޮތުން ފާހަގަވާން އޮތް ކަމަކީ، މިއުސޫލު ޒަމާނުއްސުރެ ރާއްޖޭގައި ދެމިއޮތީ ޕްރިވެޓް ސެކްޓަރގައި އެކަނި ނޫންކަމެވެ. ދިވެހިރާއްޖޭގައި އޮތް އެންމެ ބޮޑު ލޭބަރ ފޯސްކަމުގައިވާ ސިވިލް ސާވިސްގެ ތެރޭގައިވެސް މިއުސޫލު އޮތީ ހަމަ މިގޮތުގައިކަން ފާހަގަ ކޮށްލަންޖެހެއެވެ.
މިގޮތުން ބަލާއިރު ސިވިލް ސަރވިސްގައި މަސައްކަތްކުރާ 22،378 މުވައްޒަފުންނަކީ އަސާސީ މުސާރައިގެ ގޮތުގައި 6400 ރުފިޔާއަށްވުރެ ދަށް މުސާރައެއް ލިބޭ މީހުން ކަމަށް ފިނޭންސް މިނިސްޓްރީން ދާދިފަހުން ވަނީ ބުނެފައެވެ. އަދި ސިވިލް ސަރވިސްގައި މަސައްކަތްކުރާ 44،838 މުވައްޒަފުންގެ ތެރެއިން އަސާސީ މުސާރައިގެ ގޮތުގައި 6،400 ރުފިޔާއަށް ވުރެ ބޮޑު މުސާރައެއް ލިބެނީ އެންމެ 478 މީހުންނަށްކަންވެސް ފާހަގަ ކޮށްލަން ޖެހެއެވެ.
އެހެންކަމުން، އެތައް ޒަމާނެއްވަންދެން ދިވެހިރާއްޖޭގައި، ވިޔަފާރި ކުރަމުންދާ އަމިއްލަ ފަރާތްތަކުންވެސް، އަދި ސަރުކާރު ތަކުންވެސްވަނީ، ވަޒީފާ އަދާކުރަމުންދާ އާދައިގެ މުވައްޒަފުން ގުރުބާކޮށް، ދިރި ނޫޅެވޭވަރުގެ މުސާރައެއް ދީގެން، ދައުލަތާއި ވިޔަފާރިތައް ހިންގަމުން ގެންގޮސްފައެވެ. ނަތީޖާއެއްގެ ގޮތުން، ވަޒީފާއަދާކުރާ އާދައިގެން ރައްޔިތުންގެ އެންމެ ބޮޑު ޑިމާންޑަކަށް ނުވަތަ އެދޭ އެދުމަކަށް ފާއިތުވެދިޔަ މުއްދަތުގައި ވެގެން ގޮސްފައިވަނީ، މުވައްޒަފުންނަށް ލިބިދޭންޖެހޭ އެންމެ ކުޑަ މުސާރައެއް ކަޑައަޅާދީ މިކަން ގާނޫނަކުން ލާޒިމް ކޮށްދިނުމެވެ.
ގިނަބަޔަކަށް ލިބިގެންދިޔަ ހިންހަމަ ޖެހުމެއް!
ވަޒީފާ އަދާކުރާ އެތައްހާސް މުވައްޒަފަކު، އެތައް ޒަމާނެއް ވަންދެން ކުރަމުން އައި އެންމެ ބޮޑު އުއްމީދަކަށް ވެގެން ގޮސްފައި އޮތީ، "މިނިމަމް ވޭޖު" ކަޑައަޅާ، އެ މުވައްޒަފުން ބަނޑުފުރާ މުއްތި ކުރުމަށް ކުރަމުން އައި މަސައްކަތްތަކަށް ގާނުނީގޮތުން ހިމާޔަތާއި ރައްކާތެރިކަމެއް ފޯރުކޮށް ދިނުމެވެ. އަދި ނުހަނު ފުޅާ ދާއިރާއެއްގައި ވިޔަފާރި ކުރާ، މާލީ ބޮޑި މަންފާތައއް ނެރޭ، ބޮޑެތި ކުންފުނިތަކުން، އާދައިގެ މުވައްޒަފުން ގުރުބާން ކޮށްގެން ވިޔަފާރި ކުރަމުން އަންނަ އައުން ހުއްޓުމަކަށް ގެނައުމެވެ. އެއީ، ވަޒިފާ އަދާ ކުރާ ފަރާތްތަކަށް ވަޒިފާ ދޭފަރާތުން ދޭންޖެހޭ އެންމެ ކުޑަ އުޖޫރަ ކަޑައަޅާ ދިނުމެވެ.
މިޝަކުވާތައް މި ގޮތުގައި އެތައް ޒަމާންތަކެއް ފައިތުވެގެން ގޮސްފައިވަނިކޮށް، ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ސަރުކާރުން މިވަނީ، ވަޒީފާ އަދާކުރާ ދިވެހިންނަށް ދޭންޖެހޭ އެންމެ ކުޑަ މުސާރަ ކަޑައަޅާ، ދިވެހިންނަށް ވަޒީފާދޭ ހުރިހާ ފަރާތްތަކެއްގެ މައްޗަށް އެކަން ލާޒިމް ކޮށްފައެވެ.
މިގޮތުން ރާއްޖޭގައި ދެވޭ އެންމެ ކުޑަ އުޖޫރައިގެ ގޮތުގައި ސަރުކާރުން ކަނޑައަޅާފައިވަނީ 4،500 ރުފިޔާއެވެ. އަދި ވަޒީފާ އަދާކުރާ ފަރާތްތަކަށް ހައްގުވާ އެންމެ ކުޑަ އުޖޫރަތައް ގިންތި ތަކަކަށް ބަހާލެވިފައިވާއިރު، ސަރުކާރުން އާންމު ކުރި އުސޫލުގެ މަތިން އެންމެ ކުޑަ އުޖޫރަތައް ބަހާލެވިގެން ގޮސްފައިވަނީ ތިރީގައި މިވާ އުސޫލުންނެވެ.
– ކުދި ވިޔަފާރިތަށް، 4،500 ރުފިޔާ
– މެދުފަންތީގެ ވިޔަފާރިތަކަށް 7،000 ރުފިޔާ
– ބޮޑެތި ވިޔަފާރިތަޔަށް 8،000 ރުފިޔާ
– ބަޕްލިކް ސެކްޓަރ އަށް 7،000 ރުފިޔާ
އެންމެ ކުޑަ އުޖޫރަ ގަރާރުގައި ސޮއިކުރެއްވުމަށްފަހު މިނިސްޓަރ ފައްޔާޒު ވިދާޅުވެފައިވަނީ މިނިމަމް ވޭޖްގެ ވާހަކަ ދެކެވޭތާ ވިއްސަކަށް އަހަރުވެއްޖެ ކަމަށާއި، އަދި އެކަން ތަންފީޒު ނުކުރެވި ލަސްވި ލަސްވުމަކީ، މިހާރު އެކަން ކުރަން ކުރިމަތިވި އެންމެ ބޮޑު އެއް ގޮންޖެހުން ކަމުގައެވެ.
އަދި މިގެނެވުނު ބަދަލާއެކު، ސިވިލްސާވިސްގައި ވަޒީފާ އަދާކުރާ ފަރާތްތަކުގެ ތެރެއިން 15،000 މީހުންގެ މުސާރަ ރަނގަޅު ވެގެންދާނެ ކަމުގައިވެސް މިނިސްޓަރ ފައްޔާޒު ވިދާޅުވފައި ވެއެވެ. އަދި ފަތުރުވެރިކަމުގެ ސިނާއަތުގައި ހިމެނޭ ގާތްގަނޑަކަށް 13،000 މުވައްޒަފުންނަށް މުސާރަ ރަނގަޅު ވެގެންދާނެ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.
މިނިމަމް ވޭޖް ތަންފީޒުކުރުމަށާއި މުސާރަތައް ހަމަހަމަ ކުރުމަށް 500 މިލިއަން ރުފިޔާ ވަނީ 2022 ވަނަ އަހަރުގެ ބަޖެޓުގައި ހިމަނާފައެވެ. އަދި ޕޭ ހާމަނައިޒޭޝަން ތަންފީޒުކުރުމަށް ރާވައިފައިވަނީ އަހަރުތަކަކަށް ބަހާލައިގެންކަމުން 2023 އަދި 2024 ވަނަ އަހަރަށް ޕޭ ހާމަނައިޒޭޝަންއާއި މިނިމަމް ވޭޖް ތަންފީޒުކުރުމަށް 750 މިލިއަން ރުފިޔާ އަދި 1 ބިލިއަން ރުފިޔާ ކަނޑައަޅާފައިވެއެވެ.
ސަރުކާރުން މުވައްޒަފުންނަށް ލިބެންޖެހޭ އެންމެ ކުޑަ މުސާރަތައް، މަސައްކަތު ގަޑީގެ ނިސްބަތުން ކަނޑައަޅާފައި މިވަނީ، ވަޒީފާއާއިބެހޭ ގާނޫނުގައި ވާ ގޮތުގެ މަތިން، ދުވާލަކު 8 ގަޑއިރު މަސައްކަތް ކޮށް، އަދި މަހަކު 26 ދުވަހު މަސައްކަތް ކުރުމުން ދޭންޖެހޭ އެންމެ ކުޑަ މުސާރައަކީ 4،500 ރުފިޔާގެ މަގުން ހިސާބު ކޮށްގެންނެވެ.
އިގުތިސާދީ ހެޔޮ ބަދަލެއްގެ ފެށުން!
ދިވެހިރާއްޖެއަކީ އެމުނި އެކުލެވިގެންވާ އިގްތިސާދެއް އޮތް ގައުމެއް ނޫނެވެ. މާނައަކީ، ދިވެހި އިގްތިސާދު އަދިވެސް ބިނާ ވެފައި އޮތީ، ގައުމުގެ އުފެއްދުންތެރިކަން އިތުރުކޮށް، ލިބޭ އެއްޗަކުން ދެކޮޅު ޖައްސައިގެން މެނޭޖު ކުރުމުގެ މައްޗަކަށް ނޫނެވެ.
އޭގެ ބަދަލުގައި، ދިވެހިރާއްޖޭގެ އިގުތިސާދުގެ މައިގަޑު ތަނބެއްގެ ގޮތުގައި އަދިވެސް ފެންނާން އޮތީ، ތަރައްގީގެ މަޝްރޫޢުތައް ހިންގުމަށް ނަގަމުންދާ ދިގު މުއްދަތުގެ ލޯނުތަކާއި، އަދި ބަޖެޓް ދެކޮޅު ޖެއްސުމަށް ނަގަމުންދާ ކުރު މުއްދަތުގެ ލޯނު (ބޮންޑު) ތަކުގެ މައްޗަށެވެ. އާ އިގްތިސާދީ ސިނާއަތްތަކެއް، ނުވަތަ އާމްދަނީ ލިބޭނޭ އާ ވަސީލަތްތަކެއް އީޖާދު ކޮށްގެން އަހަރުން އަހަރަށް އިގްތިސާދީ ކުރިއެރުން ހޯދުމުގެ ވިސްނުމެއް އިއްޔެވެސް މިއަދުވެސް ރާއްޖޭގެ އިގްތިސާދީ ސިޔާސަތުތަކުގެ ތެރެއިން ފެންނާކަށް ނެތެވެ.
އަދި މީގެ އިތުރުން، ތަފާތު އެކި ވަޒީފާތަކުގެ މެދުގައި އޮތް މުސާރައިގެ ފަރަގު ބޮޑުކަމާއި، އަދި ވަޒީފާ އަދާކުރުމުގައި މަސްއޫލިއްޔަތާއި، ލިބިފައިވާ ފަންނީ ގާބިލްކަމަށް ބެލުމެއްނެތި ބޮޑެެތި މުސާރަތައް ލިބޭގޮތަށް ސަރުކާރުގެ ވަޒީފާގެ އޮނިގަޑު އެކުލަވާލެވިފައި އޮތުމަކީ ރާއްޖޭގެ އިގުތިސާދަށް ކުރިމަތިވެފައި އޮތް ވަރަށްވެސް ބޮޑު މައްސަލައެކެވެ. އެހެންކަމުން، މުވައްޒަފުންނަށް ލިބެންޖެހޭ އެންމެ ކުޑަ މުސާރައެއް ކަޑައެޅުގެން ދިއުމުން، ވަޒީފާތަކާއި މުސާރައްތައް ގިންތިކުރުމަށް މަޖުބޫރުވެ، ސަރުކާރުގެ މުސާރައިގެ އޮނިގަޑަށް އިސްލާހީ ހެޔޮ ބަދަލުތަކެއް ގެންނަން ސަރުކާރުގެ މައްޗަށްވެސް މަޖުބޫރީ ހާލަތުތަކެއް އޮންނާނެއެވެ.
ހަމަ އެއާއެކު، ދުނިޔޭގެ ގިނަ ގައުމުތަކުގައި، ދެވޭ އެންމެ ކުޑަ އުޖުރައަކީ، އެގައުމުތަކުން ފަގީރުކަން ނައްތާލުމަށްވެސް އަމާޒުކުރެވިގެން ތަންފީޒުކުރެވޭ ސިޔާސަތަކަށް ވުމާއެކު، ކޮންމެ ހައިސިއްޔަތަކުން ބެލިކަމުގައިވި ނަމަވެސް، އެންމެ ކުޑަ މުސާރަ ކަޑައެޅިގެން ދިއުމަކީ، ގިނަ ފަރާތްތަކަށް ފަގީރު ކަމުގެ ގިންތިން ބޭރުވުމަށްވެސް އެޅިގެންދާ ބާރަކަށް ނުނީ ވެގެން ނުދާނެއެވެ. އަދި މީގެއިތުރުން އެންމެ ކުޑަ މުސާރައެއް ކަޑައެޅިގެން ދިއުމުން، ޚަރަދު ކުރާ މިންވަރު އިތުރުވެ، ޓެކްސްގެ ގޮތުގައި ދައުލަތަށް ލިބޭ އާމްދަނީއަށް ކުރިއެރުން ލިބިގެން ދިއުމުގެ ފުރުސަތު ބޮޑު ވެގެންދާނޭ ކަމުގައިވެސް އިގްތިސާދީ ތަޖުރިބާކާރުން ވިދާޅުވެއެވެ.
އަދި ހަމަ އެއާއެކު، ވަޒިފާތަކަށް މީހުން ލޯބިޖެހި، ކުންފުނިތަކުގައި ދިގު މުއްދަތަކަށް މަސައްކަތް ކުރުމުގެ ޝައުގު އިތުރުވެ، މުވައްޒަފުންގެ މެދުގައި އޮންނަ ތަފާތު ކުރުންތައް ނައްތާލުމަށް މަޖުބޫރުވެ، މި ބަދަލުގެ ފައިދާ ގައުމީ އުފެއްދުންތެރެިކަމުން ކުރިޔަށް އޮތް އަހަރުތަކުގައި ފެނިގެން ދިއުމަކީވެސް ކައިރި ކަމެކެވެ.
އެހެންނަމަވެސް، އެއީ، އެންމެ ކުޑަ އުޖޫރަ ކަޑައެޅިގެން ދިއުމުން، ކުރިމަތިވެގެން ހިގައިދާނެ މައްސަލަތަކުގެ ތެރޭގައި ހިމެނޭ، ގިނަ ބަޔަކު ވަޒީފާ އިން މަހުރޫމްވެގެން ދިއުން ފަދަ، ނުވަތަ ގައުމުން ބޭރުގެ މީހުންނަށް ވަޒީފާ ދިނުމަށް ކުންފުނިތަކާއި ވިޔަފާރިތަކުން މިސްރާބު ހިފުންފަދަ، މުސްތަގުބަލުގައި ކުރިމަތިވެދާނޭ އިގްތިސާދީ މިފަދަ މައްސަލަތަކަށް ފަރުވާހޯދާ، ފަރުވާތެރިކަމާއެކީ އެކަންކަމުގެ ހައްލު ހޯދުމަށް އަމާޒުކުރެވިގެން، މަސައްކަތްތަކެއް ނުކުރެވިއްޖެ ނަމަ ކާމިޔާބު ކުރެވިދާނެ ސިޔާސަތެއްކަމުގައި ނުބެލެވެއެވެ.
One Response
އެންމެކުޑަަ އުޖޫރައިގެެ ސަބަބުންް އެންމެބޮޑުފައިދާއެއްކުރާނީީ ސަރުކާރައްް އޭގެސަބަބުންް ތަކެތީގެެ އަގުބޮޑުތަނުންބޮޑުވެެ ޓެކްސްތައްް ވަރައްބޮޑައްް އިތުރުވެގެންދާނެެ އާއްމުދިރިއުޅުމުގެެ ހާލަތައްް ހެޔޮބަދަލެއްް އާއްމުރައްޔިތުންނަކައްް ނުފެންނާނެެ އޭގެބަދަލުުގަަ އެމީހުންް ކުރާންޖެހޭޭ ހޭދަތައްް އަތްނުފޯރާފަށަށްްއަރާނެެ ދެންް އެންމެދެރަކަމަކީީ ރިސޯޓްތަކާއިި ބޮޑަތިި ކުންފުނިތަކުންް ދިވެހިންނައްް ވަޒީފާގެފުރުސަތުު ވަރައްް މަދުވުމަކީީ ނުވެނުދާނެކަމެއްް ތީޔަކީީ ދިވެހިންނައްވުރެބޮޑައްް ބިދޭސީންް އުފާކުރާނެކަމާއިި މެދަކުޝައްކެއްވެސްް ނުކުރަންް ރާއްޖެއަށްް ލިބޭފައިސާއިންް ދިވެހިރައްޔިތުންނަށްް އެންމެފައިދާކުރާނެެ ގޮތަކައްް ބައްޓަންކުރަންޖެހޭޭ
ފެންް ކަރަންޓްް އިންތިހާޔައްް ޚަރަދުބޮޑުު ކުނީގެެ ކަންތައްް މިހާރުގެދޯހަޅިި ވިސްނުމުގެެ ސަބަބުންް މުސީބާތަކައްވެއްޖެެ ކީއްތަވާނީި ކުނިއަޅާނެެ ޑަސްޓްބިންތައްް އެކިސަރަހައްދުގަބަހައްޓާފަަ ފަސޭހައިންް ކުނިއުކޭނެގޮތްތައްް ތަނަވަސްކޮއްދިނިއްޔާާ ކުނިކޮތަޅެއްއެއްލާލަންް އަމިއްލަޔައްް ދިޔަޔަސްް ކޮންމެކުނިކޮތަޅަކައްް 10ރުފިޔާނަގާާ މީވެސްް ފަގީރުންނައްޖެެއްސުންކޮއްް ނިކަމެތިކުރުންނޫންތޯޯ މިގައުމުގަދިވެންނަކީީ ބޭކާރުބަޔަކައްް ހެދުމައްތިކުރާމަސައްކަތްތައްް ހުއްޓާލާފަަ ރައްޔިތުންނައްް ފައިދާހުރިި ކަންކަމައްް ހޭދަކުރޭޭ